ހުޅުމާލޭގައި ހުންނަ ބްރައިޓް ވޭ އިންޓަރނޭޝަނަލް ސްކޫލަށް ފަސްއަހަރު ފުރުނީ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ. އަހަރީ ދުވަހުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެ ސްކޫލުގެ ހުރިހާ ކުދިން ޝާމިލްކޮށްގެންނެވެ. ކުޅިވަރާއި މަޖަލުގެ ތެރޭގައި އެކުދިންނަށް އުފާވެރި މާހައުލެއް ގެނެސް ދެމުންނެވެ.
ބްރައިޓް ވޭ އަކީ ސިންގަޕޫރުގެ ތަޢުލީމީ މަންހަޖަށް ރާއްޖޭގައި ކިޔަވައިދޭ ހަމައެކަނި ސްކޫލެވެ. އެ ސްކޫލުން އަންނަނީ ކިޔެވުމާ އެއްވަރަށް ދަރިވަރުންނަށް އެތައް ފުރުޞަތު ތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދެމުންނެވެ. ފައުންޑޭޝަން ސްޓޭޖުން ފެށިގެން އޭލެވެލްއާ ހަމައަށް ކިޔަވައިދެމުންދާއިރު، އޭލެވެލްގެ އިތުރުން ބައިނަލްއަޤްވާމީ ލެވެލެއްގެ ދެ އިމްތިޙާނެއްގައި އެ ސްކޫލުގެ ދަރިވަރުން ބައިވެރިވެއެވެ. އެއީ ގްރޭޑް 6 ނިންމުމަށްފަހު، ދޭ އިންޓަނޭޝަނަލް ޕްރައިމަރީ ސްކޫލު ލީވާސް (އައިޕީއެސްއެލްއީ) އިމްތިޙާނާއި، ގްރޭޑް 10 ނިންމުމަށްފަހު ދޭ އައީޖީސީއެސްއީ ކެމްބްރިޖް އިމްތިޙާނެވެ. އައިޕީއެސްއެލްއީގައި ބައިވެރިކުރުވަނީ އެ އިންތިޙާނުގައި ބައިވެރިވާން ބޭނުންވާ ދަރިވަރުންނެވެ. އެ އިމްތިޙާނުގައި ދެނީ އިނގިރޭސިއާއި ސައިންސްގެ އިތުރުން ހިސާބެވެ. މި އިމްތިޙާނު މިހާތަނަށް ހެދި ކުދިންގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް ބްރައިޓް ވޭ އިން ފާހަގަކުރެއެވެ.

2019 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުގައި އެ ސްކޫލްގެ 17 ދަރިވަރަކު ބައިވެރިވިއެވެ. އެ ދަރިވަރުންގެ ތެރޭގައި ރާއްޖެއިން ބޭރުގެ ތިން ދަރިވަރަކު ވެސް ހިމެނެއެވެ. ޤައުމީ ގަދަ ދިހައެއްގައި ނުވަ ދަރިވަރަކު ހިމެނުނެވެ. އެއީ އޯލެވެލްގައި އެ ސްކޫލުން ބައިވެރިވި ދަރިވަރުންގެ 60 އިންސައްތައެވެ.
" ޤައުމީ ގަދަ ދިހައަކަށް ދާން {ޝަރުޠު} ހަމަވާ 14 ކުދިންގެ ތެރެއިން ނުވަ ކުދިން ޓޮޕްޓެންގައި ހިމެނުމަކީ އެއީ ވަރަށް ބޮޑު ކާމިޔާބެއް" ބްރައިޓް ވޭ އިންޓަރނޭޝަނަލް ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ޤައުމީ ގަދަ ދިހައެއްގައި ހިމެނޭ ދަރިވަރުން ކަނޑައެޅުމުގައި އަމަލުކުރަމުންދާ އުޞޫލަށް ބަލާއިރު، ދިވެއްސާއި އިސްލާމް މާއްދާ ހިމަނާތީ ރާއްޖޭގައި ކިޔަވާ ބޭރުގެ ދަރިވަރުންނަކަށް އެ ފުރުޞަތެއް ނޯވައެވެ.
ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލަކީ ބައިނަލްއަޤްވާމީ ތަފާތު އެކިއެކި ޕްރޮގްރާމުތަކާއި މުބާރާތްތަކުގައި ބައިވެރިވާ ސްކޫލެކެވެ. މިގޮތުން، އޭޝިއަން ޔޫތް ސްޕެސިފިކް ރޮބޮޓިކްސް މުބާރާތާއި ވާރލްޑް ސްކޮލާރ ކަޕް (ޑަބްލިއުއެސްސީ) ފަދަ ޕްރޮގްރާމް ހިމެނެއެވެ. މި މުބާރާތްތަކުގައި ބައިވެރިވެ، އެކިއެކި ހަރުފަތްތަކަށް ދަތުރުކުރި ކުދިން ވަނީ، އެ ރައުންޑުތަކުގައި ވާދަކުރުމަށް ޗައިނާ އަދި ޔޫއެސްފަދަ ޤައުމުތަކަށް ދަތުރުކޮށްފައެވެ. މީގެއިތުރުން، މެތް އޮލިމްޕިއަރޑާއި ސައިންސް އޮލިމްޕިއަރޑްގައި ވެސް އެ ސްކޫލުގެ ދަރިވަރުން ވަނީ ވާދަކޮށް، ތަފާތު ކާމިޔާބީތައް ހޯދާފައެވެ. މުޅިދުނިޔެއަށް ފެތުރިގެންދިޔަ ޕެންޑަމިކުގެ ސަބަބުން، މިފަދަ މުބާރާތްތައް ވަނީ މެދުކަނޑާލެވިފައެވެ.

މިފަދަ މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ހޯދާދިނުމަށް، ސިންގަޕޫރު އިންޓަނޭޝަނަލް މެތްސް ކޮންޓެސްޓްސް ސެންޓަރާއި، ޑަކް ލާނިންއާ ވަނީ އެއްބަސްވުންތަކެއް ހަދާފައެވެ. މި އެއްބަސްވުންތަކުގެ ސަބަބުން އެތަންތަނުން އިންތިޒާމްކުރާ މުބާރާތްތަކުގައި ސިންގަޕޫރުގައި ކިޔަވާ ދަރިވަރުންނެކޭ އެއްގޮތަށް ބްރައިޓްވޭގެ ދަރިވަރުންނަށް ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދެއެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަނީ، ސްކިލް ޑިވެލޮޕްކޮށްގެން ކުދިން ޕްރޮޑަކްޓިވް ބަޔަކަށް ހަދަން. ސްކޫލުގެ ޓާރގެޓަކީ އިންޓަރނޭޝަނަލް އެކްސްޕޯޝާ ޕްރޮގްރާމުތަކަށް ދަރިވަރުން ތައްޔާރުކޮށް ތަފާތު ތަޖުރިބާތަކާއި ކާމިޔާބީތައް ހޯދާދިނުން" ޙަޔާތުގެ ބޮޑުބައެއް ތައުލީމީދާއިރާގައި ހޭދަކުރައްވަމުން ގެންދަވާ، ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.
މި ޕޮރޮގްރާމުތަކަކީ، ދަރިވަރުންގެ ހުނަރާއި ގާބިލިއްޔަތަށް އިތުރު ތަރައްޤީކަމެއް ގެނުވާ ޕްރޮގްރާމް ތަކެއް ކަމުން، ދަރިވަރުންނާއި ބެލެނިވެރިން ވެސް މިފަދަ ޕްރޮގަރާމުތަކަށް ވަރަސް ބޮޑު ޝައުޤަކާއި އަހައްމިއްޔަތުކަމެއް ދެއެވެ.
ތަފާތު ކަރިކިއުލަމެއްގެ ދަށުން ކިޔަވާދެމުންދާތީ، ވަސީލާތްތަކުގެ މުހިއްމުކަން ފާހަގަކޮށް، އެ ސްކޫލުގެ ޕްރިންސިޕަލް ވިދާޅުވީ، ސްކޫލުގެ ޢުމްރާނީ ތަރައްޤީއަށް ބަދަލެއްގެނެއުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، އިތުރު އިމާރާތެއް ޤާއިމު ކޮށް ވަސީލާތްތައް އިތުރުކުރުމަކީ އެ ސްކޫލުން މިހާރު ވިސްނަމުންގެންދާ ކަމެކެވެ.

ގޮތުން ، އެސްކޫލުގެ ދަރިވަރުން ހަރަކާތްތަކުގައި- ފޮޓޯ: ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް
ބްރިއިޓްވޭ ސްކޫލަށް 5 އަހަރުވީއިރު، އެ ސްކޫލުގެ އަމާޒަކީ ކުދިންގެ ހުނަރު ތަރައްޤީކޮށް މުޖްތަމައަށް ފައިދާހުރި، ބޭނުންހިފޭ ދަރިންތަކެއް ބިނާކުރުމުވެ.
އާބާދިގެ ގޮތުން 590 ދަރިވަރުންނާއެކު ފެށި ބްރައިޓްވޭ ސްކޫލަށް ފަސް އަހަރުވީއިރު، އެ ސްކޫލުގެ ކިޔަވާކުދިންގެ އާބާދީ ވަނީ 920 ދަރިވަރުންނަށް އިތުރުވެފައެވެ. ހުޅުމާލޭގެ އިތުރުން، ފުވައްމުލަކު ސިޓީގައި ވެސް ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލެއް މިހާރު ދަނީ ހިންގަމުންނެވެ.
ބްރައިޓްވޭ ސްކޫލް ހިންގަނީ ސިންގަޕޫރު އިރުޝާދު ޓްރަސްޓް ލިމިޓެޑާއި ކޮލިޓެޓް އެޑިޔުކޭޝަން ގުޅިގެންނެވެ.
advertisment
ހިޔާލު