މާލޭގެ ހަތަރު ސްކޫލަކުން 88 ދަރިވަރަކު ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ތަމްރީނުކޮށްފިއެވެ.
މި ތަމްރީނު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ، އިސްކަންދަރު ސްކޫލްގައެވެ. މި ރަސްމިއްޔާތު ޝަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. މި ޕޮރޮގްރާމުގައި މިފަހަރު ބައިވެރިވީ އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލާއި އަލް މަދަރަސަތުން އަރަބިއްޔަތުލް އިސްލާމިއްޔާގެ އިތުރުން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުންނެވެ.
ފުލުހުން ވަނީ މީގެ ކޮންމެ އަހަރަކުވެސް މިފަދަ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ހިންގަމުންނެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މި ތަންރީނު ޕްރޮގްރާމުގައި ބައިވެރިވި ދަރިވަރުންނަށް ހަނދާނީ ލިޔުން ވަނީ ހަވާލުކޮށްފައެވެ.
ފުލުހުން ބުނެފައި ވަނީ މި ޕްރޮގްރާމުގެ ތެރެއިން މަގުމަތީގެ ގަވައިދުތަކަށް ދަރިވަރުން އަހުލުވެރިކުރުމާއި، ސްކޫލްގަޑިތަކުގައި އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުންނާއެކު މަސައްކަތްކުރުމަށް ބޭނުންވާ ތަމްރީނު ކުދިންނަށް ދީފައިވާނެ ކަމަށެވެ. އަދި މަގުމަތީގައި އުޅުމުގައި މުއާމަލާތް ކުރާނެ ގޮތާއި ރުރައްކަލެއް ކުރިމަތިވާ ހާލަތުގައި އަމިއްލަ ރައްކަލަށް ބޭނުން ކުރެވޭނެ އުކުޅުތައް ވެސް މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ދަސްކޮށްދީފައިވާނެ ކަމަށެވެ.
ފުލުހުން ބުނެފައި ވަނީ 2014 ވަނަ އަހަރު ފެށިގެން މިހާތަނަށް 1450 ދަރިވަރުން ޓްރެފިކް މޮނިޓަރުންގެ ގޮތުގައި ތަމްރީނު ކޮށްފައިވާ ކަމަށެވެ.
advertisment
ހިޔާލު