ޢަބްދުﷲ ނަޞީޙް
ސްކޫލްތަކުގެ ހަރުދަނާ ލީޑަރޝިޕަކީ ހަމައެކަނި މުއައްސަސާއެއް ބެލެހެއްޓުމެއް ނޫނެވެ. އެއީ ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމާއި، މުދައްރިސުން ބާރުވެރިކުރުވުމާއި، ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ކޮންމެ ކުއްޖަކަށްވެސް މާނަހުރި އުނގެނުމުގެ ފުރުޞަތުތަކެއް ކަށަވަރުކޮށްދިނުމެވެ.
ތަޢުލީމަކީ ޤައުމީ ތަރައްޤީގެ އެންމެ މުހިންމު އެއް ބިންގަލެވެ. އަދި ތަޢުލީމީ މުއައްސަސާތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ކަނޑައެޅުމުގައި ސްކޫލް ލީޑަރޝިޕްގެ ފެންވަރު ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. ޖަޒީރާ ރަށްތަކަކަށް ބެހިފައިވާ، އާބާދީއާއި ވަސީލަތްތައް ތަފާތު ރާއްޖޭގެ މާޙައުލުގައި، ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމަށް ހަރުދަނާ ލީޑަރޝިޕެއް އޮތުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.
ސްކޫލްތަކުގެ އުމްރާނީ ވަސީލަތްތަކާއި، އިމްތިޙާންތަކުގެ ނަތީޖާއާއި، މަންހަޖު ތަރައްޤީކުރުމަށް ބޮޑު ސަމާލުކަމެއް ދެވޭއިރު، ކިޔަވައިދިނުމާއި އުނގެނުމުގެ ފެންވަރު މަތިކުރުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންގެ ދައުރަށްވެސް އެވަރަށް ސަމާލުކަން ދޭންޖެހެއެވެ. ވަސީލަތްތައް ހަމައަށް ހުރި ސްކޫލަކުން އޭގެ ޒާތުގައި ފެންވަރު ރަނގަޅު ތަޢުލީމެއް ކަށަވަރެއް ނުކުރެވޭނެއެވެ. ހަމައެފަދައިން، ގާބިލު ލީޑަރޝިޕަކާއި، އިޚްލާޞްތެރި މުދައްރިސުންނާއި، ދަރިވަރުންގެ އުނގެނުމަށް އިސްކަންދޭ މާޙައުލެއް ނެތި، ތަޢުލީމީ ސިޔާސަތުތަކާއި ޕްރޮގްރާމްތަކުން ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެއެވެ.
ބައިނަލްއަޤުވާމީ ދިރާސާތަކުން ކާމިޔާބު ސްކޫލް ލީޑަރޝިޕެއްގެ ސިފަތަކާ ގުޅޭ އަގުހުރި މަޢުލޫމާތުތަކެއް ލިބެން އެބަހުއްޓެވެ. ސްޓީވަން ޑިންހަމް 2005 ވަނަ އަހަރު ކުރެއްވި ދިރާސާއެއްގައި، އޮސްޓްރޭލިއާގެ ސެކަންޑަރީ ސްކޫލްތަކުގެ ތަޢުލީމީ ނަތީޖާ ރަނގަޅުވުމުގައި ލީޑަރޝިޕްގެ ދައުރު ވަނީ ދެނެގަނެފައެވެ. މި ދިރާސާއިން ދައްކާގޮތުގައި ސްކޫލެއްގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބަކީ އެތަނެއްގެ ލީޑަރޝިޕެވެ.
މި ދިރާސާއަކީ އޮސްޓްރޭލިއާގައި ކުރެވުނު ދިރާސާއެއް ނަމަވެސް، މީގެ ނަތީޖާތަކުން ރާއްޖޭގެ ތަޢުލީމީ ނިޒާމަށް، ޚާއްޞަކޮށް ކިޔަވައިދިނުމުގެ ލީޑަރޝިޕާއި، މުދައްރިސުންގެ ފަންނީ ތަރައްޤީއާއި، ސްކޫލްތަކުގެ ކުރިއެރުމަށް މުހިންމު ފިލާވަޅުތަކެއް ލިބިގެންދެއެވެ. މިއީ ރާއްޖޭގެ ޕްރިންސިޕަލުންގެ ފެންވަރާ ބެހޭގޮތުން ކުރެވުނު ދިރާސާއެއް ނޫން ނަމަވެސް، ލީޑަރޝިޕް މެދުވެރިކޮށް ރާއްޖޭގެ ތަޢުލީމީ ފެންވަރު މަތިކުރެވިދާނެ ގޮތްތަކާ މެދު ވިސްނާލުމަށް މިއީ ބޭނުންތެރި އޮނިގަނޑެކެވެ.
މި ދިރާސާއިން ފާހަގަވި އެންމެ މުހިންމު އެއް ކަމަކީ، ކާމިޔާބު ޕްރިންސިޕަލުން އަބަދުވެސް އިސްކަންދެނީ ދަރިވަރުންނާއި އެކުދިންގެ އުނގެނުމަށް ކަމެވެ. ސްކޫލެއްގެ އަސާސީ ބޭނުމަކީ ހަމައެކަނި އިދާރީ ނިޒާމުތައް ބެލެހެއްޓުމާއި، ގަވާއިދުތައް ތަންފީޛުކުރުން ނޫންކަމާއި، އެއީ ކޮންމެ ދަރިވަރަކަށްވެސް އުނގެނި، ކުރިއަރައި، ކާމިޔާބު ހޯދޭނެ މާޙައުލެއް ގާއިމުކޮށްދިނުންކަން މިފަދަ ލީޑަރުން ގަބޫލުކުރެއެވެ.
މި ސިފައަކީ ރާއްޖެއާ ނުހަނު ގުޅޭ ސިފައެކެވެ. ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަކީ އިދާރީ، ހިންގުމުގެ އަދި ތަޢުލީމީ ގިނަ މަސްއޫލިއްޔަތުތަކެއް އުފުލަންޖެހޭ ބައެކެވެ. ނަމަވެސް، މި ހުރިހާ މަސައްކަތެއްގެ ތެރެއިންވެސް، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމުގެ އަސާސީ މަސްއޫލިއްޔަތަށް ހުރަސް އެޅިގެން ނުވާނެއެވެ.
ހަރުދަނާ ޕްރިންސިޕަލުންނަކީ ކިޔަވައިދިނުމުގެ ކަންކަމުގައި އަމަލީގޮތުން ބައިވެރިވާ ބަޔަކަށް ވާންޖެހެއެވެ. މީގެ ތެރޭގައި ކްލާސްތަކަށް ވަދެ ކިޔަވައިދިނުން ބެލުމާއި، މުދައްރިސުންނަށް ބޭނުންވާ އިރުޝާދު ދިނުމާއި، ދަރިވަރުންގެ ކުރިއެރުން މޮނިޓަރކުރުން ހިމެނެއެވެ. މުދައްރިސުންނާއެކު ގަވާއިދުން ފަންނީ މަޝްވަރާތައް ކުރުމާއި، ދަރިވަރުންގެ ފެންވަރު ބަލައި، އިސްލާހުކުރަންޖެހޭ ކަންކަން ދެނެގަތުމަކީ ލީޑަރުން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެކެވެ.
ރާއްޖޭގެ މާޙައުލަށް ބަލާއިރު، މިއީ ހަމައެކަނި ޕްރިންސިޕަލުންގެ ޒިންމާއެއް ނޫނެވެ. ޑެޕިއުޓީ ޕްރިންސިޕަލުންނާއި، ލީޑިންގ ޓީޗަރުންނަކީވެސް ކިޔަވައިދިނުމުގެ ފެންވަރު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. އެންމެން ގުޅިގެން މަސައްކަތްކުރާ ލީޑަރޝިޕް ސަގާފަތެއް އޮތުމަކީ މުދައްރިސުންނަށް އެހީތެރިވެ، ދަރިވަރުންގެ ބޭނުންތަކަށް އިޖާބަދިނުމަށް އޮތް ބާރެކެވެ.
ދިރާސާއިން ދަސްވި އަނެއް ފިލާވަޅަކީ މުދައްރިސުންގެ ފަންނީ ތަރައްޤީއަށް ދެވޭ އަހަންމިއްޔަތެވެ. ކާމިޔާބު ޕްރިންސިޕަލުންނަކީ މުދައްރިސުންގެ އުނގެނުމަށާއި، ކިޔަވައިދިނުމުގެ ހުނަރުތައް ތަރައްޤީކުރުމަށް ބާރުއަޅާ ބައެކެވެ.
ރާއްޖޭގައި ތަޢުލީމީ ފެންވަރު ހިފެހެއްޓުމަށްޓަކައި މުދައްރިސުންނަށް ދާއިމީކޮށް ފަންނީ ތަމްރީނު ލިބުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މަންހަޖަށް އަންނަ ބަދަލުތަކާއި، ޓެކްނޮލޮޖީގެ ކުރިއެރުންތަކަށް މުދައްރިސުން އަހުލުވެރިކުރުވަން ޖެހެއެވެ. މިފަދަ ތަމްރީނުތަކަކީ ހަމައެކަނި މަދުން ބޭއްވޭ ވޯކްޝޮޕްތަކަކަށް ވެގެން ނުވާނެއެވެ. އެއީ ސްކޫލްގެ ދުވަހީ މަސައްކަތުގެ ތެރެއިން، އެކަކު އަނެކަކުގެ ކިޔަވައިދިނުން ބަލައި، މަޝްވަރާކޮށް، ތަޖުރިބާ ހިއްސާކުރާ ކަމަކަށް ވާންޖެހެއެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ފާއިތުވި މަދު އަހަރުތަކުގެ ތެރޭގައި ކުރިއަށްގެންދާ ހަރަކާތްތަކުން، ލީޑަރޝިޕް ތަރައްޤީކުރުމަށް ދޭ އަހަންމިއްޔަތު ހާމަވެއެވެ. ސްކޫލް ލީޑަރުންނާއި ސްކޫލުތަކުގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ބޭއްވި ވޯކްޝޮޕާއި، ޚާއްސަކޮށް 'އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް' އަކީ މީގެ ހެކިތަކެކެވެ. ނަމަވެސް، މިފަދަ ތަމްރީނުތަކުގެ ހަގީގީ މަންފާ ފެންނާނީ، އެ ތަމްރީނުތަކުން ލިބޭ ހުނަރުތައް ކްލާސްރޫމްތަކުގައި އަމަލީގޮތުން ބޭނުންކުރާ މިންވަރަކުންނެވެ.
ދިރާސާއިން ދެއްކި ގޮތުގައި، އިތުބާރާއި، ރަނގަޅު ގުޅުމާއި، ޒިންމާ ހިއްސާކުރުމަކީ ކާމިޔާބު ލީޑަރޝިޕެއްގެ ތަނބުތަކެވެ. މުދައްރިސުންނަށް އިޙްތިރާމްކުރާ، އަޑުއަހާ، އަދި އެހީތެރިވާ ޕްރިންސިޕަލުން ތިބޭ ސްކޫލްތަކުގެ ހިންގުން މާ ހަރުދަނާއެވެ. އެންމެން ގުޅިގެން މަސައްކަތްކުރާ މާޙައުލެއް އޮތުމަކީ މުހިންމު ކަމެކެވެ.
ހަމައެކަނި އަމުރުތަކަކުން ނުވަތަ ގަވާއިދުތަކަކުން ސްކޫލެއްގެ ސަގާފަތެއް ނުއުފެއްދޭނެއެވެ. އެކަން ކުރެވޭނީ ލީޑަރުންގެ އިން ސާފު، ދެފުށް ފެންނަ ނިންމުންތަކާއި، މުވައްޒަފުންގެ މެދުގައި އޮންނަ އިޙްތިރާމްގެ ސަބަބުންނެވެ. މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ލިބޭނަމަ، އައު ޚިޔާލުތައް ހުށަހެޅުމަށާއި، ސްކޫލް ތަރައްޤީކުރުމުގެ މަސައްކަތްތަކުގައި އަމަލީގޮތުން ބައިވެރިވުމަށް އެފަރާތްތަކަށް ބާރު ލިބިގެންދެއެވެ.
ދިރާސާއިން ފާހަގަވި އަނެއް މުހިންމު ކަމަކީ، ތަޢުލީމީ ސާފު ތަޞައްވުރެއް އޮތުމާއި މަތީ އުންމީދުތަކެއް ކަނޑައެޅުމެވެ. ކާމިޔާބު ޕްރިންސިޕަލުންނަކީ ދުރު ރާސްތާގެ މަޤްޞަދުތައް ހިއްސާކޮށް، ދަރިވަރުންނާއި މުދައްރިސުންގެ ކާމިޔާބީތައް ފާހަގަކުރާ ބައެކެވެ. ދެމެހެއްޓެނިވި ތަޢުލީމީ ކުރިއެރުމަކީ ކުރު މުއްދަތުގެ ހައްލުތަކަކުން ލިބޭނެ އެއްޗެއް ނޫންކަމާއި، އެއީ ކެތްތެރިކަމާއެކު އެންމެން ގުޅިގެން ކުރަންޖެހޭ މަސައްކަތެއްކަން އެފަރާތްތަކުން ގަބޫލުކުރެއެވެ.
ރާއްޖޭގެ ޖަޒީރާވަންތަ ގޮތުން، ބޮޑެތި އާބާދީތައް އޮންނަ ރަށްރަށާއި ކުދި ރަށްރަށުގެ ސްކޫލްތައް ހިންގުމުގައި ތަފާތު ގޮންޖެހުންތައް ހުރެއެވެ. އެހެންކަމުން، ހުރިހާ ސްކޫލަކަށް އެއް އުސޫލަކުން ލީޑަރޝިޕް ބައްޓަންކުރުމަކީ އެންމެ އެކަށީގެންވާ ގޮތަކަށް ނުވެދާނެއެވެ. ހަރުދަނާ ޕްރިންސިޕަލުންނަކީ އެބައެއްގެ މުއައްސަސާ އޮތް ހާލަތު ދެނެގަނެ، ހުރި ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ ބައެކެވެ. ނަމަވެސް، ހަމައެކަނި ލީޑަރޝިޕުން ހުރިހާ މައްސަލައެއް ހައްލެއް ނުކުރެވޭނެއެވެ. ވަސީލަތްތައް ހަމަހަމައަށް ބެހުމާއި، ތަޢުލީމީ ދާއިރާގެ މަތީ ފަންތީގެ އެހީތެރިކަންވެސް މީގެ ތެރޭގައި މުހިންމެވެ.
ދަރިވަރުންގެ ދުޅަހެޔޮކަމާއި އުނގެނުމުގެ ނަތީޖާއާ އޮތް ގުޅުންވެސް މި ދިރާސާގައި ފާހަގަކޮށްފައިވެއެވެ. ދަރިވަރުންނަށް ރައްކާތެރިކަމާއި، އިޙްތިރާމާއި، އަޅާލުން ލިބޭ މާޙައުލެއްގައި ނޫނީ އެކުދިންނަށް އެންމެ ފުރިހަމައަށް އުނގެނުމުގެ ނަތީޖާ ހާސިލެއް ނުކުރެވޭނެއެވެ. އެހެންކަމުން، ދަރިވަރުންގެ ފުދުންތެރިކަމާއި ނަފްސާނީ ދުޅަހެޔޮކަމަކީ އިދާރީ ކަމެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އުނގެނުމުގެ މުހިންމު ބައެއްގެ ގޮތުގައި ދެކެންޖެހެއެވެ.
ބެލެނިވެރިންނާއި މުޖުތަމަޢުގެ ބައިވެރިވުމަކީވެސް ރާއްޖޭގެ ސްކޫލްތަކަށް ނުހަނު ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ރަށްރަށުގައި ސްކޫލަކީ މުޅި މުޖުތަމަޢާ ގުޅިފައިވާ ތަނެކެވެ. ކާމިޔާބު ޕްރިންސިޕަލުންނަކީ ބެލެނިވެރިންނާއި، މުޅި ސްކޫލު މުޖުތަމަޢާ ގުޅިގެން ދަރިވަރުންގެ ކުރިއެރުމަށް މަސައްކަތްކުރާ ބައެކެވެ. މިފަދަ ގުޅުންތަކުގެ ސަބަބުން ސްކޫލަށް އޮންނަ އިތުބާރު ބޮޑުވެ، ދަރިވަރުންގެ ތަޢުލީމަށް މުޅި މުޖުތަމަޢުގެ އެއްބާރުލުން ލިބިގެންދެއެވެ.
އައު އީޖާދުތަކަށް މަރުޙަބާ ކިޔުމާއި، ބަދަލުވަމުންދާ ދުނިޔެއަށް ދަރިވަރުން ތައްޔާރުކުރުމަކީވެސް ލީޑަރުންގެ މަސްއޫލިއްޔަތެކެވެ. ނަމަވެސް، ކޮންމެ އައު ކަމަކީ އޭގެ ޒާތުގައި ފައިދާހުރި ކަމަކަށް ނުވެދާނެއެވެ. އެހެންކަމުން، އައު ޕްރޮގްރާމްތަކާއި ޓެކްނޮލޮޖީ ބޭނުންކުރަންވާނީ އޭގެ ސަބަބުން އުނގެނުމަށް ކުރާނެ އަސަރަކަށް ބަލައި، ރަނގަޅަށް ރޭވުމަށްފަހުގައެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ފާހަގަކޮށްލެވޭ ތަޢުލީމީ ނަތީޖާއަކީ އެކަކު ކުރާ މަސައްކަތުން ހާސިލުވާނެ ކަމެއް ނޫނެވެ. ޕްރިންސިޕަލަކީ މުހިންމު ދައުރެއް އަދާކުރާ ފަރާތެއް ނަމަވެސް، ކާމިޔާބު ލިބެނީ މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުން އެކުގައި ކުރާ މަސައްކަތުންނެވެ. ރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ޕްރިންސިޕަލުން އައްޔަންކުރުމާއި ތަމްރީނުކުރުމުގައި، އެފަރާތްތަކުގެ ކިޔަވައިދިނުމުގެ ލީޑަރޝިޕް ހުނަރަށާއި، މީހުންނާ މުޢާމަލާތުކުރުމުގެ ހުނަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހެއެވެ.
ޤައުމީ ފެންވަރުގައި ސްކޫލް ލީޑަރޝިޕް ވަރުގަދަކުރުމަކީ ތަޢުލީމީ ފެންވަރު މަތިކުރުމަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓެވެ. ކޮންމެ ސްކޫލަކީވެސް، އެތަނެއްގެ ބޮޑުމިނަށް ނުވަތަ ވަސީލަތްތަކަށް ބެލުމެއްނެތި، މުދައްރިސުންނަށް އެހީތެރިކަން ލިބޭ އަދި ދަރިވަރުންނަށް އެންމެ ފުރިހަމައަށް އުނގެނެވޭ މާޙައުލަކަށް ހެދުމަށް މަސައްކަތްކުރަންޖެހެއެވެ. ސްކޫލް ލީޑަރޝިޕް ވަރުގަދަކުރުމަކީ ހަމައެކަނި އިދާރީ އިސްކަމެއް ދޭންޖެހޭ ކަމެއް ނޫނެވެ؛ އެއީ ރާއްޖޭގެ ތަޢުލީމީ މުސްތަޤުބަލަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
advertisment
ހިޔާލު