ތަފާތު ހަ ދާއިރާކުން ޒުވާނުން ތަމްރީނު ކުރުމުގެ މަސައްކަތް މިފްކޯއިން ފަށައިފިއެވެ. މިއީ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އިން އިސްނަންގަވައިގެން ކުރިއަށް ގެންދާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މިނިސްޓްރީ އޮފް ޔޫތު އެންޑް ކޮމިނިޓީ އެމްޕަވަރމަންޓް އާއި މިފްކޯ އާއި ދެމެދު ވަނީ އެމް.އޯ.ޔޫ. އެއްގައި ސޮއިކޮށްފައެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން، މިފްކޯގެ ފަރާތުން ތަފާތު ހަ ދާއިރާއިން ޖުމްލަ 22 ސްލޮޓަށް ޒުވާނުން ތަމްރީނު ކުރާނެއެވެ.
މިފްކޯއިން ބުނީ، އެ ކުންފުންޏަށް އެންމެ ބޭނުންތެރި އަދި މަސައްކަތުގެ ހުނަރު ބޭނުންވާ ދާއިރާތައްކަމަށްވާ އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މައިންޓަނަންސް، ވެލްޑިންގ ޓެކްނިކްސް، އޮޓޮމޯޓިވް މެއިންޓަނަންސް ، މެރިން މެކޭނިކް، ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކް އަދި ފިޝް ޕްރޮސެސިންގ އެންޑް ކުއަލިޓީ ކޮންޓްރޯލް ދާއިރާތަކުން މީހުން ތަމްރީނު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" ތަކާ އެއްގޮތަށެވެ. ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ގެ ދަށުން ތަމްރީނު ކުރެވޭ ޒުވާނުން ކުރިމަތިލާފައިވާ ދާއިރާތަކާއި ގުޅޭ މަސައްކަތްތަކު ގައި އެ ޒުވާނުން އަމަލީ ގޮތުން ބައިވެރިކޮށް ތަމްރީނު ކޮށްދެވޭނެއެވެ. ހަ މަސް ދުވަހުގެ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިމިގެންދާ އިރު ވަޒީފާގައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމާ ޒުވާނުންނަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓް ލިބިގެންދާނެއެވެ. މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށު ން މިފްކޯގައި މިވަގުތު ތިބި މަސައްކަތުގެ ހުނަރު ހުރި ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ނެތް މުވައްޒަފުންނަށް ޕްރޮގްރާމްގައި ބައިވެރިވެގެން ސެޓްފިކެޓް ޙާޞިލް ކުރުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް މިފްކޯއިން ބުނެއެވެ. މިފްކޯގައި މިވަގުތު ވަޒީފާ އަދާކުރާ ޖުމްލަ 73 މުވައްޒަފުންނަށް އެފުރުޞަތު ދިނުމަށް މިނިސްޓްރީ އިން ވަނީ ނިންމަވާފައެވެ. އެހެންކަމުން ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް އަކީ ސަރުކާރުން އިސްނަންގަވައިގެން ކުރިއަށްގެންދަވާ ވަރަށް ބޭނުންތެރި މުހިއްމު ޕްރޮގްރާމެކެވެ.
ނޭޝަނަލް އެޕެރެންޓިސްޝިޕް ޕްރޮގްރާމް ގައި އަލަށް ބައިވެރިވާ ޒުވާނުން މަސައްކަތް ދަސްކުރަން މިފްކޯގެސެންޓަރުތަކުގައި މަސައްކަތް ކުރާ ދުވަސްތަކަށް 3000 ރުފިޔާގެ އެލަވަންސްއެއްވެސް ދޭން ވަނީ ނިންމާފައެވެ. އަދި ތަމްރީނު ލިބޭ ޒުވާނުން ޕްރޮގްރާމް ނިންމާފައި މިފްކޯ ގައި ވަޒީފާ އަދާ ކުރުމުގެ ފުރުޞަތު ދޭން ވަނީ ނިންމާފައެވެ.
މިފްކޯއިން ބުނީ، މި ޕްރޮގްރާމް ގެ ޒަރީޢާއިން ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ހުރި ޤާބިލް ޒުވާނުންތަކެއް އުފެދިގެން ދާނެކަމަށެވެ. އަދި ކިޔަވައިގެން ތިބި ނަމަވެސް ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރު ލިބިފައި ނެތުމުގެ ސަބަބުން ވަޒީފާ ނުލިބި ތިބި ގިނަ ޒުވާނުންނަށް ވަޒީފާ ގެ ފުރުޞަތު ލިބުމަށް ހުޅުވާލެވޭ ދޮރަކަށްވެގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މިފްކޯއިން މިފަދަ ޕްރޮގްރާމްގައި ބައިވެރިވެ ޒުވާނުން ވަޒީފާ އަށް އަހުލުވެރިކުރުމަށް ބޭނުންވާ ހުނަރު ފޯރުކޮށްދިނުމުގައި ސާބިތު ކަމާއި އެކީ ތިބޭނޭ ކަމުގެ ޔަޤީންކަން އެކުންފުނިން ވަނީ ދީފައެވެ.
advertisment
ހިޔާލު