ޖަޕާނާއި އޮސްޓްރިއާގެ އިތުރުން ޖެނީވާ ޔުނިވަރސިޓީގައި ކިޔެވުމުގެ ފުރުޞަތު ތައުލީމާއި މަތީ ތައުލީމާބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
އެ ވުޒާރާއިން ކުރި އިލާނުގައި ބުނެފައިވާގޮތުގައި، ޖަޕާންގެ ޕްރޮޖެކްޓް ފޯރ ހިއުމަން ރިސޯސް ޑިވެލޮޕްމެންޓް ސްކޮލަރޝިޕް 2026 (ޖޭޑީއެސް)ގެ ސްކޮލަރޝިޕަށް ދަރިވަރަކު ހޮވާނީ ސްކޮލަރޝިޕްދޭ ފަރާތުންނެވެ. އެ ސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ޖޭޑީއެސްގެ ވެބްސައިޓް އާއި އެ ވުޒާރާގެ ޕޯޓަލް އިން ލިބެން ހުންނާނެއެވެ.
ޖޭޑީއެސްގެ ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 14 ޑިސެމްބަރުވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން ޖޭޑީއެސްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން އެދިފައިވެއެވެ.
އޮސްޓްރިއާ ގައި ކުރިއަށްގެންދާ ސްޓަޑީ އިން އޮސްޓްރިއާ ސްކޮލަރޝިޕަށް ދަރިވަރުން ހޮވާނީ ވެސް ސްކޮލަރޝިޕްދޭ ފަރާތުންނެވެ. އެ ސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ސްޓަޑީ އިން އޮސްޓްރިއާގެ ވެބްސައިޓް އާއި އެ މަތީ ތައުލީމާބެހޭ ވުޒާރާގެ ޕޯޓަލް އިން ލިބޭނެއެވެ.
އޮސްޓްރިއާ ގައި ކިޔަވަންދޭ ސްކޮލަރޝިޕަށް ޝައުގުވެރިވާ ފަރާތްތަކުން 5 ފެބުރުވަރީވާ ހުކުރު ދުވަހުގެ ކުރިން އޮސްޓްރިއާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަންޖެހެއެވެ. އަދި އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން ތިރީގައި ބަޔާންކުރެވިފައިވާ ލިންކް ބޭނުންކުރެވިދާނެވެ.
ޔުނިވަރސިޓީ އޮފް ޖެނީވާ އާއި ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ އިދާރާއާއި ގުޅިގެން ހިންގާ މާސްޓަރ އޮފް އެޑްވާންސްޑް ސްޓަޑީސް އިން ޔޫރަޕިއަން އެންޑް އިންޓަރނޭޝަނަލް ގަވަރނެންސް (އެމް.އީ.އައި.ޖީ ފްރޮގްރާމް) 2027-2028ގައި ބައިވެރިވާނެ ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ވެސް ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. އެ ސްކޮލަރޝިޕާއި ބެހޭ އިތުރު މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު އެމް.އީ.އައި.ޖީ ވެބްސައިޓް އާއި މި މިނިސްޓްރީގެ ޕޯޓަލް އިން ލިބެން ހުންނާނެއެވެ.
މި ފުރުސަތުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 15 ނޮވެންބަރު ވާ އާދިއްތަ ދުވަހުގެ ކުރިން އެމް.އީ.އައި.ޖީ ވެބްސައިޓް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަނާއި އޭގައި ބަޔާންކުރާ އެންމެހައި ޑޮކިއުމެންޓްތަކާއެކު ފުރިހަމަކޮށް ހުށަހަޅަން ޖެހެއެވެ.
މަތި ތައުލީމާ ބެހޭ ވުޒާރާގެ އިއުލާނުގައ ބުނެފައިވަނީ، މި ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށެވެ.
އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ވެސް ކަށަވރު ކުރުމަށް އެދިފައިވެއެވެ.
advertisment
ހިޔާލު