2019 ވަން އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ޚަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމުގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރުވާނީ ހުއްޓުމަކަށް ގެނެވިފައި ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
ނުޅުދެނުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްޞަކޮށްގެން ދޭ ރިވެލި އެވޯޑް ދިނުމުގެ ހަފްލާގައި ވާހަކަ ދައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ދައުލަތުގެ ފަރާތުން ޚިދުމަތް ދިނުމުގައިވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމަށް، ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށްދޭ ތެރަޕިއުޓިކް ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި ޚަ2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ، މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް، 18.2 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދު ކޮށްފައިވާ ކަމަށެވެ.
" ކޯވިޑުގެ ދަތިކަމުގެ ތެރޭގައި، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް، ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި. އެހެން ނަމަވެސް، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް، ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަން. އެއްވެސް މިންވަރެއް އުނިނުކޮށް، މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު" ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
" މިވަގުތު ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެކި އާލާތްތައް ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމަށް. އެކަމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ލަފަޔާއި މަޝްވަރާ ސަރުކާރުން ހޯދިން. އަދި ސަރުކާރުން ހުއްދަކުރާ އެފަދަ އާލާތްތަކުގެ ލިސްޓެއް މިހާރު ވާނީ އެކުލަވާލާފައި"
ރައީސް ސޯލިހު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކަންކަމާ ގުޅޭގޮތުން މިހާރު ހިންގާ ޕްރޮގްރާމްތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ.
" އެފަދަ މީހުންނާއި ކުދިން ބާރުވެރިކުރެވޭފަދަ ގޮތަކަށް، އެ ޕްރޮގްރާމްތައް ބައްޓަންކުރުން. އެފަދަ ޕްރޮގްރާމްތަކުގެ އެންމެ އެދެވޭ ނަތީޖާއެއް ޙާޞިލް ކުރެވޭނީ އޭރުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރޭގައި ވަރަށް ފަންނުވެރި ހުނަރުވެރިން އެބަތިބި ކަމަށާއި، އަޅުގަނޑުމެން ކުރަންވީ ކަމަކީ، އެފަދަ ބޭފުޅުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ. އޭރުން އެފަދަ ބޭފުޅުންގެ ކިބައިގައި ހުރި ހުނަރުވެރިކަމާއި ފަންނުވެރިކަން އިތުރަށް ތަރައްޤީވެ، މުޖުތަމަޢަށާއި މުޅި ޤައުމަށްވެސް، މިހާރަށްވުރެ އެތައް ގޮތަކުން މަންފާކުރާނެ ކަމަށާއި، އަދި އެއީ އެބޭފުޅުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅު ކުރުމަށްވެސް ލިބޭ އަގުހުރި ފުރުޞަތަކަށްވާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮވިޑް ހާލަތާއެކު ބައެއް މީހުންގެ ވަޒީފާ ގެއްލިގެންދިޔަ ކަމަށާއި، ވަޒީފާގައި ދެމިތިއްބަސް، އާމްދަނީ ވަރަށް ބޮޑަށް ދަށަށްދިޔަ މީހުންވެސް މަދެއްނޫންކަން ބަޔާން ކުރައްވަމުން ރައީސް ވިދާޅުވީ، އެހާލަތުގައި ވެސް ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހެއްގެ ވަޒީފާއަށް އެއްވެސް ބަދަލެއް ނާންނަކަމީ، އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް ކަމަށެވެ. އަދި ކޯވިޑުގެ ދަތިކަމުގެ ތެރޭގައިވެސް، ނުކުޅެދުންތެރިކަން ހުންނަ 25 މީހަކަށް، ފެނަކައިން އިތުރަށް ވަޒީފާ ދިންކަން، އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
advertisment
ހިޔާލު