ޢަބްދުﷲ ނަޞީޙް
ތައުލީމީ ދާއިރާގައި އެންމެ ބޮޑު އިސްކަމެއް ދެވޭ އެއް ކަމަކީ ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމެވެ. ބެލެނިވެރިން އެދެނީ އެކުދިންނަށް ކާމިޔާބީ ލިބުމަށެވެ. މުދައްރިސުން މަސައްކަތް ކުރަނީ އުނގަންނައިދިނުމުގެ ފެންވަރު މަތިކުރުމަށެވެ. އަދި ސްކޫލްތަކުން ދަނީ ތައުލީމީ މިންގަނޑުތައް ހަރުދަނާކުރެވޭނެ ގޮތްތައް ހޯދަމުންނެވެ. ނަމަވެސް، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަކީ ހަމައެކަނި އިމްތިހާނުތަކުން މަތީ މާކްސް ހޯދައިދިނުމެއް ނޫނެވެ. އެއީ ދަރިވަރުން އުނގެނުމަށާއި، ހެދިބޮޑުވުމަށާއި، ގާބިލު، ޒިންމާދާރު އަދި އަމިއްލަ ނަފްސަށް އިތުބާރުކުރާ ކުދިންތަކަކަށް ހެދުމަށްޓަކައި އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދިނުމެވެ.
ދަރިވަރެއްގެ ނަތީޖާއަށް އެކިއެކި ކަންތައްތަކެއް ނުފޫޒު ފޯރުވައެވެ. އޭގެ ތެރޭގައި ކިޔަވައިދިނުމުގެ ފެންވަރާއި، ސްކޫލްގެ ހިންގުމާއި، ހާޒިރީއާއި، ބެލެނިވެރިންގެ ބައިވެރިވުމާއި، ދަރިވަރުގެ ޝައުގުވެރިކަމާއި، އުނގެނުމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން ސްކޫލްގެ މާހައުލު ހިމެނެއެވެ. އެހެންކަމުން، ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ރަނގަޅުކުރެވޭނީ ހަމައެކަނި ދަރިވަރުން ނުވަތަ މުދައްރިސުންގެ ބޮލުގައި ޒިންމާ އެޅުވުމުގެ ބަދަލުގައި، އެންމެން ގުޅިގެން ކުރާ މަސައްކަތުންނެވެ.
ދަރިވަރުންގެ ކާމިޔާބީގެ އަސާސަކީ ކްލާސްރޫމުގައި ދެވޭ ފެންވަރު ރަނގަޅު ތައުލީމެވެ. މުދައްރިސުންގެ ޒިންމާއަކީ ހަމައެކަނި ފިލާވަޅުތައް ނިންމާލުމެއް ނޫނެވެ. އޭގެ ބަދަލުގައި، ދަރިވަރުންނަށް އެ އެއްޗެއް ފަހުމްވުމަށާއި، އަމަލީ ގޮތުން ބޭނުންކުރަން އެނގުމަށާއި، އުނގެނޭ ކަންތައްތަކާ މެދު ފުންކޮށް ވިސްނުމަށް އެހީތެރިވެދޭންޖެހެއެވެ. ރަނގަޅަށް ރޭވިފައިވާ ފިލާވަޅުތަކާއި، ސާފު މަގުސަދުތަކާއި، އެކަށީގެންވާ އުކުޅުތަކުގެ އިތުރުން ގަވާއިދުން ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަކީ ކުރިއެރުމަށް މަގުފަހިވާނެ ކަންކަމެވެ.
ކޮންމެ ދަރިވަރަކީވެސް ތަފާތު ދުވެއްޔެއްގައި އަދި ތަފާތު ގޮތްގޮތަށް އުނގެނޭ ކުއްޖެކެވެ. ބައެއް ކުދިންނަށް އިތުރު ތަފްސީލާއި އެހީތެރިކަން ބޭނުންވާއިރު، އަނެއްބައި ކުދިންނަށް އިތުރަށް ގޮންޖެހުން ހުރި ފިލާވަޅުތަކަށް އިތުރު ތަފުޞީލު ބޭނުންވެއެވެ. އެހެންކަމުން، ދަރިވަރުންގެ ކިބައިގައި ހުންނަ އުނިކަންތައްތައް ކުރީބައިގައި ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ސްކޫލްތަކުން އަވަސް ފިޔަވަޅު އަޅަންޖެހެއެވެ.

ދަރިވަރުންގެ ކުރިއެރުން ގަވާއިދުން މޮނިޓަރކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ޓެސްޓުތަކުގެ ނަތީޖާއާއި، އެސައިންމަންޓްތަކާއި، ކްލާސް ހަރަކާތްތަކާއި، ހާޒިރީގެ ރެކޯޑުތަކަކީ ދަރިވަރުންގެ ފެންވަރު ދެނެގަތުމަށް ލިބޭ މުހިންމު މައުލޫމާތުތަކެކެވެ. މި ރެކޯޑުތަކަކީ ހަމައެކަނި އިދާރީ ބޭނުމަކަށް ބަލަހައްޓާ އެއްޗަކަށް ވެގެންނުވާނެއެވެ. އޭގެ ބަދަލުގައި، އެ މައުލޫމާތުތައް ދިރާސާކޮށް، ކިޔަވައިދިނުމާއި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ގޮތްތައް ނިންމުމަށް ބޭނުންކުރަންޖެހެއެވެ.
ހާޒިރީއަކީވެސް ނަތީޖާއަށް ވަރަށް ބޮޑު އަސަރެއް ފޯރުވާ ކަމެކެވެ. ގަވާއިދުން ސްކޫލަށް ހާޒިރުނުވާ ދަރިވަރުންނަށް މުހިންމު ފިލާވަޅުތަކެއް ގެއްލިގެންދެއެވެ. މިގޮތަށް ގިނަ ދުވަހު ސަލާމް ބުނުމުން، އާ ފިލާވަޅުތައް ދަސްކުރުމަށާއި އެހެން ކުދިންނާ އެއްވަރަށް މަސައްކަތް ކުރުމަށް އެކުދިންނަށް ދަތިތަކާ ކުރިމަތިވެއެވެ. އެހެންކަމުން، ގަވާއިދުން ސްކޫލަށް ހާޒިރުވުމަށް ބާރުއެޅުމަށް ސްކޫލާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކުރަންޖެހެއެވެ.
ދަރިވަރުންގެ އަމިއްލަ އުނގެނުމުގައި އެކުދިންގެވެސް ބޮޑު ޒިންމާއެއް އޮވެއެވެ. ގަވާއިދުން ފިލާވަޅު ދަސްކުރުމާއި، ކްލާހުގައި ބައިވެރިވުމާއި، ހަވާލުކުރެވޭ މަސައްކަތްތައް ނިންމުމަކީ ނަތީޖާ ރަނގަޅުވުމަށް މަގުފަހިވާ ކަންކަމެވެ. ކާމިޔާބީއަކީ ހަމައެކަނި އިމްތިހާނު ދުވަސްވަރު ކުރާ މަސައްކަތެއް ނޫން ކަމާއި، އެއީ މެދުނުކެނޑި ކުރާ މަސައްކަތުގެ ނަތީޖާކަން ދަރިވަރުންނަށް ވިސްނައިދޭންޖެހެއެވެ.
މީގެ އިތުރުން، އުނގެނުމަށް ހުންނަ ޝައުގުވެރިކަމަކީވެސް މުހިންމު ކަމެކެވެ. ތިމާއަށް ކުރިއެރުން ލިބޭނެކަމަށް ގަބޫލުކުރާ ދަރިވަރުން، ދަތި ހާލަތްތަކުގައިވެސް ހިތްވަރު އެލުވާނުލައި މަސައްކަތް ކުރެއެވެ. ސްކޫލްތަކުން ހަމައެކަނި މަތީ ނަތީޖާ ފާހަގަކުރުމުގެ ބަދަލުގައި، ދަރިވަރުން ކުރާ މަސައްކަތާއި، ހޯދާ ކުރިއެރުމާއި، އަޚްލާގާއި، ކެތްތެރިކަންވެސް ފާހަގަކުރަންޖެހެއެވެ.
ބެލެނިވެރިންނަކީ މި ދަތުރުގެ މުހިންމު ބައިވެރިންނެވެ. ތައުލީމަށް ދަރިވަރުން ބަހައްޓާ ގާތްކަމަށް ބެލެނިވެރިންގެ ނުފޫޒު ވަރަށް ބޮޑެވެ. ގަވާއިދުން ސްކޫލަށް ފޮނުވުމާއި، ގޭގައި ކިޔެވޭނެ މާހައުލެއް ގާއިމުކޮށްދިނުމާއި، މުދައްރިސުންނާ ގުޅުން ބެހެއްޓުމަކީ ބެލެނިވެރިންނަށް ކޮށްދެވޭނެ މުހިންމު ކަންކަމެވެ. ބެލެނިވެރިންގެ ގުޅުން ބާއްވަންވާނީ ހަމައެކަނި ދަރިވަރަށް މައްސަލައެއް ދިމާވުމުންނެއް ނޫނެވެ. ގަވާއިދުން މުވާސަލާތު ކުރުމަކީ ދިމާވާ ކަންކަން ކުރީބައިގައި ހައްލުކުރުމަށް ލިބޭ ފުރުސަތެކެވެ.
ސްކޫލަކީ ކޮންމެ ދަރިވަރަކަށްވެސް ރައްކާތެރިކަމާއި އިހުތިރާމް ލިބޭ ތަނަކަށް ވާންޖެހެއެވެ. ބިރުވެރިކަމާއި، ގަނާކުރުމާއި ނުވަތަ ތަފާތުކުރުންތައް ހުންނަ ނަމަ ދަރިވަރުގެ ކިޔެވުމަށް ބުރޫއަރައެވެ. އޭގެ ބަދަލުގައި، އެކުވެރި އަދި އެހީތެރި މާހައުލެއް އޮތުމަކީ ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެ، އިތުބާރާއެކު މަސައްކަތް ކުރަން މަގުފަހިވާނެ ކަމެކެވެ.
ސްކޫލް ހިންގުމުގައި ތިއްބަވާ ބޭފުޅުންގެ ދައުރުވެސް ވަރަށް ބޮޑެވެ. ސްކޫލްގެ އެންމެ މުހިންމު އަމާޒަކީ އުނގަންނައިދިނުން ކަމުގައި ހަދަންޖެހެއެވެ. ދަރިވަރުންގެ ނަތީޖާތައް ދިރާސާކޮށް، ވަކި މާއްދާއަކުން ނުވަތަ ގްރޭޑަކުން ނަތީޖާ ދަށްވާ ނަމަ، އެކަން މެދުވެރިވާ ސަބަބު ހޯދައި ފިޔަވަޅު އަޅަންޖެހެއެވެ. މީގެ ތެރޭގައި މުދައްރިސުން ތަމްރީނުކުރުމާއި، އިތުރު ވަސީލަތްތައް ހޯދުމާއި، ކިޔަވައިދޭ ގޮތްތަކަށް ބަދަލު ގެނައުން ހިމެނެއެވެ.
ހަނދާނުގައި ބަހައްޓަންޖެހޭ އަނެއް ކަމަކީ، ތައުލީމަކީ ހަމައެކަނި އިމްތިހާނުގެ ނަތީޖާ ނޫން ކަމެވެ. މުވާސަލާތު ކުރުމުގެ ހުނަރާއި، އުފެއްދުންތެރި ވިސްނުމާއި، ލީޑަރޝިޕާއި، އަޚްލާގު އަދި މަސައްކަތުގެ އަދަބުވެރިކަން ދަރިވަރުންގެ ކިބައިގައި އަށަގަންނަވަން ޖެހެއެވެ. ކުޅިވަރާއި އެކިއެކި ހަރަކާތްތަކުގައި ބައިވެރިވުމަކީ ކުއްޖާގެ ޝަޚްސިއްޔަތު ބިނާކުރުމަށް ލިބޭ ބޮޑު ބާރެކެވެ.
މަތީ މާކްސް ހޯދި ނަމަވެސް، އަމިއްލަ ނަފްސަށް އިތުބާރު ނެތް ނުވަތަ އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރަން ނޭނގޭ ކުއްޖަކީ މުސްތަގުބަލުގެ ގޮންޖެހުންތަކަށް ތައްޔާރުވެފައިވާ ކުއްޖެއް ނޫނެވެ. ހަމައެހެންމެ، އިމްތިހާނުން އެންމެ މަތީ ނަތީޖާ ނުލިބޭ ކުދިންގެ ކިބައިގައިވެސް އެހެނިހެން ދާއިރާތަކުން އާދަޔާ ހިލާފު ހުނަރުތަކެއް ހުރެދާނެއެވެ. އެހެންކަމުން، ކާމިޔާބީއަކީ އެކި ގޮތްގޮތުން މިންކުރެވޭ އެއްޗެއްކަން ސްކޫލްތަކުން ގަބޫލުކުރަންޖެހެއެވެ.

ނިންމާލަމުން ދަންނަވާނަމަ، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވެއެވެ. މުދައްރިސުން ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދޭންޖެހޭއިރު، ސްކޫލް އިސްވެރިން އެކަމަށް ބޭނުންވާ އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދޭންޖެހެއެވެ. ބެލެނިވެރިން ގޭތެރޭގައި ތައުލީމަށް އެހީތެރިވެދޭންޖެހޭއިރު، ދަރިވަރުންވެސް އެކުދިންގެ އަމިއްލަ ކުރިއެރުމަށް އޮތް ޒިންމާ ފުރިހަމައަށް އުފުލަންޖެހެއެވެ.
އެންމެ މުހިންމު ކަމަކީ، ސްކޫލްތަކުން ކުރާ މަސައްކަތްތަކުން ދަރިވަރުންނަށް ހަގީގީ ކުރިއެރުމެއް ލިބޭތޯ އަބަދުވެސް ބަލަމުން ގެންދިއުމެވެ.
އަޅުގަނޑުމެން ކުރަންޖެހޭ ސުވާލަކީ ހަމައެކަނި "ދަރިވަރުންނަށް ލިބުނީ ކޮން މާކްސްއެއްތޯ؟" މިއެއް ނޫނެވެ. މިއަށްވުރެ މާ މުހިންމު ސުވާލަކީ، "ކޮންމެ ދަރިވަރަކަށްވެސް އުނގެނުމަށާއި، ކުރިއެރުމަށާއި، އެކުއްޖެއްގެ ކިބައިގައިވާ އެންމެ ފުރިހަމަ ގާބިލިއްޔަތަށް ވާސިލުވުމަށް އަޅުގަނޑުމެން ކުރަނީ ކޮން މަސައްކަތެއްތޯ؟" މިއެވެ.
ސްކޫލްގެ މުޖުތަމައުން އެންމެން ގުޅިގެން މި ސުވާލަށް ޖަވާބު ހޯދަން މަސައްކަތް ފެށުމުން، ދަރިވަރުންގެ ނަތީޖާ ރަނގަޅުވުމަކީ ހަމައެކަނި ކުރެވޭ އުންމީދެއްގެ ބަދަލުގައި، ހާސިލުކުރެވޭނެ ލަނޑުދަނޑިއަކަށް ވެގެންދާނެއެވެ.
advertisment
ހިޔާލު