މާއުނގޫދޫ ސްކޫލުގައި "އެންޓި-ބުލީން އެވެއަރނަސް" ސެޝަންތަކެއް ކުރިއަށް ގެންގޮސްފި

މާ އުނގޫދޫ ސްކޫލުގެ ޕީ.ޓީ.އޭ އާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން "އެންޓި-ބުލީން އެވެއަރނަސް" ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. އެ ސްކޫލުގެ ގްރޭޑް 4-6 ގެ ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ހަނގާ ކުރުމުން ރައްކާތެރިވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، ސްކޫލާއި އެހެނިހެން މާހައުލުތަކުގައިވެސް ހަނގާ ކުރުމަކީ ކޮބައިކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީ ހަނގާކުރުމުން ދުރުހެލިވުމަށް މަސައްކަތްކުރުމާއި ހަނގާކުރުމުގެ ސަބަބުން އެހެން ކުދިންނަށް ކުރާނެ އަސަރުތަކާއި ދިމާވާނޭ ނޭދެވޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އަދި އެކަމުގެ ޝިކާރައަކަށްވާ ކުދިން ސަލާމަތްކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކޮށް، އެއްވެސް ކުއްޖަކު ބާކީ ނުކޮށް ގުޅިގެން އުޅުމަށް ނަސޭހަތްތެރިވެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

"އެންޓި-ބުލީއިން އެވެއަރނަސް" ސެޝަންތަކުގެ ތެރެއިން.

އެ ސްކޫލްގެ ބެލެނިވެރިންނަށް މައުލޫމާތު ދިނުމަަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި ދަރިން ތަރުބިއްޔަތުކުރުމުގައި ބެލެނިވެރިން ސަމާލުކަންދޭންވީ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ކުށުގެ މާހައުލުން ކުދިން ދުރުހެލިކުރުވުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި ހަނގާކުރުމުގެ މައްސަލަތަކުން ކުދިން ދުރުހެލިކުރުމަށް އެ ކުދިންނާ ވާހަކަދައްކައި ނަސޭހަތްތެރިވާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވެއެެވެ.

ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމްތަކެއް ށ. އަތޮޅުގެ ދެ ރަށެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ.

ފުނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި،  މާއުނގޫދޫ ސްކޫލް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ރަށުގެ ގޭގެއަށް ޒިޔާރަތްކޮށް މައުލޫމާތު ދީފައިވާއިރު މި މަހު 1 ވަނަ ދުވަހު ޅައިމަގު ގޭބިސީތަކަށް ޒިޔާރަތްކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *