ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބަންގްލަދޭޝްއަށް މި ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ދިވެހި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މަތީ ފަންތީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ބަންގަބަންދު މިއުޒިއަމް އާއި ބަންގްލަދޭޝް-ކޮރެއާ ޓެކްނިކަލް ޓްރެއިނިންގ ސެންޓަރ (ބީ.ކޭ.ޓީ.ޓީ.ސީ) ފަދަ މުހިންމު ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ސިއްޙީ ދާއިރާއާއި ތަޢުލީމީ ދާއިރާއިން ފަންނީ ޤާބިލުކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައްދަލުކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝްގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އޭ.ކޭ. ޢަބްދުލް މޮމެންއާއި، މިނިސްޓަރ އޮފް އެކްސްޕެޓްރިއޭޓްސް ވެލްފެއަރ އެންޑް އޯވަރސީސް އެމްޕްލޯއިމަންޓް އިމްރާން އަޙްމަދާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އެމް.ޑީ. ޒާހިދު އަހްސަން ރަސަލްއާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ދީޕޫ މޮނީއާއި، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރ ޒާހިދު މަލީކްއާ ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން މި ބައްދަލުވުންތަކަށްފަހު އެމަނިކުފާނު ވަނީ ބަންގްލަދޭޝްގެ އެކި އިދާރާތަކުން ދިވެހި ދަރިވަރުންނަށް ދެއްވި ސްކޮލަރޝިޕްގެ ފުރުސަތުތައް ޤަބޫލުފުޅު ކުރައްވާފައެވެ.
ހަމަ އެއާއެކު މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ރައީސް ޢަބްދުލް ޙާމިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ބަންގްލަދޭޝްގެ ރިޔާސީ ގަނޑުވަރުގައެވެ. މި ބައްދަލުކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޑާކާގެ ހޮޓެލް އިންޓަރކޮންޓިނެންޓަލްއަށް ވަޑައިގެން، ބަންގްލަދޭޝްގައި ދިރިއުޅޭ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވާފައެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވައި މަޝްވަރާކުރައްވާފައެވެ.
advertisment
ހިޔާލު