ދަރިވަރެއްގެ އަގު އުފުލެނީ، ލާ ޔުނީފޯމަކުން، ކިޔަވާ ފޮތްތަކަކުންނޫން ކަމަށާއި، ދަރިވަރުންގެ އަގު އުފުލެނީ ރިވެތި އަޚުލާގުން ކަމަށް ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުޙައްމަދު ރޭ ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރު ޖަމާލުއްދީން ސްކޫލްގެ އިނާމް ދިނުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ހަސަން ވިދާޅުވީ، ޖަވާހިރެއްގެ އަގު އުފުލުމުގައި އޭގެ މަދު މިނާއި އުފެދިފައި ހުންނަ ގޮތާއި، އޭގެ އުމުރާއި އެކުލެވިފައިވާ ހުންނަ ގޮތާއި އޭގައި އެކުލެވޭ ބައިތަކުގެ ނިސްބަތާއި އެ އުފައްދާފައިވާ ކިއްސަރާއި ބައްޓަން ފަދަ ކިތަންމެ ސަބަބުތަކެއް ހުންނަ ކަމަށެވެ. މިގޮތަށް ދަރިވަރެއްގެ އަގު އުފުލުމުގައި މިފަދަ އެތައް ސިފަތަކެއް އެކުލެވޭކަމަށް ހަސަން ވަނީ ރޭ ދަރިވަރުންނަށް ހަނދާން ކޮށްދެއްވާފައެވެ.
ހަސަން ވިދާޅުވީ، ސްކޫލަށް ދަރިވަރުން އަންނަނީ އެއްވައްތަރެއްގެ ޔުނީފޯމް އަޅައިގެން ކަމަށާއި، ކިޔަވާ ޓެކްސްޓް ފޮތްތައް ތަފާތު ނޫން ކަމަށާއި، ކިޔަވައިދެއްވަނީ އެއް ޓީޗަރެއް ކަމަށެވެ. ދަރިވަރެއްގެ އަގު އަރަނީ އޭނާގެ އަޚުލާގުންކަން ފާހަގަކުރައްވައި ހަސަން ވިދާޅުވި ގޮތުގައި، އެކަން އެހެން ކުރެވޭނީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތަކާއި، ހަމަތަކާއި އިންތަކާއި މިންތަކާ އެންގެވުންތަކަށް ވަރަށް ފުރިހަމައަށް ތަބާވެގެންނެވެ. މަދަރުސީ ޔުނީފޯމްގައި އަދާކުރަންޖެހޭ ޒިންމާތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްގެންނާއި، ކިޔެވުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމުގައި ހަދާ، ޓީޗަރުންގެ ބަސްއަހާ މުދައްރިސުންނާއި ބެލެނިވެރިންނަށް ކިޔަމަންތެރިކަން އަދާކޮށްގެންނެވެ. އަދި ފިލާވަޅުތައް ގަވާއިދުން ދަސްކޮށް، ޒަމާނީ ވަޞީލަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެންނެވެ.
" ވަގުތައް ކަމޭހިތައި، ވަގުތު ބޭކާރު ނުކޮށް، ރާވާލައިގެން ކުރިއަށް ދެވޭނަމަ، ކުއްޖާގެ އަގު އަރާނެ، ވިދުން ގަދަވާނެ، އަގު ބޮޑުވާނެ"
ޕްރިންސިލް ހަސަން ރޭ ވިދާޅުވިއެވެ.

ކާމިޔާބީއަކީ ލަކީޑްރޯއަކުން ލިބޭހެން ލިބޭ އެއްޗެއްނޫންކަން ދަރިވަރުންނަށް ހަނދާންކޮށް ދެއްވައި ހަސަން ވިދާޅުވީ، ކޮންމެ ކުއްޖަކީވެސް އަގުހުރި ޖަވާހިރެއް ކަމަށާއި، ޖަވާހިރަކަށް ވުމަކީ އުނދަގޫ ކަމެއް ނޫން ކަމަށެވެ.
" މިފަދަ އަގުހުރި ޖަވާހިރަކަށް ވުމަކީ އެހާ އުނދަގޫ ކަމެއްނޫން. ބޭނުން ވަނީ ކުޑަކުޑަ ހިތްވަރެއް. ނުގުޑާފަދަ އަޒުމް، އެހެން މީހުންނަށް އުފާވެރިކަން ހޯދާ ދިނުމުގެ ޝަޢުޤުވެރިކަން. ލޯބިން ކަންކަން ކުރުމުގެ ޝަޢުޤު ކަށީގައި ހިފުން. މަސައްކަތަށް ފަރުވާ ކުޑަ ނުކުރުމުގެ ހިތްވަރު. ބޯލަނބައިކިޔަމަންވުމާއި އަދަބު އިހުތިރާމަށް ސަމާލުކަން ދިނުން"
ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ހަސަން މުޙައްމަދު ވަނީ ނަމާދު އޭގެ ވަގުތުގައި ކުރުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.
advertisment
ހިޔާލު