އެމްއެންޔޫގެ ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ފެކަލްޓީގެ ޑީންއަކަށް ޒުލައިޚާ ރީޝާ ރަޝާދު މިއަދު ހަމަޖައްސައިފިއެވެ. ރީޝާ އެ މަގާމަށް ހަމަޖެއްސެވީ، ކުރިން އެ މަޤާމުގައި ހުންނެވި ޒީނަތު ސޯލިހުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ރީޝާ އަކީ، ގައުމީ ޔުނިވަރސިޓީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ، ތައުލީމީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2024 އިން 2026 އަށް އެ ފެކަލްޓީގެ ލެކްޗަރާގެ މަގާމު ފުރުއްވާފައިވާއިރު، އޭގެ ކުރިން 2016 އިން 2018 އަށް އަދި 2020 އިން 2023 އަށް އެސޯސިއޭޓް ލެކްޗަރާގެ މަގާމު ވެސް ވަނީ ފުރުއްވާފައެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ދެއްކެވި ވާހަކަފުޅުގައި، ޑީން ޒުލައިޚާ ރީޝާ ރަޝާދު ވަނީ ފެކަލްޓީގެ ވަރުގަދަ ބިންގަލުގެ މައްޗަށް ބިނާކޮށް، ތައުލީމީ ފެންވަރު މަތިކުރުމަށާއި އާ އީޖާދުތައް ތައާރަފުކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ފެންވަރު ރަނގަޅު ތައުލީމީ ޕްރޮގްރާމްތައް އިތުރުކުރުމާއި، އެކަޑެމިކު އެކްރެޑިޓޭޝަން ހޯދުމާއި، ގައުމީ ތަރައްގީގެ އިސްތިރާޖީ އަމާޒުތަކާ ގުޅުންހުރި އިލްމީ ދިރާސާތައް ކުރިއެރުވުމަކީ މުހިންމު ލަނޑުދަނޑިތަކެވެ.
މީގެ އިތުރުން، ފެކަލްޓީގެ ހުރިހާ ދާއިރާއެއްގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުން އިތުރުކޮށް، ދެމެހެއްޓެނިވި ކުރިއެރުން ހޯދުމަށް އިސްކަންދޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. އެކަމަނާގެ ތަަސައްވުރަކީ ފަންނީ ހުނަރާއި އިލްމު ލިބިފައިވާ، އަޚްލާގީ ގޮތުންނާއި މަސައްކަތުގެ އަދަބުތަކަށް އަހުލުވެރި، ރާއްޖޭގެ ދެމެހެއްޓެނިވި މުސްތަގުބަލަށް އަމަލީ ގޮތުން ހިއްސާވާނެ ދަރިވަރުންތަކެއް ބިނާކުރުމެވެ.
ރީޝާ އަކީ، މިހާރުވެސް ފަތުރުވެރިކަމުގެ ދާއިރާގެ ތައުލީމު ހަރުދަނާކުރުމާއި، ދާއިރާގެ މުސްތަގުބަލުގެ ލީޑަރުން ތަމްރީނުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާ، ޑީންގެ މަގާމަށް އައްޔަންކުރުމަކީ ފަތުރުވެރިކަމުގެ ތައުލީމާއި ދިރާސާ ކުރިއެރުވުމުގައި އެކަމަނާގެ ހުރި ގާބިލުކަމާއި ލީޑަރޝިޕަށް ޔުނިވަރސިޓީން ކުރާ އިތުބާރު ރަމްޒުކޮށްދޭ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
advertisment
ހިޔާލު