ޕާރލީއަށް ގދ.އޭއީސީން ޕްލާސްޓިކްގެ ތިންވަނަ ޝިޕްމެންޓް ފޮނުވައިފި

ގދ.އޭއިސީ ގެ ދަރިވަރުން ޕްލާސްޓިކް އެއްކޮށް ފޮޓޮއަކަށް ހުއްޓިލާގެން- ފޮޓޯ: ގދ.އަތޮޅު އެޑިޔުކޭޝަން ސެންޓަރ

ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ޕާރލީ މޯލްޑިވްސްއަށް، އެއްކޮށްފައިވާ ޕްލާސްޓީކްގެ ތިންވަނަ ޝިޕްމެންޓް ފޮނުވައިފިއެވެ. މޫދަށް އަޅާ ކުންޏާއި ޕްލާސްޓިކްގެ ސަބަބުން، މޫދަށް ކުރާ ނޭދެވޭ އަސަރު ނައްތާލުމަށްޓަކައި މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ޕާރލީއަކީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެކެވެ.  ޕާރލީ މޯލްޑިވްސްއަކީ ރާއްޖޭގެ އެކިއެކި ޖަމްޢިއްޔާތަކާއި ލޯކަލް ވިޔަފާރިތަކުގެ އެހީގައި، ރާއްޖެއިން ޕްލާސްޓިކް މަދުކުރުމަށާއި ރިސައިކަލް ކުރުމުގެ ގޮތްތަކަށް ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކޮށްދިނުމުގެ ގޮތުން، ޕާރލީގެ ދަށުން ހިންގާ ޖަމްޢިއްޔާއެކެވެ. ގދ.އަތޮޅު ތަޢުލީމީ މަރުކަޒުން ފޮނުވި މި ޝިޕްމެންޓުގައި ޕާރލީ ޖަމްބޯ ކޮތަޅުގެ 13 ކޮތަޅުވެއެވެ.

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ޕްލާސްޓިކް އެއްކުރަނީ- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

އެ ސްކޫލުގެ ސައިންސް އެންޑް ނޭޗަރ ކްލަބުން އިންތިޒާމުކޮށް ކުރިއަށްގެންދާ މި ހަރަކާތުގައި ރަށުގެ ވަރަށް ގިނަ ރައްޔިތުން ބައިވެރިވިއެވެ. އެގޮތުން، ސްކޫލް ދަރިވަރުންނާއި، ގެ މުވައްޒަފުންނާއި ޓީޗަރުން، ސްކައުޓް، ގާރލް ގައިޑް، ކެޑޭޓް، އަދި އެމްއެންޔޫ ތިނަދޫ ކެމްޕަސް، ތިނަދޫ ކައުންސިލް މީގެ އިތުރުން ތިނަދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައިވެރިންނާއެކު 300 އަށްވުރެ ގިނަ ބައިވެރިން މި ހަރަކާތުގައި ބައިވެރިވިއެވެ.

ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް، ޝިފާޒް މުހައްމަދު ވިދާޅުވީ، މި ހަރަކާތަކީ އަހަރުގެ ކޮންމެ ޓަރމެއްގައިވެސް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ. ކޮންމެ ޓަރމެއްގައި އެއްކުރާ ޕްލާސްޓިކްތައް އެއްކުރުމަށްފަހު ޕާރލީ މޯލްޑިވްސްއަށް ފޮނުވާކަމަށްވެސް އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވިއެވެ.

ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުން ޕްލާސްޓިކް އެއްކުރަނީ- ފޮޓޯ: ގދ. އަތޮޅު ތަޢުލީމީ މަރުކަޒު

ސާފުކުރުމުގެ މި ހަރަކާތުގައި ޕްލާސްޓިކް އެއްކޮށްފައިވަނީ އެ ރަށު ގޮނޑުދޮށް ފަރާތުންނާއި މޫދުންނެވެ. ނަމަވެސް ރަށުތެރެއިން ޕްލާސްޓިކް އެއްކުރެވޭނަމަ ގިނައިން ލިބޭނެކަން ފާހަގަކޮށް، ރަށުގެ އެކި ސަރަހައްދުތަކުގައި ފޯކަލް ޕޮއިންޓެއް ބަހައްޓާ، ރަށު ތެރެއިން ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތް ފެށުމަށް އެ ސްކޫލުން ވިސްނާފައިވާކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ރާއްޖެއިން ޕްލާސްޓިކް މަދުކުރުމަށް ޕާރލީ މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން މި އަހަރުގެ ތެރޭގައިވެސް 4500 އަށްވުރެ ގިނަ ކްލީންއަޕްސް ވަނީ ބާއްވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *