އއ. ހިމަންދޫ ސްކޫލްގެ ގްރޭޑް 8 ގައި ކިޔަވަމުންދާ ދަރިވަރު ޢަބްދުލް ޢަހަދު ބިން މަޢުޞޫމްގެ ބަލިތަކަށް ބޭސްފަރުވާކުރުމަށް އެހީތެރިވުމުގެ ގޮތުން ބެހެއްޓި ފަންޑު ފޮށްޓަށް އެ ސްކޫލުގެ މުއައްޒަފުންގެ އެއްދުވަހުގެ މުސާރަ ހަދިޔާކޮށްފިއެވެ.
ޢަބްދުލް އަޙަދަކީ ސިއްޙީ އެތައް އުނދަގޫ މައްސަލަތަކަކާއިއެކު ވަރަށް ބޮޑެތި ބަލިތަކެއް ތަޙައްމަލް ކުރަމުންދާ ކުއްޖެކެވެ. ނޭވާލާ ނިޒާމް ފެއިލްވެ، މޭގެ ބައެއްގައި ފެން ހެދިފައިވުމުގެ އިތުރަށް ހިތުގެ މައްސަލަތަކެއްވެސް ދަނީ ތަޙައްމަލް ކުރަމުންނެވެ. މީގެ އިތުރުން މައިބަަދައިގެ ކަށިގަނޑުވަނީ ވަރަށް ބޮޑަށް ގުދުވެފައެވެ. އެހެންކަމުން އިތުރު ފަރުވާއަށް އިންޑިއާއަށް ދިއުމަށް އެ އާއިލާއިން ދަނީ މަސައްކަތްކުރަމުންނެވެ.
ހިމަންދޫ ސްކޫލުން “ހެލްޕް ޢަބްދުލް ޢަހަދު"ގެ ނަމުގައި ހުޅުވި ފަންޑު ފޮށިން ލިބުނު އެހީއާއި ސްކޫލް ސްޓާފުންގެ އެއް ދުވަހުގެ މުސާރައިން ދީފައިވާ ފައިސާގެ އެހީ މިހާރު ވަނީ ހަވާލު ކޮށްފައެވެ. މިގޮތުން އެ ސްކޫލުގެ މުއައްޒަފުން ހަދިިޔާކުރި އެއްދުވަހުގެ މުސާރައިން 10،820 ރުފިޔާ ލިިބިފައިވެއެވެ. ސްކޫލުގައި ބެހެއްޓި ފަންޑު ފޮށިން 1،800އަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.

އެ ސްކޫލުން ވަނީ ފަންޑު ފޮށީގެ އިތުރުންވެސް އަހަދަށް އެހީވުމަށް އިތުރު ހަރަކާތެއް ހިންގުމަށް ނިންމާފައެވެ. ހިމަންދޫ ސްކޫލްގެ ޕްްރިންސިޕަލް ޒީނިއާ އަޙްމަދު ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ ޕީޓީއޭއިން ދަރިވަރުންނަށް އިންޓަރވަލް ގަޑިއާއި ދިމާކޮށް ކާއެއްޗެއް ގަނެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސަމުންދާކަމަށެވެ. އެ ހަރަކާތުން ލިބޭ ފައިސާވެސް އެހީގެ ގޮތުގައި ހަދިޔާކުރަން ނިންމާފައިވާކަމަށް ޕްރިންސިލް ޒީނިއާ ވިދާޅުވިއެވެ.
މި އެހީ ހޯދެނީ ދަރިވަރުންނާއި ބެލެނެވެރިންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުކަން ޕްރިންސިޕް ފާހަގަކުރެއްވިއެވެ.
މީގެ ކުރިންވެސް މިފަަދަ ތަފާތު ހަރަކާތްތަކުގައި އެ ސްކޫލުން ހަރަކާތްތެރިވާކަން ފާހަގަކުރައްވަމުން ޕްރިންސިޕަލް ޒީނިއާ ވިދާޅުވީ ޣައްޒާ ފަންޑަށްވެސް އެ ސްކޫލުން ވަރަށްބޮޑު އެހީތެރިކަމެއް ވެދީފައިވާކަމަށެވެ.
އާބާދީގައި 900 ވަރަކަށް މީހުން ދިރިއުޅޭ ހިމަންދޫގެ ސްކޫލުގައި 250 ދަރިވަރުން ތަޢުލީމު ހާސިލް ކުރަމުންދެއެވެ. އެ ސްކޫލަކީ ފައުންޑޭޝަން ލެވެލްއިން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ކިޔަަވައިދެމުން އަންނަ ސްކޫލެކެވެ.
advertisment
ހިޔާލު