އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެފިއެވެ.
އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ރާއްޖޭގައި މަތީތަޢުލީމު ކިޔަވައިދޭ ކޮލެޖަކުން ހިންގި ހަރަކާތެއްގައި އިސްލާމްދީނާއި ޚިލާފު އަދި ރާއްޖޭގެ ޤާނޫނުތަކާވެސް ފުށުއަރާ ކަންތައްތަކެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.
އެ މިނިސްޓްރީން ބުނެފައިވަނީ މިކަމާ ގުޅިގެން ބުނެފައިވަނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ޚިލާފު އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭކަމަށެވެ.
މިފަދަ ކަންކަމަކީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެއްކަމަށާއި މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ޙަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފުނުވާ ގޮތުގެ މަތިން ހިންގާ ޙަރަކާތަކަށް ވުމަކީ ލާޒިމުކަމެއްކަމަށެވެ.
ހަމައެފަދައިން އެ ޙަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ޙަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއްކަމަށެވެ.
އެހެންކަމުން އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒަކުން ޙަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު" އާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އެޅޭނެކަމަށް ކަމަށްވެސް ބުނެފައިވެއެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށްވީ ހިނދު، އަދި ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށްވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއްކަމަށްވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
advertisment
ހިޔާލު