ޤުރުއާން ހިތުދަސް 100 ޙާފިޒުން އުފެއްދުމުގެ ޕްރޮގްރާމަށް 500އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި

އިލްމު އިންސްޓިޓިއުޓް ފޮރ އިސްލާމިކް ސްޓަޑީޒުން ކީރިތި ޤުރުއާން ހިތުދަސް 100 ޙާފިޒުން އުފެއްދުމަށް ހުޅުވާލި ޕްރޮގްރާމަށް 574 ފޯމު ލިބިފައިވާކަމަށް އެ އިންސްޓިޓިއުޓުން ހާމަކޮށްފިއެވެ.

މި ޕްރޮގްރާމަކީ ކީރިތި ގުރުއާން ހިތުދަސް ޒުވާން ޖީލެއް ބިނާ ކުރުމުގެ މަގުސަދުގައި ފަށާ ޕްރޮގްރާމެއް ކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. އަންނަ މަހުގެ 1 ގައި ފެށުމަށް ނިންމާފައިވާ މި ކޯހުގައި ކިޔަވައިދެއްވާނީ ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ސަނަދު ހާސިލްކުރައްވާފައިވާ މުދައްރިސުންކަމަށް އެ އިންސްޓީޓިއުޓުން ބުނެއެވެ.

100 ހާފިޒުންގެ މަޝްރޫގައި ކިޔަވައިދޭން ބޭނުންވާ ޓީޗަރުންނަށް ހުޅުވާލި ފުރުސަތުގައި ކިޔަވައި ދެއްވަން ޖުމްލަ 30 މުދައްރިސުން ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.

މި ޕްރޮގްރާމް ހުޅުވާލީ 12 އަހަރުން މަތީގެ އުމުރު ފުރާއަށް ނަމަވެސް 12 އަހަރުން ދަށުގެ ދަރިވަރުންވެސް އެބަތިބިކަމަށް އެ އިންސްޓިޓިއުޓުން ބުނެއެވެ. އެ ދަރިވަރުންގެ ތެރެއިން ޕްރޮގްރާމަށް ނަގާނީ ބާއްވާ އޮޑިޝަނުން ފާސްވާ ދަރިވަރުންނެވެ.

މި ޕްރޮގްރާމްގެ އޮޑިޝަންގައި ބައިވެރިވުމަށް މާލޭގައި ތިބޭ ފަރާތްތަކުން ކްލާސްތަކަށް ހާޒިރުވާން ޖެހޭއިރު މާލެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮޑިޝަން ކުރިއަށް ގެންދާނީ އޮންލައިންކޮންނެވެ.

ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން އަދި ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުންކަމަށްވެސް އިލްމު އިންސްޓިޓިއުޓް ފޮރ އިސްލާމިކް ސްޓަޑީޒް ބުނެއެވެ.

ޕްރޮގްރާމް ކުރިއަށްދާނީ ކްލާސްތަކަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކިޔަވާ ގޮތަށެވެ.

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *