މިއަދުން ފެށިގެން ޤުރުއާން ކްލާސްތަކާއި ޓިއުޝަން ކްލާސްތައްވެސް ހިންގޭނީ ރަޖިސްޓަރީ ކޮށްގެން

ދަރިވަރަކު ޤުރުއާން ކިޔަަވަނީ. ފޮޓޯ: ކޮއްކޮމެން ޕްރީ ސްކޫލް

ސްކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ރަޖިސްޓަރީ ކުރަންޖެހޭ ޤަވާއިދަށް މިއަދުން ފެށިގެން އަމަލުކުރަން ފަށައިފިއެވެ.  މިއަދު ޢަމަލުކުރަން ފެށި މި ޤަވާއިދުގެ ދަށުން، ބޭބީ ނާސަރީއާއި، ނާސަރީއަށް ކިޔަވައިދޭ ތަންތަނާއި، ޕްރީސްކޫލާއި، ޅަފަތުގެ ތަޢުލީމުގެ ބޭނުމަށް ހިންގާ އެ ފެންވަރުގެ ތަންތަނާއި، ޓިއުޝަން ދޭ ތަންތަނާއި، ޤުރްއާން ކްލާސްތަކާއި ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދީންނަށް ތަޢުލީމާއި ތަމްރީނުދޭ ތަންތަން އަދި 18 އަހަރުން ދަށުގެ ކުދީންނަށް ދެވޭ ތަޢުލީމާއި ތަމްރީނާއި ހުނަރު ފޯރުކޮށްދިނުމަށް ހިންގާ ތަންތަން ހިންގަންވާނީ ރަޖިސްޓްރީ ކޮށްގެންނެވެ.

މިއަދު ގެޒެޓްކޮށްފައިވާ ޤަވާއިދުގައިވަނީ މިފަދަ ތަންތަން ރަޖިސްޓަރީކުރާނެ ގޮތާއި، ރަޖިސްޓަރީކޮށްދިނުމަށް އެދި ހުށަހަޅާ ފަރާތުގެ ޝަރުޠުތައްވެސް ބަޔާންކޮށްފައެވެ. އެގޮތުން ކިޔަވައިދޭ ތަނެއް ރަޖިސްޓަރީކުރަން އެދި ހުށަހަޅާ ފަރާތަކީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނުގެ ދަށުން ނުވަތަ ޖަމްޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެކަމަށް ބުނެފައިވެއެވެ.

ރަޖިސްޓަރީ ކޮށްދިނުމަށް އެދި ހުށަހަޅާ ޤާނޫނީ ޝަޚްޞެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި ކިޔަވައިދޭ ތަނެއް ރަޖިސްޓަރީ ކުރާއިރު ހުއްދަދޭ ޕްރޮގްރާމްތަކުގެ އިތުރުން، އިތުރު ޕްރޮގްރާމެއް ހިންގާނަމަ، އެ ޕްރޮގްރާމެއް ވަކިން ރަޖިސްޓަރީ ކުރަން ޖެހޭނެކަމަށް މި ގަވާއިދުގައިވެއެވެ.

ކިޔަވައިދޭ ތަނުގައި ހިންގުމަށް ހުއްދަ ދީފައިވާ ޕްރޮގްރާމަކަށް އެއްވެސް ބަދަލެއް ގެނެވޭނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ލިޔުމުން ލިބިގެންނެވެ. ކިޔަވައިދޭ ތަންތަނާއި ޕްރޮގްރާމް ރަޖިސްޓަރީ ކުރުމަށް ފީނެގުމަށް ހަމަޖެހިފައިވާއިރު އަލަށް ރަޖިސްޓަރީކުރާ ތަންތަން ރަޖިސްޓަރީ ކުރުމާއި ޕްރޮގްރާމް ރަޖިސްޓަރީކުރުމަށް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި، 1000 ރުފިޔާ ނަގަން ވަނީ ކަނޑައަޅާފައެވެ.

ކުދިން އަތުން ނަގާ ފީގެ ގޮތުގައި ކިޔަވައިދޭ ތަންތަނުން، އެއްވެސް ބާވަތެއްގެ ފީއެއް އެއްވެސް ނަމެއްގައި ނަގަންވާނީ، ފީގެ އަދަދުތަކުގެ ތަފުސީލުތައް  އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅައިގެން ފާސްކުރުމަށްފަހުގައިކަމަށާއި މިގޮތުން ފާސްކޮށްދޭ ފީގެ ތަފުސީލު، ކިޔަވައިދޭ ތަނުން އާންމުކުރަން ވާނެކަމަށްވެސް މި ގަވާއިދުގައިވެއެވެ.

ކިޔަވައިދޭ ތަނުގެ މަސްއޫލުވެރި ފަރާތުގެ ޒިންމާތަކާއި ކިޔަވައިދޭ ތަނުގެ އިސްވެރިޔާގެ ޝަރުޠުތަކާއި ޒިންމާތައް އަދި ކިޔަވައިދޭ ތަނުގައި މަސައްކަތްކުރާ މުދައްރިސުންނާއި ފަންނީ މުވައްޒަފުންގެ ޝަރުޠުތަކާއި ޒިންމާތައްވެސް މި ގަވާޢިދުގައި ބަޔާންކޮށްފައިވާއިރު ރަޖިސްޓަރީކުރުމަކާ ނުލައި ސްކޫލު ފިޔަވައި ކިޔަވައިދޭ އެ ނޫން ތަންތަން ހިންގުމަކީ މަނާކަމެކެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފަށާއިރު، ރަޖިސްޓަރީނުކޮށް ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 2 މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެއެވެ.

މި ގަވާއިދަށް ޢަމަލުކުރަން ފެށުމުގެ ކުރިން ރަޖިސްޓަރީކޮށްގެން ހިންގަމުންދިޔަ ކިޔަވައިދޭ ތަންތަން، މި ގަވާއިދަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 20 މަސްދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަންވާނެކަމަށްވެސް މިއަދު އަމަލުކުރަން ފެށި ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *