ތައުލީމީ ދާއިރާއިން ވަނަ ވަނަ ހާސިލް ކުރި ދަރިވަރުންނަށް ގދ. އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ޕިއްޒާ ނައިޓެއް ބާއްވައިފިއެވެ.
އެސްކޫލުން 18 ދަރިވަރަކު މިފަހަރު ވަނީ ގަދަ 10ގައި ހިމެނިފައެވެ.
މި ޕިއްޒާ ނައިޓް ބާއްވާފައިވަނީ އެ ސްކޫލް ހޯލްގައެވެ. މި ހަފްލާގެ ބައިވެރިންނާއި ދަރިވަރުންނަށް މަރުހަބާ ދެންނެވީ އެ ސްކޫލުގެ ޕްރިންސިޕަލް ޝިފާޒު މުހައްމަދުއާއި އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލް ޖަމްޝީދާ އަބްދުﷲއެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން އެސްކޫލްގެ ޕްރިންސިޕަލް ޝިފާޒް މުހައްމަދު ވިދާޅުވީ ކޮވިޑް-19ގެ ތެރޭގައިވެސް އެ ސްކޫލުގެ ދަރިވަރުން ދެއްކި ހިތްވަރަށް ސާބަސް ދޭންޖެހޭ ކަމަށާއި ސްކޫލުގެ ކާމިޔާބީއަކީ އެ ދަރިވަރުން ކަމަށެވެ. ކޮވިޑް-19 ގެ އެ ހާލަތުގައި ދަރިވަރުން ވަކި ވަކިން ސްކޫލަށް ގެންގޮސް ކިޔަވައި ދިނުމުގައިއާއި ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް މުދައްރިސުން އެއުފުލި ބުރައާއި ވެދެއްވި އެހީތެރިކަމަށްޓަކައި އެފަރާތްތަކަށްވަނީ ޝުކުރު އަދާކުރައްވާފައެވެ.
ކޮންމެ ދަރިވަރަކީވެސް ވަކި ހުނަރެއް ހުންނާނެ ކުއްޖެއްކަމަށާއި އެކުއްޖެއްގެ އެ ހުނަރު ދެނެގަނެ އެކަންކަން ކުރިއެރުމަށް ސްކޫލުތަކުން މަސައްކަތްކޮށް ދޭން ޖެހޭނެކަމަށްވެސް ޕްރިންސިޕަލް ޝިފާޒް ވިދާޅުވިއެވެ. އަދި މިފަހަރަކީ އެ ސްކޫލުގެ އެންމެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނުނު އަހަރުކަންވެސް ފާހަގަކުރެއްވިއެވެ.
މި ހަފްލާގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އިން ދަރިވަރުންނަށް ހުރި ފުރުސަތުތަކާއި ކުރިއަށްދާނެ ދާއިރާއެއް ވިސްނާއިރު ވިސްނަންޖެހޭ މުހިއްމު ކަންތައްތަކާއި ބެހޭ މައުލޫމާތު ވަނީ ފޯރުކޮށްދީފައެވެ. އަދި އެމްއެންޔޫގެ ފަރާތުން ދަރިވަރުންނަށް ކެރިއާ ގައިޑެންސާއި ބެހޭ މައުލޫމަތު ދީފައިވެއެވެ.
މިހަފްލާއަށް ޕިއްޒާ ހަދިޔާ ކޮށްފައިވަނީ އެރަށުގައި ހިންގާ ހަތަރު ރެސްޓޯރަންޓަކުންނެވެ. އަދި އަމާރީ ރިސޯޓްގެ ފަރާތުންވެސް މި ހަފްލާއަށް ހާއްސަ ކޭކެއް ވަނީ ހަދިޔާ ކޮށްފައެވެ. ޕްރިންސިޕަލް ޝިފާޒް ވަނީ އެފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
advertisment
ހިޔާލު