ފާއިތުވީ އަހަރުތަކެކޭވެސް އެއްފަދައިން ދިވެހިރާއްޖޭގެ ސްކައުޓު ޖަމްޢިއްޔާގެ ފަރާތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ބޭއްވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، މި ސިލްސިލާގެ ފުރަތަމަ ހަރަކާތް ކަމުގައިވާ ދެކުނުގެ ސަރަޙައްދުގައި ބާއްވާ ޕްރީކަބް މީޓް އަދި ކަބް ރެލީ (ޒޯން 5ގެ ޕްރީކަބް މީޓް އަދި ކަބް ރެލީ) ބޭއްވުމަށް ހަމަޖެހިފައިވަނީ 26 ސެޕްޓެންބަރ 2026 ވާ ހޮނިހިރު ދުވަހު ތިނަދޫ ސިޓީ ގައެވެ.
ތިނާދޫ ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ހިންގުމަށް ހަމަޖެހިފައިވާ މި ހަރަކާތް ރާވާ ހިންގަނީ ތިނަދޫ ސިޓީގައި ޙަރަކާތްތެރިވަމުން އަންނަ ޖަމުޢިއްޔާއެއް ކަމަށްވާ، އޯރގަނައިޒޭޝަން ފޯރ ކޮމިއުނިޓީ ރިސެލިއެންސްގެ ދަށުން ހިނގަމުން އަންނަ ރެޒިލިއެންޓް ސްކައުޓުންނެ ސްކައުޓް ގުރޫޕުންނެވެ. ރެޒިލިއެންޓް ސްކައުޓުންނެ ސްކައުޓް ގްރޫޕަކީ ތިނަދޫ ސިޓީގައި ސްކައުޓް ހަރަކާތުގެ ރޫޙު ދިރުވައި، އެ ހަރަކާތުގެ ތެރެއިން ޒުވާނުންނާއި ފުރާވަރުގެ ޢުމުރުގެ ކުދިންނަށް ދިރިއުޅުމަށް ބޭނުންވާ އެކިއެކި ހުނަރުތައް އަށަގެންނެވުމުގެ މަގްސަދުގައި 2025 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވަމުން އަންނަ ސްކައުޓް ގުރޫޕެކެވެ.
މި އިވެންޓްގައި ޖުމްލަ 250 އަށްވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި 150 އަށްވުރެ ގިނަ ވޮލަންޓިއަރުން ބައިވެރިވެއެވެ. ތިނަދޫ ސިޓީގެ ގިނަ މުޢައްސަސާތަކާއި ޖަމުޢިއްޔާތަކުގެ އެހީތެރިކަމާއިއެކު ކުރިއަށްގެންދެވޭ މި ހަރަކާތުގައި ތިނަދޫގެ އިތުރުން، ގއ އަދި ގދ އަތޮޅުގެ ސްކައުޓް ގުރޫޕްތަކުންވެސް ބައިވެރިވެއެވެ. މި ހަރަކާތުގައި އެކި ފަރާތްތަކުން ހިންގާ ސްޓޯލްތަކުގެ އިތުރުން ދިވެހިރާއްޖޭގެ ސްކައުޓް ހަރަކާތަށް 70 އަހަރު ފުރުމާއި ގުޅިގެން މުޖުތަމައަށް 1 މިލިއަން ގަޑިއިރުގެ ހިދުމަތް ފޯރުކޮށްދިނުމަށް ދިވެހިރާއްޖޭގެ ސްކައުޓް ޖަމްޢިއްޔާއިން ހިންގާ ހަރަކާތާއި ގުޅުވައިގެންނާއި ދައުލަތުގެ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫއު އާއި ގުޅުވައިގެން ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ވެސް ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ.
މި ހަރަކާތުގެ އިތުރުން ކުރިއަށް ހުރި ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ތަކުގެ ތެރޭގައި:
- ހއ، ހދ އަދި ށ އަތޮޅަށް ޙާއްސަ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ (ޒޯން 1) – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޫބަރ 2026 ގައި ހދ. ހަނިމާދޫގައި ކެތިއަރާ ޖަމްޢިއްޔާގެ ސްކައުޓް ގްރޫޕް ކަމަށްވާ "ކެތިއަރާ ސްކައުޓް ގްރޫޕް" އާއި ގުޅިގެންނެވެ.
- މ، ފ، ދ، ތ އަދި ލ އަތޮޅަށް ޙާއްސަ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ (ޒޯން 3) – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޫބަރ 2026 ގައި ލ. ގަމުގައި އިހައްދޫ ސްކޫލް ސްކައުޓް ގްރޫޕާއި ގުޅިގެންނެވެ.
- ނ އަދި ރ އަތޮޅަށް ޙާއްސަ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ (ޒޯން 2) – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 24 އޮކްޓޫބަރ 2026 ގައި ނ. ކުޑަފަރީ ގައި ނ. ކުޑަފަރީ ސްކޫލު ސްކައުޓް ގްރޫޕާއި ގުޅިގެންނެވެ.
- ބ އަދި ޅ އަތޮޅަށް ޙާއްސަ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ (ޒޯން 4) – މި ހަރަކާތް ހިންގުމަށް ހަމަޖެހިފައިވަނީ 21 ނޮވެމްބަރ 2026 ގައި ބ. ދަރަވަންދޫ ގައި ބ. ދަރަވަންދޫ ސްކޫލް ސްކައުޓް ގްރޫޕާއި ގުޅިގެންނެވެ.
މިހާތަނަށް އިޢުލާނުކޮށްފައިވާ ފަސް ހަރަކާތުގައި ޖުމްލަ 1،270 އަށް ވުރެ ގިނަ ޕްރީ-ކަބުންނާއި ކަބް ސްކައުޓުން އަދި ސްކައުޓް ލީޑަރުންނާއި ވޮލަންޓިއަރުން ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، ޒޯން 6 (އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީ) އަދި ޒޯން 7 (މާލެ ސިޓީ) ގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. މި ސަރަޙައްދުތަކުގައި ބާއްވާ ޕްރީ-ކަބް މީޓް އަދި ކަބް ރެލީ ބާއްވާނެ ތާރީޚުތައް ފަހުން އިޢުލާނުކުރެވިގެންދާނެއެވެ
ޕްރީ-ކަބް އަދި ކަބް ސްކައުޓް ސެކްޝަނަށް ޚާއްސަކޮށްގެން ބާއްވާ މި ދެ ހަރަކާތަކީ އުމުރުން 5 އަހަރާއި 12 އަހާރައި ދެމެދުގެ ކުދިން އެއްތަނަކުން ބައްދަލުވެ، ގުޅުން ބަދަހިކޮށް، އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރަން ލިބޭ ފުރުސަތެކެވެ. މި އިވެންޓްގައި ހިންގާ ޝައުގުވެރި ހަރަކާތްތަކާއެކު ކުދިންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަވުމުގެ އިތުރުން، ދިރިއުޅުމުގައި ބޭނުންވާނޭ ގިނަ ހުނަރުތައް ތަރައްގީކުރުމަށް އެހީތެރިވެދޭނެއެވެ.
advertisment
ހިޔާލު