މަތީ ތަޢުލީމުދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމަށް ކޮންމެ ތިން އަހަރަކުން އޮޑިޓެއް ކުރަންޖެހޭ

މަތީ ތަޢުލީމުދޭ ތަންތަނުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން ކޮންމެ ތިން އަހަރަކުން އިންސްޓިޓިއުޝަނަލް އޮޑިޓެއް ކުރަންޖެހޭ ގޮތަށް ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ހިންގުގެ ޤަވާއިދު އެކުލަވާލައިފިއެވެ.

އިއްޔެ ގެޒެޓް ކުރި ގަވާއިދުގައި ބުނެފައިވާ ގޮތުން، މި އޮޑިޓް ކުރާނީ ކޮލިފިކޭޝަން އޮތޯރިޓީންނެވެ.

ދިވެހިރާއްޖޭގެ ކޮލެޖްތަކާއި އިންސްޓިޓިއުޓްތައް ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން މި ގަވާއިދުގެ ބޭނުމަކީ ދިވެހިރާއްޖޭގައި ދެވޭ ތަޢުލީމާއި ތަމްރީނުގެ ޚިދުމަތަކީ ފެންވަރު ރަނގަޅު ޚިދުމަތްތަކަކަށް ހެދުމާއި، އެ ޚިދުމަތްތަކަކީ ކަނޑައެޅޭ ވަކި މިންގަނޑެއްގައި، ދެމެހެއްޓެނެވި ގޮތެއްގައި ކަންކަން ބަޔާންކުރުމެވެ. އަދި މި ޤަވާއިދު ބުނާގޮތުން ކޮލެޖްތަކާއި އިންސްޓިޓިއުޓްތަކާއި އެތަންތަނުގެ ކެމްޕަސްތަކާއި، އައުޓްރީޗް ސެންޓަރުތައް ހިންގަންވާނީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެންނެވެ. މި ގަވާއިދަށް އަމަލުކުރަން ފެށުމާއެކު މިހާރު ރަޖިސްޓްރީ ނުކޮށް ހުރި ކޮލެޖްތަކާއި ކެމްޕަސްތައް ހަ މަސްދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ލާޒިމްވާނެއެވެ.

ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނުދޭ އިންސްޓިޓިއުޓެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް އެކަކުން ފެށިގެން ލެވެލް ހަޔަކާ ހަމައަށް ޕްރޮގްރާމްތައް ހިންގާ ތަންތަނެވެ. މިފަދަ ތަންތަނުގައި ކިޔެވައި ދެވޭނީ ސޯޅަ އަހަރުން މަތީގެ ދަރިވަރުންނަށެވެ. ސޯޅަ އަހަރުން ދަށުގެ ދަރިވަރުންނަށް ބައިވެރިވެވޭނީ ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް އޮވެގެންނެވެ.

މި ގަވާޢިދުގައި ބުނެފައިވާ ގޮތުން ކޮލެޖްގައި ކިޔަވާ ދަރިވަރުންގެ 50 އިންސައްތަ ވާންވާނީ ފުޓައިމް ދަރިވަރުންނަށެވެ. ވަކި މާއްދާއަކަށް ޚާއްޞަކޮށްގެން ކިޔަވައިދޭ ކޮލެޖެއްނަމަ މަދުވެގެން 75 އިންސައްތަ ދަރިވަރުން އެންރޯލްވެފައި ވާންޖެހެއެވެ. ކޮލެޖްތަކުގައި މައިގަނޑު ގޮތެއްގައި ކިޔަވައިދެވޭނީ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ފަހެއް އިން ފެށިގެން ނުވައެއް އާ ދެމެދުގެ ކޯސްތަކެވެ. ކޮލެޖްތަކުގައި ހިންގާ ކޯސްތަކުގެ 75 އިންސައްތަ މި ކެޓަގަރީއަށް ފެތޭ ކޯސްތަކަށް ވާންޖެހެއެވެ.

މަތީ ތަޢުލީމުދޭ އިންސްޓިޓިއުޓެއް ރަޖިސްޓްރީ ނުކޮށް ހިންގައިފިނަމަ އެ ފަރާތެއް 30،000 ރުފިޔާ، ކޮލެޖެއްނަމަ، 40،000 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ވަނީ މި ގަވާއިދުން ދީފައެވެ. އެފަދަ ތަނެއް ރަޖިސްޓްރީ ކުރުމަކާ ނުލައި ކޯސްތަކެއް ހިންގަން އިއުލާން ކޮށްފި ނަމަވެސް މި ގަވާއިދުގެ ދަށުން ބޮޑު ޖޫރިމަނާއެއް ކުރެވޭނެއެވެ. އެފަދަ ކަމެއް ކޮށްފިނަމަ 25،000 ރުފިޔާގެ ޖޫރިމަނާއެއް ކުރުމުގެ ބާރުވެސް މި ގަވާއިދުގެ ދަށުން ލިބިދެވެއެވެ.

 

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *