ފ. އަތޮޅު މަދަރުސާގައި ހުނަރުތައް ތަރައްގީކުރުމާއި އަދި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. 2 ދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ މި ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ފ.އަތޮޅު މަދަރުސާގެ ހޯލުގައެވެ. މި ގޮތުން ދަރިވަރުންނާއި ޓީޗަރުންނަށް އަދި ބެލެނިވެރިންނަށް ވަކިން ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމްގައި އެ ސްކޫލުގެ ގުރޭޑް 6ން ފެށިގެން ގުރޭޑް 10 ގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ބެލެނިވެރިންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި ކާމިޔާބު ބެލެނިވެރިއަކަށްވުމުގެ ހުނަރުތަކާއި، މަސްތުވާތަކެތިން ދަރިން ސަލާމަތްކުރުން، އަދި ހިނިތުންވުމުގެ އަޖައިބުތަކާ ބެހޭ ގޮތުން މަޢުލޫމާތު ދެވިފައިވެއެވެ.
މުދަރިއްސުންނަށް ކުރިއަށް ގެންދެވުނު މައުޟޫތަކަކީ ޑައިނަމިކްސް އަދި ކިޔަވައި ދިނުމުގެ މޮޅު ހުނަރުތަކެވެ.

ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ސެޝަންގައި އަމިއްލަ ނަފްސް ތަރައްގީކުރުން، ކިޔެވުމުގެ މޮޅު ހުނަރުތައް، ރަނގަޅު އިޖްތިމާއީ އަދަބުތައް، އަދި ގައުމީ ލޯބި ދިރުވުމާ ގުޅޭ މަޢުލޫމާތުދެވިފައިވެއެވެ.
މި ޕްރޮގްރާމްގައި މުދައްރިސުންގެ ސެޝަންތައް ނަންގަވައިދެއްވީ ޑރ އަލީ ޝަމީމްއެވެ. ބެލެނިވެރިންގެ ސެޝަންތައް ނަންގަވައި ދެއްވީ ޑރ. އަލީ ޝަމީމްގެ އިތުރުން، މުހައްމަދު އިސްމާއިލް އަދި އަލްއުސްތާޒް އަލީ ރަޝީދެވެ. ދަރިވަރުންނަށް ސެޝަންތައް ނަންގައިދެއްވީ ޑރ އަލީ ޝަމީމްއާއި އަލްއުސްތާޒް އަލީ ރަޝީދެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ ލީޑިންގ ޓީޗަރ އަހުމަދު ޝަރީފް ވިދާޅުވިގޮތުގައި މި ޕްރޮގްރާމްގައި މައިގަނޑު މަގްސަދަކީ ކުދިން، ބެލެނިވެރިން އަދި ދަރިވަރުން ހޭލުންތެރިކުރުމާއި، ހުނަރުވެރިކުރުމާއި އަދި ތާޒާ މައުލޫމާތު ފޯރުކޮށްދިނުމެވެ. އަދި މި ޕްރޮގްރާމްއަށް ބެލެނިވެރިންނާއި ޓީޗަރުން އަދި ދަރިވަރުންގެ އެއްބާރުލުން ލިބިގެން ދިޔަކަން ވަނީ ފާހަގަ ކުރައްވާފައެވެ.

އެ ސްކޫލުން ވަނީ ސެޝަންތައް ނަންގަވައިދެއްވި ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާ ކޮށްފައެވެ.
advertisment
ހިޔާލު