ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން، ސްކޫލް ދަރިވަރުންގެ ޝައުޤުވެރިކަމާއި، ހުނަރާއި، ކުރިމަގުގެ ތަޢުލީމީ އަދި މަސައްކަތުގެ ދާއިރާތައް ކުރިއާލާ ދެނެގަތުމަށް އެހީތެރިވުމުގެ މަޤްޞަދުގައި "އެމް.އެން.ޔޫ ފިއުޗަރ ރެޑީ ސީރީޒް" ގެ ނަމުގައި ކޮންމެ މަހަކު ކުރިއަށްގެންދާ ޚާއްޞަ ސީރީޒްއެއް އިފްތިތާޙުކޮށްފިއެވެ.
މި ސީރީޒްގެ ފުރަތަމަ ސެޝަންގައި ގްރޭޑް 7 އަދި 8 ގެ ގާތްގަނޑަކަށް 200 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ސެޝަން މެދުވެރިކޮށް ދަރިވަރުންނަށް އެކި ދާއިރާތަކުގެ މަސައްކަތްތަކާއި، މަތީ ތަޢުލީމުގެ ފުރުޞަތުތަކާއި، ބަދަލުވަމުންދާ ވަޒީފާގެ ބާޒާރާ ބެހޭ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، މުސްތަޤުބަލާ މެދު ވިސްނާއިރު ހަމައެކަނި އިމްތިޙާނުގެ ނަތީޖާއަށް ބަރޯސާނުވެ، އަމިއްލަ ޝައުޤުވެރިކަމާއި، ހުނަރާއި، އުންމީދުތަކާ މެދު ފުންކޮށް ވިސްނުމަށް ދަރިވަރުންނަށް ބާރުއަޅާފައިވެއެވެ. މި ސެޝަންގެ ތެރެއިން ކުރިއަށްދިޔަ ތަފާތު ޙަރަކާތްތަކާއި މަޝްވަރާތަކުގެ އެހީގައި، ދަރިވަރުން ކުރާހިތްވާ ކަންކަމާއި، އެކުދިންގެ ކިބައިގައި ހުރި ހުނަރުތައް ދެނެގަނެ، އެ ކަންކަން ކުރިމަގުގެ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާ ގުޅުވާލާނެ ގޮތްތައް ބުނެދީފައިވެއެވެ.
ކޮންމެ މަހަކު އެއްފަހަރު ބާއްވާ މި ޕްރޮގްރާމްގެ ސެޝަންތައް ބައްޓަންކޮށްފައިވަނީ އެކި އުމުރުފުރާގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ތަޢުލީމީ އަދި ކެރިއަރާ ގުޅޭގޮތުން ހަރުދަނާ ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ގޮތަށެވެ. މީގެ މައިގަނޑު މަޤްޞަދަކީ މަތީ ތަޢުލީމުގެ ދާއިރާތަކަށް ދަރިވަރުން އަހުލުވެރިކުރުވުމާއި، ތަޢުލީމާއި ވަޒީފާގެ ބާޒާރުގައި ހުރި ފުރުޞަތުތަކަށް ކުދިން ލޯހުޅުވައިދިނުމެވެ.
އެމްއެންޔޫ އިން ތަޢުލީމީ އިރުޝާދު ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން، މި ސީރީޒް އަތޮޅުތެރޭގެ ކެމްޕަސްތަކަށް ފުޅާކުރުމަށް ވަނީ ރޭވިފައެވެ. މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ދަރިވަރުންނަށް އަމިއްލަ ރަށުގައި ތިބެގެން ކެރިއަރ ގައިޑަންސް އާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކުގެ މަޢުލޫމާތު ލިބިގެންދާނެއެވެ.
މި އިފްތިތާޙު ކުރެވުނު ޕްރޮގްރާމުން، ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާވެސް ގުޅުންހުރި ފެންވަރު ރަނގަޅު ތަޢުލީމު ފޯރުކޮށްދިނުމުގެ ލަނޑުދަނޑި (SDG 4) އާއި، އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި އިޤްތިޞާދީ ކުރިއެރުމުގެ ލަނޑުދަނޑި (SDG 8) ހާސިލުކުރުމަށް މިކަމުން ބާރުލިބޭކަމަށް އެމްއެންޔޫއިން ބުނެއެވެ.
"އެމްއެންޔޫ ފިއުޗަރ ރެޑީ ސީރީޒް" މެދުވެރިކޮށް ޔުނިވަރސިޓީގެ އަމާޒަކީ ޒުވާނުންނަށް އެކުދިންގެ ތަޢުލީމާއި މުސްތަޤުބަލާ މެދު ހޭލުންތެރި، ހަރުދަނާ ނިންމުންތަކެއް ނިންމުމަށް އެހީތެރިވެދީ، މަތީ ތަޢުލީމާއި އޭގެ ފަހުގެ ފުރުޞަތުތަކަށް ދަރިވަރުން ތައްޔާރުކުރުމެވެ.
advertisment
ހިޔާލު