މި ހާލަތުގައި ވެސް ހަ ސަތޭކައެންހާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދަނީ ފޯރުކޮށްދެމުން: ރައީސް ސޯލިހު

ރައީސް ސޯލިހު
ރައީސް އިބްރާހިމް މުޙައްމަދު ސާނަވީ އިމްތިޚާނުގެ މަތީ އަރުތަވެރިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ: ތައުލީމަށް ދޭ ފުރުޞަތުގެ ބޭނުން ހިފުމަށް ވަނީ އެދިވަޑައިގެންފައި - ފޮޓޯ: ރައިސް އޮފީސް

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ އެބަ ދެވޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަމީނިއްޔާ ސްކޫލްގައި ރޭ ބޭއްވި، ސާނަވީ އިމްތިޙާނުގެ މަތީ އަރުތަވެރިންނަށް އެވޯޑް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އަދި ރައީސް ވިދާޅުވީ 2019 ވަނަ އަހަރު ފެށި އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާޞިލް ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫން ކަމަށާއި، ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެން ކަމަށެވެ.

" ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަޤްބަލެއް ހޯދައިދިނުންކަން ބަޔާންކުރައްވައި، ރައީސް ސޯލިހު ރޭ ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެވިއްޖެ ކަމަށެވެ. ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ހުޅުވައިލި ފުރުޞަތުގައި، ހީނުކުރާހާ ގިނަ ޢަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން ކަމަށާއި، ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ގައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދޭން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެ ކަމަށާއި،  އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް ކަމަށެވެ. މި މަރުޙަލާއަށް ކުދިން ދާއިރުވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއްކަން ބަޔާން ކުރައްވައި، ރައީސް ވިދާޅުވީ، އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ ކަމަށެވެ. އެކަމުން އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *