ނ. އަތޮޅު މަދުރުސާގެ ހުރިހާ ކުލާސްރޫމްތަކެއް އޭސީ ކުރުމުގެ މަސައްކަތް އެ ސްކޫލްގެ ޕީޓީއޭއިން ފަށައިފިއެވެ.
ޕީޓީއޭގެ ނާއިބް ރައީސް އަހުމަދު ސުޖާއު ދަރިވަރު ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ 22 ކުލާސް ރޫމުގައި އޭސީ ހަރުކުރުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި، ޑިސެމްބަރުގެ ނިޔަލަށް ބޭނުންވާ ފައިސާ ހަމަޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ކުލާސްރޫމެއް އޭސީކޮށް ނިމޭއިރު 350،000 ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
" މި ރަށުގައި {މަނަދޫ} ގެ މުވައްސަސާތަކާއި މަދަރުސާގެ އިސްދަރިވަރުންގެ ފަރާތުން އެހީތެރިކަން މި ހޯދަނީ. ބެލިވެރިންނާ ހަމައަށް ދާނީ އެހެން ފަރާތްތަކުން ލިބެން ހުރި އެހީތެރިކަން ހޯދުމަށްފަހު" އަހުމަދު ވިދާޅިވިއެވެ.
އޭސީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން މަނަދޫ ކައުންސިލުން އެއްލައްކަ ރުފިޔާގެ އެހީއެއް ވަނީ ފޯރުކޮށްދިފައެވެ.
އަހުމަދު ވިދާޅުވީ ކުލާސްރޫމްތައް އޭސީ ކުރަން ބެލެނިވެރިން ބޭނުންވީ ގިނަ ވަގުތު ކުލާސްރޫމްތަކުގައި ދަރިވަރުން ތިބޭއިރު، އެތަނަކީ އެންމެ އެކަށީގެންވާ ފިނިހޫނުމިނެއްގައި ހުންނަންޖެހޭ ތަނެއްގެ ގޮތުގައި ބެހެއްޓުމަކީ ކުދިންނަށް އެންމެ ރަނގަޅުގޮތް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
" ސްކޫލްގެ ހޯލުގައި ވެސް ބެލެނިވެރިން މަޑުކޮށްލާއިރު، އިހުސާސްވޭ ކުލާސްރޫމްތަކުގައި ކުދިން އުޅޭންޖެހޭނެ ގޮތް. އެހެންވެ ކިޔަވަން އެކަށޭނެ މާހައުލެއް ކުލާސްރޫމްތަކުގައި ގާއިމްކޮށްދޭން ބެލެނިވެރިން ބޭނުންވީ" އަހުމަދު ވިދާޅުވިއެވެ.
ޕީޓީއޭއިން ނިންމާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުރިހާ ކުލާސްރޫމްތަކެއްގައި އޭސީ ހަރުކޮށް ނިންމާށެވެ.
ނ. އަތޮޅު މަދަރުސާގައި ހަތަރު ސަތޭކައެންހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު