ސްކޫލުތަކުގެ މެދުގައި ތަޖުރިބާ ހިއްޞާކުރުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރު ފަށައިފި

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ދެވަނަ ބުރު ފަށައިފިއެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ފެންވަރު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި، ސްކޫލުތަކުގެ ޕްރިންސިޕލުންނަށް އަމާޒުކޮށް، "ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ނަމުގައި މި މަހު 23 ގައި ވަނީ ޕްރޮގްރާމެއް ފަށާފައެވެ.

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ދެވަނަ ބުރުގައި ބައިވެރިވާ ފަރާތްތައް ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު އާއި ބައްދަލުކުރައްވަނީ. ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ދެވަނަ ބުރުގައި ބައިވެރިވަނީ އދ، ވ، މ، ފ އަދި ދ. އަތޮޅުން 15 ޕްރިންސިޕަލުންނެވެ. މި ޕްރޮގްރާމްގެ ދެވަނަ ބުރު ފެށުމުގެ ގޮތުން މި ޓުއަރގައި ބައިވެރިވެ ވަޑައިގަންނަވާ ބައިވެރިންނާއެކު، ސްޓޭޓް މިނިސްޓަރ ފާޠިމަތު ނަޞީރު ވަނީ ބައްދަލުކޮށްފައެވެ.

ސްކޫލުތަކުގެ މެދުގައި ތަޖުރިބާ ހިއްސާ ކުރުމަށް ކުރިއަށްގެންދިޔަ، "ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ޕްރޮގްރާމުގެ ފުރަތަމަ ބުރު ނިންމާލުމަށްފަހު، އެ ބުރުގައި ބައިވެރިވި ޕްރިންސިޕަލުންނަށް، އެޑުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިއެވެ.

"ވެހި އެޑިޔުކޭޝަނަލް ޓުއަރ 2021″ ގެ ފުރަތަމަ ބުރުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެނީ. ފޮޓޯ؛ އެޑިޔުކޭޝަން މިނިސްޓްރީ

"ވެހި އެޑިޔުކޭޝަން ޓުއަރ 2021″ ގެ މަޤްޞަދުތަކަކީ، ސްކޫލު މެނޭޖް ކުރާ ތަފާތު ގޮތްތައް ޕްރިންސިޕަލުން ދެނެގަތުމާއެކު ސްކޫލެއްގެ އަމާޒު ހާސިލްކުރުމަށް ކިޔެވުމާއި އިތުރު ހަރަކާތް ކުރިއަށް ގެންދާ ގޮތް ދެނެގަތުމާއި، ސްކޫލުތަކުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ހުރިހާ ދަރިވަރުން ޝާމިލުވާނޭހެން ހިންގޭނެގޮތް ތަޖުރިބާކޮށް ދެނެގަތުމެވެ.

ހަމައެއާއެކު، އެންމެ ރަނގަޅު ތަޢުލީމީ ނިޒާމު ދެނެގަނެ އެ ސްކޫލެއްގެ މިހާރު ކިޔަވައިދެމުންދާ ނިޒާމުގެ ތެރެއަށް ފެއްތުމާއި، ސްކޫލުތަކުގެ އިތުރުހަރަކާތަކާ ތަޢުލީމީ ނިޒާމު އިތުރަށް ތަރައްޤީ ކުރުމަށްޓަކައި ބެލެނިވެރިން އަދާ ކުރާ ރޯލު ދެނެގަތުމާއެކު ސްކޫލުތަކުގެ ވަސީލަތްތައް އިތުރަށް ރަނގަޅުކުރުމަށްޓަކައި ފަންޑް ހޯދުމުގެ ގޮތުން އެހީ ހޯދިދާނެ ތަފާތުގޮތްތައް ފަހުމް ކޮށްދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *