އެމްޔޫ މަނިކު ފައުންޑޭޝަނުގެ އެހީތެރިކަމާއެކު ކެނދިކުޅުދޫ ސްކޫލްގެ ކޮމްޕިއުޓަރު ލެބަށް ބޮޑު ކުރިއެރުމެއް

އެމް ޔޫ މަނިކު ފައުންޑޭޝަނުގެ އެހީތެރިކަމާއެކު ކެނދިކުޅުދޫ ސްކޫލްގެ ކޮމްޕިއުޓަރު ހަދިޔާކުރުން: އެ ސްކޫލްގެ ލެބަށް ޒަމާނީ ކުރިއެރުން ލިބިގެންދާނެ.- ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ޔުނިވަރސަލްގެ ޗެއަރމަން މުޙައްމަދު އުމަރު މަނިކުގެ ފައުންޑޭޝަންގެ ފަރާތުން ނ. ކެނދިކުޅުދޫ ސްކޫލްގެ ކޮމްޕިއުޓަރު ލެބަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފިއެވެ.

އެ ފައުންޑޭޝަނުން ވަނީ ކެނދިކުޅުދޫ ސްކޫލުގެ ލެބަށް 22 ކޮންޕިއުޓަރާއި ދެ އޭސީ ހަދިޔާކޮށްފައެވެ.

ކެނދިކުޅުދޫ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވި ލީޑިންގ ޓީޗަރު، މުޙައްމަދު ޝަރީފު ވިދާޅުވީ ޒަމާންވީ ހަތަރު ކޮންޕިއުޓަރާއެކު މިހާރު ހިންގަމުން އަންނަ ކޮމްޕިއުޓަރލެބުގެ ޚިދުމަތަށް ޒަމާނީ ކުރިއެރުން ލިބިގެންދާނެ ކަމަށެވެ. ދެވަނަ ޓާމުގެ ކިޔެވުން ޖެނުއަރީ މަހުގައި ފަށާއިރު، ވިހި ކުދިންނަށް އެއްފަހަރާ ޚިދުމަތް ދެވޭނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ލެބަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމްގެ އިތުރުން ފަރުނީޗަރު ޖަހަންދާނެ ޚަރަދުވެސް އެމްޔޫ މަނިކު ފައުންޑޭޝަނުން ދޭ ގޮތަށް ވަނީ ނިންމާފައެވެ.

" މިއީ ވަރަށް ބޮޑު ހަދިޔާއެއް. މީގެ ސަބަބުން ދަރިވަރުންނަށް ހީވެސް ނުކުރާވަރުގެ ކުރިއެރުންތަކެއް އަންނާނެ. ކޮންޕިއުޓަރ ކިޔަވާ ކުދިންގެ އިތުރުން ބީޓެކް ދަރިވަރުންނަށް" ޝަރީފު ވިދާޅުވިއެވެ.

މިފަދަ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމުން އެ ސްކޫލުގެ ސީނިއަރ މެނޭޖުމަންޓާއި، މުވައްޒަފުން، އަދި ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާތުން ވަނީ އެމްޔޫ ފައުންޑޭޝަންގެ ޗެއާރމަންއަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ.

ކެނދިކުޅޫދޫ ސްކޫލް
މާސިފުލް ސޮސައިޓީން ޓީވީ ހަދިޔާ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ފޮޓޯ: ކެނދިކުޅުދޫ ސްކޫލް

ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް ކިޔަވައިދެމުން ގެންދާ ކެނދިކުޅުދޫ ސްކޫލްގެ ހުރިހާ ކުލާސްރޫމްތަކެއް ޑިޖިޓަލް ކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް އެ ސްކޫލުން ވަނީ ފަށާފައެވެ. ކުލާސްރޫމްތަކުގައި ކުރިން ބޭނުން ކުރަމުންއައި 40 އިންޗި ޓީޓީ ސްމާޓް އެއަށްވުރެ ބޮޑު ޓީވީތަކަށް ބަދަކު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މި މަސައްކަތަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން މާސިފުލް ސޮސައިޓީގެ އެހީތެރިކަމާއެކު ހަ ޓީވީއެއް ވަނީ އެ ސްކޫލަށް ލިބިފައެވެ. އަދި ކެނދިކުޅުދޫ ކުއްޅަވައްގެ ޢާއިލާގެ ފަރާތުން ވެސް 55 އިންޗީގެ ޓީވީއެއް ވަނީ އެ ސްކޫލަށް ހަދިޔާކޮށްފައެވެ.

" ކޮންމެ ކުލާހެއްގައި ވެސް ޓީވީ ހުންނާނެ. 40 އިންޗީގެ ބަދަލުގައި އެއަށްވުރެ ބޮޑު ޓީވީތަކެއް ހަރުކުރަން ބޭނުންވީ، މަދުވެގެން 25 ވަރަށް ކުދިން ތިބޭ ކުލާހަކަށް އެވަރުގެ ޓީވީއެއް އެކަށީގެން ނުވާތީ" ޝަރީފު ވިދާޅުވިއެވެ.

ކެނދިކުޅުދޫ ސްކޫލްގައި 435 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *