ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނައިބު ރައީސް، ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

މަތީ ތަޢުލީމުގެ ދާއިރާއިން ސްކޮލަރޝިޕް އަދި ބަހުގެ ދާއިރާއިން ތަމްރީނުގެ ފުރުސަތުތައް އިތުރުކުރުމާއި، އެކްސްޗޭންޖް ޕްރޮގްރާމްތައް އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖިއޮންގް ވޫންޖިންއާއެކު މަޝްވަރާކުރައްވައިފިއެވެ.

މި ދެބޭފުޅުން މިކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި މިވަނީ ދެކުނު ކޮރެޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ. މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުންތައް އިތުރަށް ބަދަހިކުރެވިދާނެ ގޮތްތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.

އަންގާރަ ދުވަހަކީ، ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 54 އަހަރު ފުރުނު މުނާސަބަތުކަން ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމުގެ ތެރެއިން، ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި އެ ޤައުމުގެ ސަރުކާރުން ފޯރުކޮށްދީފައިވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ ކަމުގައެވެ.

ނައިބު ރައީސް، ދެކުނު ކޮރެއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ބައްދަލުކުރެއްވުމުގެ ތެރެއިން. ފޮޓޯ ރައީސް އޮފީސް

ދެކުނު ކޮރެޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ހުސްވި ނޮވެންބަރު މަހު އިނގިރޭސި ވިލާތުގެ ގްލާސްގޯގައި ބޭއްވި އ.ދ.ގެ ކްލައިމެޓް ޗޭންޖް ކޮންފަރެންސް އޮފް ދަ ޕާޓީޒް (ކޮޕް26) ގައި ދިވެހިރާއްޖެއިން އަދާކޮށްފައިވާ ދައުރު ފާހަގަކުރައްވައި، އެ ކަމަށް ތަޢުރީފު ކުރެއްވިއެވެ. މި ދާއިރާއިން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ ރާއްޖެއިން ނުހަނު ކަންބޮޑުވާ އެއް މައްސަލަ ކަމުގައެވެ. އަދި، ތިމާވެށީގެ ދާއިރާއިން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ މެދު ދެ ބޭފުޅުން އިތުރަށް މަޝްވަރާ ކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ދެކުނު ކޮރެޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1967 ނޮވެންބަރު 30 އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *