5 މިލިއަން ރުފިޔާގެ "އިންޑިޕެންޑެންޓް ރިސާޗް ގްރާންޓް" އަށް އެމްއެމްއޭގެ ހުޅުވާލައިފި

5 މިލިއަން ރުފިޔާގެ މާލީ އެހީދޭ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން، އެ އޮތޯރިޓީގެ ރިސާޗް ފަންޑުގެ ދަށުން "އިންޑިޕެންޑެންޓް ރިސާޗް ގްރާންޓް" އާއި "ބުކް ގްރާންޓް" އަށް ހުޅުވާލައިފިއެވެ.

ޕްރޮޕޯސަލް ހުށައެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހެވެ. ހުށައަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ހޮވޭ މަޝްރޫއުތަކުގެ މައުލޫމާތު އަންގާނީ އޮކްޓޯބަރު މަހުގެ 30 ވަނަދުވަހުއެވެ.

އެމްއެމްއޭއިން ކުރި އިއިލާނުގައި ބުނެފައިވާ ގޮތުގައި، މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް އެކުލަވައިލުމަށް ބާރުއެޅުމާއި، އިޤްތިޞާދީ މުހިންމު ކަންކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ރާއްޖޭގެ މެކްރޯ އިކޮނޮމިކް އަދި މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް އެހީތެރިވެދޭނެ ފެންވަރު ރަނގަޅު ދިރާސާތަކަށް ފުރުޞަތު ފަހިކޮށްދިނުމެވެ.

އިންޑިޕެންޑެންޓް ގްރާންޓް ރިސާޗް އަދި ބުކް ގްރާންޓް މަޝްރޫޢުތަކުގެ ތެރެއިން ފެންވަރު ރަނގަޅު ދިރާސާތަކަށް 5 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފައިސާ ދޫކުރެވޭނީ "އެކަޑެމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީ"ން ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހުގައެވެ. މި އެހީގެ ދަށުން މަޢުލޫމާތު އެއްކުރުމާއި، ފީލްޑްވޯކް، ސާވޭ، ސޮފްޓްވެއަރ، ރިސާޗް އެސިސްޓެންސް އަދި ދިރާސާ ފެތުރުމުގެ ޚަރަދުތައް ވެސް ހަމަޖައްސައިދެއެވެ.

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓުގެ ޝަރުޠުތައް
  • އެމް.އެމް.އޭ، ތަޢުލީމީ މުއައްސަސާތައް، ތިންކް-ޓޭންކްތައް ނުވަތަ ދިރާސާކުރުމުގެ ތަޖުރިބާހުރި ވަކިވަކި ފަރުދުންނާއި ޓީމުތަކަށް ކުރިމަތިލެވިދާނެއެވެ.
  • އިސްކޮށް ހުންނަވާ ފަރާތަކީ ގުޅުންހުރި ދާއިރާއަކުން މަދުވެގެން މާސްޓަރސް ޑިގްރީ ހާސިލުކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. ޕީ.އެޗް.ޑީ ފެންވަރުގެ ދިރާސާވެރިންނަށް އިސްކަންދެވޭނެއެވެ.
  • ހުށަހަޅާ ޕްރޮޕޯސަލްގައި ދިރާސާކުރާ ސުވާލުތަކާއި، ބޭނުންކުރާނެ އުޞޫލުތައް (Methodology)، އުންމީދުކުރާ ނަތީޖާ އަދި އެމް.އެމް.އޭގެ އިސްކަންދޭ ދާއިރާތަކާ ހުރި ގުޅުން ސާފުކޮށް ބަޔާންކުރަންވާނެއެވެ.
ބުކް ގްރާންޓުގެ ޝަރުޠުތައް:
  • ފޮތް ލިޔެވިދާނެ ބަސްތަކަކީ ދިވެހި ނުވަތަ އިނގިރޭސި ބަހެވެ.
  • އިޤްތިޞާދީ، މާލީ ނުވަތަ އެއާ ގުޅުންހުރި ދާއިރާތަކުން ތަޖުރިބާހުރި އަދި ކުރިން ލިޔުންތައް ޝާއިޢުކޮށްފައިވާ ވަކިވަކި ފަރުދުންނަށް ނުވަތަ ޓީމުތަކަށް ކުރިމަތިލެވިދާނެއެވެ.
  • އިޤްތިޞާދީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، މާލީ ދާއިރާގެ ދާނިޝް މުއްސަނދިކުރުމަށް ނުވަތަ ރާއްޖޭގެ އިޤްތިޞާދީ ސިޔާސަތުތަކާ ގުޅޭގޮތުން އިލްމީ ބަހުސްތަކަށް ބާރުއަޅާ ފޮތްތަކަށް އިސްކަންދެވޭނެއެވެ.

އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް ކަނޑައެޅިފައިވާ ދާއިރާތައް

ޕްރޮޕޯސަލް ހުށަހަޅަންވާނީ އެމް.އެމް.އޭގެ މަސްއޫލިއްޔަތުތަކާއި ޤައުމީ އިސްކަންދޭ ދާއިރާތަކާ ގުޅޭގޮތުންނެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • މެކްރޯ އިކޮނޮމިކް ހަމަޖެހުމާއި، މަނިޓަރީ ޕޮލިސީ އަދި އިންފްލޭޝަން.
  • މާލީ ދާއިރާގެ ވަރުގަދަކަމާއި، ގަވާއިދުތަކާއި އައު އީޖާދުތައް.
  • މޫސުމަށް އަންނަ ބަދަލުތަކާއި މާލީ ދާއިރާގެ ހަމަޖެހުން.
  • ޑިޖިޓަލައިޒޭޝަން، ފިންޓެކް އަދި މާލީ ޚިދުމަތްތައް އެންމެންނަށް ފޯރުކޮށްދިނުން.
  • ފަތުރުވެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ.
  • އިސްލާމިކް ފައިނޭންސް އަދި ދެމެހެއްޓެނިވި ތަރައްޤީ.
  • މަސައްކަތުގެ ބާޒާރާއި ތަޢުލީމު.
  • ބޯހިޔާވަހިކަމާއި، އާބަން ޑިވެލޮޕްމަންޓް އަދި ޖިއޮގްރަފިކަލް އިކޮނޮމިކްސް.
  • ޞިއްޙީ ދާއިރާގެ އިޤްތިޞާދާއި، ދައުލަތުގެ ޚަރަދުތަކާއި އިޖުތިމާޢީ ރައްކާތެރިކަން.
 ބުކް ގްރާންޓަށް ކަނޑައެޅިފައިވާ ދާއިރާތައް

ފޮތް ލިޔުމަށް ހުށަހަޅާ ޕްރޮޕޯސަލްތައް ބިނާވާންވާނީ ދިވެހިރާއްޖޭގެ އިޤްތިޞާދާ ގުޅުންހުރި މައުޟޫޢުތަކަށެވެ.

ޕްރޮޕޯސަލްއާއެކު ހުށަހަޅަންޖެހޭ ތަކެތި
ހުށަހަޅާ ލިޔެކިޔުންތަކުގައި ހިމެނެންވާނީ:

  • އެމް.އެމް.އޭ ރިސާޗް ފަންޑު ގްރާންޓަށް އެދޭ ފޯމު.
  • ޕްރޮޕޯސަލް ޑޮކިއުމަންޓް (އިންޑިޕެންޑެންޓް ރިސާޗް ގްރާންޓަށް): މަޝްރޫޢުގެ ނަން، ޚުލާޞާ (އެންމެ ގިނަވެގެން 250 ބަސް)، މަޤްޞަދުތަކާއި ސުވާލުތައް، ބެކްގްރައުންޑް އަދި ލިޓްރޭޗަރ ރިވިއު، މެތޮޑޮލޮޖީ، އުންމީދުކުރާ ނަތީޖާ އާއި ސިޔާސަތުތަކާ ހުރި ގުޅުން، އަދި މަސައްކަތް ނިންމާނެ ތާވަލު.
  • ޕްރޮޕޯސަލް ޑޮކިއުމަންޓް (ބުކް ގްރާންޓަށް): ފޮތުގެ ނަން، ފޮތުގެ ޚުލާޞާ (އެންމެ ގިނަވެގެން 1000 ބަސް)، ފޮތުގެ މައިގަނޑު މައުޟޫޢު، މަޤްޞަދު، އަމާޒުކުރާ ފަރާތްތަކާއި އުންމީދުކުރާ ނަތީޖާ، ފޮތުގެ ތަރުތީބު (ޗެޕްޓަރުތައް)، ފޮތުގެ މުހިންމުކަމާއި އަޞްލުކަން، ފޮތުގައި ހިމެނޭނެ ކަމަށް ލަފާކުރާ ބަހުގެ އަދަދު، ލިޔާނެ ބަސް، ސިޔާސަތުތަކާ ހުރި ގުޅުން، އަދި މަސައްކަތް ނިންމާނެ ތާވަލު.
ހުށަހަޅަންޖެހޭ ނަތީޖާ
އިންޑިޕެންޑެންޓް ރިސާޗް ގްރާންޓް:
  • މަސައްކަތް ކުރިއަށްދާ ގޮތުގެ ރިޕޯޓާއި ފައިސާ ޚަރަދުވި ގޮތުގެ ރިޕޯޓު.
  • ފައިނަލް ރިސާޗް/ޕޮލިސީ ޕޭޕަރު (5،000 – 10،000 ބަސް).
  • މައިގަނޑު ހޯދުންތަކުގެ ޚުލާޞާއެއް (Policy Brief).
  • އެމް.އެމް.އޭ ރިސާޗް ކޮންފަރެންސްގައި ނަތީޖާތައް ހުށަހެޅުން.
ބުކް ގްރާންޓް:
  • މަސައްކަތް ކުރިއަށްދާ ގޮތުގެ ރިޕޯޓާއި ފައިސާ ޚަރަދުވި ގޮތުގެ ރިޕޯޓު.
  • ފައިނަލް ފޮތް (60،000 – 100,000 ބަސް).
  • ފޮތުގެ މައިގަނޑު ނުކުތާތަކާއި ސިޔާސަތުތަކަށް ހުރި ގުޅުން ބަޔާންކުރާ އެގްޒެކެޓިވް ސަމަރީއެއް.
ގްރާންޓް ލިބޭ ފަރާތްތަކުގެ ޒިންމާ
  • މަސައްކަތުގެ ތާވަލާއި، ފައިސާ ދޫކުރާނެ ގޮތާއި، ރިޕޯޓު ހުށަހަޅަންޖެހޭ ގޮތް ބަޔާންކުރާ އެއްބަސްވުމެއްގައި ސޮއިކުރުން.
  • ފައިސާ ބޭނުންކުރަންވާނީ ހަމައެކަނި ހުއްދަދެވިފައިވާ ކަންކަމަށެވެ. ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްފިނަމަ އެހީ ކަނޑާލައި، ފައިސާ އަނބުރާ ދައްކަންޖެހޭނެއެވެ.
ވަޒަންކުރުމާއި ހޮވުން
ހުށަހަޅާ ޕްރޮޕޯސަލްތައް 'އެކަޑެމިކް އެންޑް ޓެކްނިކަލް ރިވިއު ކޮމިޓީ' އިން ބަލާނީ އަންނަވި ކަންކަމަށް ރިޢާޔަތްކޮށްގެންނެވެ:
  • އެމް.އެމް.އޭގެ މަސްއޫލިއްޔަތުތަކާއި ރާއްޖޭގެ އިޤްތިޞާދީ ކަންކަމާ ހުރި ގުޅުން.
  • މަސައްކަތުގެ އަޞްލުކަމާއި ސިޔާސަތުތަކަށް ކުރާނެ އަސަރު.
  • ބޭނުންކޮށްފައިވާ އުޞޫލުތަކުގެ (Methodology) ސައްޙަކަމާއި މަސައްކަތް ކުރެވިދާނެ މިންވަރު.
  • ދިރާސާވެރިޔާ ނުވަތަ ޓީމުގެ ޤާބިލުކަން.
  • ބަޖެޓުގެ އެކަށީގެންވާކަމާއި ޚަރަދުތަކުގެ ތަފްޞީލު.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *