ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ، ސައިންސް އަދި ޓެކްނޮލޮޖީ (ފެސްޓް) ގައި ކިޔަވާ ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ މަޢުރަޒެއް ހުޅުވައިފިއެވެ.
"ސްޓޫޑެންޓް ވާރކް އެގްޒެބިޝަން 2021″ ގެ ނަމުގައި ހުޅުވާލި މި މަޢުރަޒަކީ، ފެސްޓުގައި، އާރކިޓެކްޗަރ އަދި އިންޓީރިއައަރ ޑިޒައިނިންގ ކިޔަވާ ދަރިވަރުންގެ މަސައްކަތްތައް ދައްކުވާދޭ މަޢުރަޒެކެވެ. މި މަޢުރަޒުގައި ބައިވެރިވެފައިވަނީ ޖުމްލަ 4 ބައެކެވެ. އެގޮތުން، އިންޓީރިއަރ ޑިޒައިނިންގގެ ފަހު ސެމިސްޓަރ ކިޔަވާ ދަރިވަރުންނާއި، އާރކިޓެކްޗަރ ޑިގްރީގެ ދޭއް، ހަތަރެއް އަދި ހަވަނަ ސެމިސްޓަރ ކިޔަވާ ދަރިވަރުންނާއެކު، ޖުމްލަ 70 ދަރިވަރުންގެ މަސައްކަތްތައް މި މައުރަޒުގައި ފެނިގެންދާނެއެވެ.

މި މައުރަޒުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން، އިންޓީރިއަރ ޑިޒައިން ކިޔަވާ ދަރިވަރުންނަށް ދެވިފައިވާ ޕްރޮޖެކްޓަކީ، މާލެ އަދި ހުޅުމާލޭގެ، ސަރުކާރު އިމާރާތެއްގެ އެތެރެ އޮބްޒާރވްކޮށް، ޖާގަ ބޮޑުވާނެ ގޮތްގޮތާއި، އިތުރަށް އެ އިމާރާތުގެ އެތެރޭގެ ޑިޒައިން ތަރައްޤީވާނެ ގޮތް ދެނެގަނެ އޭގެ މައްޗަށް އިމާރާތް ރީޑިޒައިންކޮށް ދެއްކުމެވެ.
އާރކިޓެކްޗަރ ކޯސް ކިޔަވާކުދިންގެ ތެރެއިން ދެވަނަ ސެމިސްޓަރގެ ދަރިވަރުންނަށް ދެވިފައިވާ ޕްރޮޖެކްޓަކީ، ރާއްޖޭގެ ރަށަކަށް މަސައްކަތްކުރަންދާ ފަރާތްތައް ރަށުގައި ހުންނާނެ ތަނަކާއި އަދި މަސައްކަތްކުރާނެ ތަނެއް ޑިޒައިންކުރުމެވެ.

މި ކޯހުގެ ހަތަރުވަނަ ސެމިސްޓަރ ކިޔަވާކުދިންގެ ޕްރޮޖެކްޓަކީ، އިޖްތިމާޢީ މައްސަލަތަކަށް ހައްލެއްހޯދުމުގެ ގޮތުން، ބ.ދަރަވަންދޫގައި އިމާރާތެއް ޑިޒައިންކުރުމެވެ. އެގޮތުން، ހާއްޞަ އެހީއަށްބޭނުންވާ ފަރާތްތަކާއި، ރޭޕް، ގެވެށިއަނިޔާ ލިބިފައިވާ ފަރާތްތަކާއި، މަގުމަތިވެފައިވާ ފަރާތްތަކާއި، މައިންބަފައިންގެ ލޯބިން މަހްރޫމްވެފައިވާ ކުދިންނާއި ނަފްސާނީ އެކިއެކި ބަލިތަކަށް ފަރުވާކުރަމުންދާ ފަރާތަތްތައްވަނީ ރިސާރޗްކޮށް އެނެލައިޒްކޮށްފައެވެ.

އާރކިޓެކްޗަރ ކޯހުގެ ފަހު ސެމިސްޓަރގައި ކިޔަވަމުންދާ ދަރިވަރުންނަށް ލިބިފައިވާ ޕްރޮޖެކްޓަކީ މާލޭގައި 10 ނުވަތަ 15 ބުރީގެ އިމާރާތެއް ޑިޒައިންކުރުމެވެ. އެގޮތުން، އެ ދަރިވަރުންގެ މަސައްކަތް ހެދުމަށް ލިބިފައިވާ ސައިޓަކީ މާލޭގެ ދަރުބާރުގޭގެ އިތުރުން ދަރުބާރުގެ ހުންނަ ސަރަހައްދު ރީޑިޒައިންކުރުމެވެ.

މި މަޝްރޫޢުތަކަކީ، އެ ދަރިވަރުން ކިޔަވަމުންދާ ސެމިސްޓަރތަކުގެ ޑިޒައިން މޮޑިޔުލް ގެ ދަށުން ނިންމަން ޖެހޭ އެންމެ ފަހު މަސައްކަތްތަކެވެ.
"ސްޓޫޑެންޓް ވާރކް އެގްޒެބިޝަން 2021″ ގައި ބައިވެރިވި ދަރިވަރުންގެ މަސައްކަތްތައް ބަލާލުމަށް، މި ދާއިރާތަކުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކުން ޒިޔާރަތްކޮށްފައިވެއެވެ. އަދި މި ޒިޔާރަތުގައި ދަރިވަރުންގެ ޕްރޮޖެކްޓުތައް ބަލާ، ކޮށްފައިވާ މަސައްކަތުގެ ރަނގަޅުކަންތައްތަކާއި އިތުރަށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް ދަރިވަރުންނަށް އެކަންތައްތައް ހިއްސާކޮށްފައިވެއެވެ.

މިކަމުގެ ބޭނުމަކީ، ޔުނިވަރސިޓީގެ ލެކްޗަރައިންގެ އިތުރުން، ދާއިރާތަކުގައި ޢަމަލީ ގޮތުން މަސައްކަތްކުރާ ފަރާތްތަކުގެ ރައުޔުތައް ހިއްޞާކޮށް، އެ ފަރާތްތަކުގެ ޚިޔާލުތަކާއި ވިސްނުންތައް ދަރިވަރުންނަށް ފަހުމްވެ، އެ ކަންތައްތަކާއެކު ދަރިވަރުންގެ ހުނަރާއި ޤާބިލިއްޔަތުކަމަށް އިތުރު ތަރައްޤީއެއް ގެނައުމެވެ.

ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ މި މަޢުރަޒު ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ. ކޮންމެ ދުވަހެއްގެވެސް ހަވީރު ހަތަރަކުން ހަޔަކަށް އަދި ރޭގަނޑު އަށަކުން ދިހައަކާ ދޭތެރޭ، ދަރިވަރުންގެ މަސައްކަތްތައް ދައްކާލުން ކުރިއަށް ދާނެއެވެ.
advertisment
ހިޔާލު