އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އެސެސްމަންޓް ހަދަން ދެ މަހެއްވަރު ނަގާނެ: އެޑިއުކޭޝަން މިނިސްޓްރީ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަރަބިއްޔާ ސްކޫލުގެ ފޮޓޯއެއް.

އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ އެސެސްމަންޓް ހަދަން ދެ މަހެއްވަރު ނަގާނެކަމަށާއި މިހާރު އެ މަސައްކަތްވަނީ ބަޔަކާ ހަވާލުކުރެވިފައިކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ އަރަބިއްޔާ ސްކޫލުގެ އިމާރާތުގައި ރެނދުއަޅާފައިވާ ފޮޓޯތަކާއިއެކު އެތަން ބޭނުންކުރަން ނުވާނެކަަމަށް ބުނެ އާންމުންގެ ކަންބޮޑުވުމާއެކު ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމާ ގުޅިގެން ބުނެފައިވަނީ އަރަބިއްޔާ ސްކޫލުގެ ކަންތައް ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށާއި މި މައްސަލަ އެ މިނިސްޓްރީގެ ސަމާލުކަމަށް އައުމާގުޅިގެން ޕްލޭނިންގ މިނިސްޓްރީއާއިި ގުޅިގެން އިންޖިނިއަރުންލައްވާ ވާނީ އަރަބިއްޔާ ސްކޫލު އިމާރާތުގެ ވިޝުއަލް އިންސްޕެކްޝަނެއް ހަދާފައިކަމަށެވެ.

މި އިންސްޕެކްޝަން ރިޕޯޓުން ދައްކާގޮތުން ތަނުގައި ވަގުތުން ވަގުތަށް ކުރަންޖެހޭ މަރާމާތުތައް އެނގޭނީ ސްޓްރަކްޗަރަލް އެސެސްމަންޓެއް ހަދައިގެންކަމަށާއި މިކަމަށް ދެ މަހެއްވަރު ނަގާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި އެސެސްމަންޓް ނިމޭހާ އަވަހަކަށް މަރާމާތުގެ މަސައްކަތް ފެށޭނެކަަމަށެވެ. އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ މައްސަލައާ ގުޅިގެން ސީދާ މިނިސްޓަރ އެ ސްކޫލުގެ ބެލެނެވެރިންނާ ބައްދަލުކޮށް އެކަމަށް އެ މިނިސްޓްރީން ކުރަމުންގެންދާ މަސައްކަތުގެ މަޢުލޫމާތު ދެއްވާފައިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ފޮޓޯތަކުން ފެންނަ ގޮތުގައި އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ފާރުތަކުގައި ވަނީ ވަރަށް ބޮޑަށް ރެނދުލައި ފަޅައިގެން ގޮސްފައެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުންދާ އިމާރާތުގައި 2013 ވަނަ އަހަރުން ފެށިގެން ހިންގަން ފެށިއިރު މާލޭގެ 3 ސަރަހަައްދެއްގައި އެ ސްކޫލު ހިންގާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *