ސާނަވީ ތައުލީމުގެ މަރުހަލާ ނިންމައި، މަތީ ސާނަވީއަށްދާ ކުދިންގެ އަދަދު މަދުވާ މައްސަލައަށް ސަމާލުކަންދޭންޖެހޭ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެއެވެ.
2019 ވަނަ އަހަރުގެ ސާނަވީ އިމްތިޚާނުގެ މަތީ އަރުތަވެރިންނަށް އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ރައީސް ސޯލިހު ވިދާޅުވީ ފާއިތުވި ފަސް އަހަރަށް ބަލާއިރު، އެވްރެޖްގޮތެއްގައި 5600 ދަރިވަރުން ސާނަވީ އިމްތިޙާން ނިންމާކަމަށާއި، އޭގެ ތެރެއިން މަތީ ސާނަވީއަށް ދަނީ އެވްރެޖްގޮތެއްގައި 2040 ކަމަށާއި އެއީ ސާނަވީ ނިންމާ ދަރިވަރުންގެ އެންމެ 35 އިންސައްތަ ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ ސާނަވީ އިމްތިޙާން ނިންމާ ދަރިވަރުންގެ ގާތްގަޑަކަށް 64 އިންސައްތަ ދަރިވަރުން މަތީ ސާނަވީ ހަދަން ބޭނުންވާ ސަބަބު ބަލަންޖެހޭ ކަމަށެވެ.
" މިއީ ކިހިނެއްވެގެން، ކޮން ސަބަބަކާހުރެ މެދުވެރިވާ ކަމެއްތޯ ބަލަންޖެހޭ ކަމަށް އަޅުގަނޑު ދެކެން" ރައީސް ސޯލިހު ވިދާޅުވިއެވެ.
" ދައުލަތުގެ މުއައްސަސާތަކުންވެސް، އަދި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ޘާނަވީ ފުރިހަމަކުރަން. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ޤަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް އަޅުގަނޑު އިލްތިމާސް ކުރަން"

ރައީސް ސޯލިހު ވިދާޅުވީ، މަތީ ސާނަވީ ދޫކޮށްލުމުން އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން ކަމަށާއި، އެއީ މުޅި ޤައުމަށް ލިބޭ ގެއްލުމެއް ކަމަށެވެ.
" އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ޤައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް" ރައީސް ސޯލިހު މިރޭ ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ، ޤައުމަކީ އޭގެ ޒާތުގައި އަމިއްލައަށް ތަރައްޤީވެ ކުރިއަރާ ތަނެއް ނޫން. ޤައުމު ތަރައްޤީ ވަނީ ޤައުމުގައި އުޅޭ މީހުން ތަރައްޤީވެގެން. ޤައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ޤައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން ކަމަށެވެ.
ވަރަށްދަތި އުނދަގުލުގެ ތެރޭގައި، ދޮޅު އަހަރެއްހާ ދުވަސް ހޭދަކުރެއްވިކަން ބަޔާން ކުރައްވައި ރައީސް ވިދާޅުވީ، އެއް އަހަރުގެ ކިޔެވުންވެސް، ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ ކަމަށާއި، ކޯވިޑުގެ ދަތިކަމުގެ ތެރޭގައި،އޮންލައިން ކްލާސްތައް ނަންގަވައިދެއްވި ޓީޗަރުންގެ އަގު އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭނެ ކަމަށެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު، ސްކޫލަށް ހާޒިރުވެގެން ކިޔަވައިދެއްވުމުގައިވެސް، ޓީޗަރުން ކުރެއްވީ، ވަރަށް މުހިންމު ޤައުމީ ޚިދުމަތެއް ކަމަށް އެމަނިކުފާނު ވަނީ ހަނދާންކޮށް ދެއްވިއެވެ.

" ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާޔަށް. މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި" ދަރިވަރުންނަށް އަމާޒުކޮށް ރައީސް ވިދާޅުވިއެވެ.
" ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެ. އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް. މި މަރުޙަލާއަށް ކުދިން ދާއިރުވެސް ބެލެނިވެރިންގެ ދައުރަކަށްވާންވީ، އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން"
ރައީސް ވިދާޅުވީ، ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް ކަމަށާއި، އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ ކަމަށެވެ. އަދި އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަން ވެސް މާބޮޑުވާނެ ކަމަށެވެ.
advertisment
ހިޔާލު