ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ މިންވަރު ބަލަން ބައެއް ސްކޫލްތައް އޮޑިޓްކުރަނީ

ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ މަގާމަށް ނިއުމަތު ޝަފީގު އައްޔަންކުރައްވައި ރައީސް ސޯލިހު ފަތްކޮޅު ދެއްވަނީ: ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް ދެނެގަނެ އެކަންތައްތައް ހައްލު ކުރުމުގެ ޒިންމާ ގާނޫނީ ގޮތުން ހަވާލުކޮށްފައި ވަނީ އެ އޮފީހާ

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ވަރު ބަލަން ބައެއް ސްކޫލްތައް އޮޑިޓްކުރަން ނިންމާފައިވާ ކަމަށް ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފިއެވެ.

"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި އޮމްބަޑްސްޕާސަން ނިއުމަތު ޝަފީގް ވިދާޅުވެފައި ވަނީ ކުޑަކުދިންނާ ގުޅުންހުރި އެކި އިދާރާތަކުގެ އޮޑިޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އޭގެ ތެރޭގައި ބައެއް ސްކޫލުތައްވެސް އޮޑިޓްކުރާނެ ކަމަށާއި، އެ އޮޑިޓްގައި އެ ސްކޫލުތަކުގެ ތެރޭގައި ހުރީ ކޮން ކަހަލަ ކަންތައްތަކެއްތޯ ބައްލަވާނެ ކަމަށެވެ. އަދި މި އޮޑިޓްގެ ތެރޭގައި ރަށްރަށުގައި ކޮމިނިއުޓީ އޮޑިޓުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.

ނިއުމަތު ވިދާޅުވީ މި އޮޑިޓުގައި ކުޑަކުދިންނާ ގުޅޭ ގޮތުން ހުރި މައްސަލަތައް އެއްކޮށް ބެލިގެންދާނެ ކަމަށެވެ.

ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވަނީ ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ތިބޭ ތަންތަނުގެ އޮޑިޓެއްވެސް ދާދި ފަހުން ހަދާފައެވެ. ޖުމްލަ ހަތް ތަނަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ އޮޑިޓުން 146 ކަމެއް ފާހަގަވުމުން އެކަންތައްތައް ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޮމްބަޑްސްޕާސަންގެ އޮފީހާ ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *