ވިލާ ކޮލެޖަށް ސެޕްޓެމްބަރު 2026 ގެ އިންޓޭކުގައި އަލަށް ގުޅުނު ދަރިވަރުންނަށް މަރުޙަބާ ކިޔުމަށާއި، ދަރިވަރުން ކިޔެވުމަށް ފެށުމަށް ވާންޖެހޭ ތައްޔާރީތަކާއި، ކޮލެޖުގެ މާޙައުލާއި ,ދަރިވަރުންނަށް ފޯރުކޮށްދޭ އެކި ޚިދުމަތްތަކަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި "އޯ-ވީކް 2026″ ގެ ނަމުގައި ކުރިއަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމެއް ފެށިގެން ކުރިއަށް ދެއެވެ. ސެޕްޓެމްބަރު 14 ވީ ހޯމަ ދުވަހު ފެށި މި ހަރަކާތްތައް، ސެޕްޓެމްބަރު 16 ވާ ބުދަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 4:00 އިން ރޭގަނޑު 10:00 އަށް ކޮލެޖުގެ ކެމްޕަހުގައި އާއި އޮންލައިންކޮށް ކުރިއަށްދާނެއެވެ.
ތިން ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތްތަކުގައި، ކޮލެޖުގެ އެކި ފެކަލްޓީތަކުގެ އައު ދަރިވަރުން އެ ދަރިވަރުންގެ ލެކްޗަރަރއިންނާއި އެކުގައި ކިޔަވާ ދަރިވަރުންނާއި ބައްދަލުވެ، ކެމްޕަހުގެ ވަސީލަތްތަކާއި ދަރިވަރުންނަށް ލިބެންހުރި ތަފާތު ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ހޯދުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. އޯ-ވީކުގެ މައިގަނޑު އަމާޒަކީ ކިޔެވުމުގެ ފުރަތަމަ ލެކްޗަރަށް ދަރިވަރުން ހާޒިރުވުމުގެ ކުރިން، ކެމްޕަހުގެ މާޙައުލަށާއި، ދަރިވަރުންނަށް ލިބެންހުރި އެހީތެރިކަމުގެ ނިޒާމުތަކަށް ފުރިހަމައަށް އަހުލުވެރިވެފައިވާ ބަޔަކަށް އެ ދަރިވަރުން ހެދުމެވެ.
މި އޮރިއެންޓޭޝަން ހަފްތާގެ ފުރަތަމަ ސެޝަން ކަމަށްވާ "އަންލޮކިންގ ޔުއަރ ޕޮޓެންޝަލް" ސެޝަން ނަންގަވައިދެއްވީ ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބެވެ. ދަރިވަރުންގެ ޢަމަލީ ބައިވެރިވުން ހިމެނޭ ގޮތަށް ކުރިއަށްގެންދިޔަ މި ސެޝަނުގައި، ހަލުވިކަމާއެކު ބަދަލުވަމުންދާ ވަޒީފާގެ މައިދާނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ގްރެޖުއޭޓަކަށް ވުމަކީ ކޮބައިކަން ދަރިވަރުންނަށް އޮޅުންފިލުވައިދެއްވިއެވެ. އަދި ކޮލެޖުގައި ހޭދަކުރާ މުއްދަތުގައި ލިބިގެންދާނޭ ހުނަރުތަކާއި، ހޯދިދާނެ ތަޖުރިބާތަކާއި، ބިނާކުރެވިދާނެ ގުޅުންތަކުގެ އިތުރުން ދަރިވަރުންގެ ފަރާތުން މުޖުތަމަޢަށް ގެނެވޭނެ ހެޔޮ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މީގެ އިތުރުން، އައު ދަރިވަރުން ކިޔަވާ ފެކަލްޓީތަކާއި އެ ފެކަލްޓީތަކުގެ ކިޔަވައިދޭ ޓީމުތަކާ އެކު ކުރިއަށްދާ ސެޝަންތަކާއި، އެކަޑެމިކް ކައުންސެލިންގ ސެޝަންތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ކިޔެވުމުގައި ކާމިޔާބީ ހޯދުމުގެ އުކުޅުތައް ދަސްކޮށްދޭ "އޭސް ޔުއަރ އެކަޑެމިކްސް" އާއި "ސްޓަޑީ ސްމާޓަރ، ވޯކް ބެޓަރ" ސެޝަންތަކުގެ އިތުރުން، ދަރިވަރުންގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމާއި، ދަރިވަރުންގެ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު، ކިޔެވުމާއި އަމިއްލަ ދިރިއުޅުމުގެ ހަމަހަމަކަން ހިފެހެއްޓުމަށް މަގުދައްކައިދޭ 'ސްޓޭ ވެލް، ސްޓޭ ބެލެންސްޑް' ސެޝަންތައްވެސް މި ހަފްތާގެ ތެރޭގައި ކުރިއަށްދާނެއެވެ.
ކިޔެވުން ރަސްމީކޮށް ފެށުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިދާރީ އަދި ޓެކްނިކަލް ކަންކަމަށް ދަރިވަރުން އަހުލުވެރިކުރުވުމުގެ ގޮތުން ކުރިއަށްގެންދާ "ގެޓް ޑިޖިޓަލީ ރެޑީ" ސެޝަންތަކުގައި، ދަރިވަރުންގެ ޑިޖިޓަލް އައިޑީ އެކްޓިވޭޓްކުރުމާއި، ކެމްޕަހުގެ ޚިދުމަތްތައް ހޯދުމަށް ބޭނުންވާ އެކްސެސް ހަމަޖެއްސުމާއި، އޮންލައިން ލާރނިންގ ޕްލެޓްފޯމްތައް ސެޓަޕްކޮށްދެވިގެންދާނެއެވެ. އަދި ޓީމުތަކަށް ބެހިގެން ކެމްޕަހުގެ އިމާރާތްތަކާއި، ލެބޯޓްރީތަކާއި އެހެނިހްނެ ވަސީލަތްތައް ހޯދައި ދެނެގަތުމަށް ބާއްވާ "ވީސީ މިސްޓްރީ" ޗެލެންޖުގެ ސަބަބުން،ކިޔެވުން ފެށޭ ފުރަތަމަ ދުވަހުން ފެށިގެންވެސް ދަރިވަރުންނަށް ފަރިތަކަމާއި އެކު ކެމްޕަސް ތެރޭގައި އުޅެން ދަސްވެގެންދާނެއެވެ. އޮންލައިންކޮށް ބައިވެރިވާ ދަރިވަރުންނަށް ޚާއްޞަކޮށްގެން މި ހަރަކާތުގެ އޮންލައިން އެޑިޝަނަކާއި ކުދި ގޭމްތައް ކުރިއަށްގެންދާއިރު، ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ލައިވް މިއުޒިކާއި ކެރިއޯކީ ފަދަ މުނިފޫހިފިލުވުމުގެ ހަރަކާތްތައްވެސް ވަނީ ހިމަނާފައެވެ.
ކިޔެވުން ނިންމައި ވަޒީފާގެ މައިދާނަށް ނުކުތުމަށް ދަރިވަރުން ތައްޔާރުކުރުމުގެ ގޮތުން، ވިލާ ކޮލެޖުގެ ކުރީގެ ގްރެޖުއޭޓުން އެމީހުންގެ ކިޔެވުމާއި ކެރިއަރގެ ތަޖުރިބާތައް ޙިއްޞާކުރާ "ބިޔޯންޑް ދަ ކްލާސްރޫމް" ސެޝަންތަކާއި، ތަފާތު ދާއިރާތަކުގެ ވަޒީފާދޭ ފަރާތްތަކުން ގްރެޖުއޭޓުންގެ ކިބައިން ބޭނުންވާ މުހިންމު ހުނަރުތަކާ ގުޅޭގޮތުން މަޢުލޫމާތުދޭ "އެންޑް ގޭމް" ސެޝަންތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބު ވިދާޅުވީ، "ދަރިވަރެއްގެ މަތީ ތަޢުލީމުގެ ދަތުރު ފެށެނީ ފުރަތަމަ ލެކްޗަރަކުން ނޫން. އެ ދަތުރު ފެށިގެންދަނީ މި އޮރިއެންޓޭޝަން ހަފްތާއިން. އޯ-ވީކްގެ ތެރެއިން އުފެދިގެންދާ އެކުވެރިކަމާއި ބަދަހިވާ ގުޅުންތަކަކީ، ކިޔެވުމުގެ އެންމެ ދަތި އުނދަގޫ ދުވަސްވަރުވެސް ދަރިވަރުންނަށް ކުރިއަށްދިއުމަށް ލިބޭނެ ބޮޑު ހިތްވަރެއް."
ވިލާ ކޮލެޖުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ދަރިވަރުންނަށް އެންމެ ފުރިހަމަ ތަޢުލީމީ ތަޖުރިބާ ފޯރުކޮށްދިނުމާއެކު، އޯގާތެރި އަދި އެހީތެރި މާޙައުލެއް ބިނާކޮށްދިނުމަށެވެ. ކިޔެވުން ފަށާ ދަރިވަރުންނަށް ބޭނުންވާ އެކަޑެމިކް އެހީތެރިކަމާއި، ކެމްޕަހުގެ ވަސީލަތްތަކާއި، ޓެކްނޮލޮޖީގެ ނިޒާމުތައް "އޯ-ވީކް 2026″ މެދުވެރިކޮށް ފޯރުކޮށްދެނީ ދަރިވަރުންގެ ކާމިޔާބީ ކަށަވަރުކުރުމަށް ކޮލެޖުން ދޭ ޚާއްޞަ އިސްކަމުގެ ދަށުންނެވެ.
advertisment
ހިޔާލު