އެމްއެންޔޫގައި ކިޔަވާ ބޭރުގައުމުތަކުގެ ދަރިވަރުންނަށް "ސަގާފީ ސައި" ބާއްވައިފި

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން އެ ޔުނިވަރސިޓީގައި ތަޢުލީމު ހާސިލުކުރަމުންދާ ބައިނަލްއަގުވާމީ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ "ސަގާފީ ސައި" ހަރަކާތް ބާއްވައިފިއެވެ.

މިއީ، ތަފާތު ސަގާފަތްތަކުގެ ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، އާދަކާދަތައް ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދިޔަ މި ހަރަކާތެކެވެ.

ގައުމީ ޔުނިވަރސިޓީގައި މިހާރު ގަވާއިދުން ބާއްވަމުން އަންނަ މި ހަރަކާތަކީ، ހުރިހާ ދަރިވަރުން ބަލައިގަންނަ، އެކުވެރި މާހައުލެއް ބިނާކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މި ބައްދަލުވުމުގެ ތެރެއިން ބައިނަލްއަގުވާމީ ދަރިވަރުންނާއި ޔުނިވަރސިޓީގެ އެކި ފަންތީގެ މެންބަރުންގެ މެދުގައި މުއާމަލާތްތައް އިތުރުވެ، ސަގާފީ ދެނެގަތުމާއި ގާތް އެކުވެރިކަން އާލާވުމަށް ފުރުސަތު ލިބިގެންދެއެވެ.

މި "ސަގާފީ ސައި" ވާހަކަފުޅު ދައްކަވަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ބައިނަލްއަގުވާމީ ދަރިވަރުންނަށް މަރުހަބާ ވިދާޅުވެފައެވެ. އަދި ތަފާތު ގައުމުތަކާއި ސަގާފަތްތަކަށް ނިސްބަތްވާ ދަރިވަރުންނަށް، އެކަކު އަނެކަކާ ގުޅުން ބަދަހިކޮށް، އެހީތެރިކަން ލިބޭނެ ފަދަ މާހައުލެއް ޔުނިވަރސިޓީގައި ގާއިމުވެފައި އޮތުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތުގެ ތެރެއިން ދިވެހިންގެ މެހެމާންދާރީ އާއި އެއްބައިވަންތަކަން ރަމްޒުކޮށްދޭ "ސަގާފީ ސައި" ބައިވެރިންނަށް ތައާރަފުކޮށްދެވުނެވެ. މީގެ އިތުރުން، ދަރިވަރުން ވަނީ އެކި ކަހަލަ ސަގާފީ ކުޅިވަރުތަކާއި ހަރަކާތްތަކުގައި ބައިވެރިވެ، ދިވެހި ސަގާފަތާ ބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން އެކުދިންގެ އަމިއްލަ ސަގާފީ އާދަކާދަތައް ވެސް ހުށަހަޅައިދީފައެވެ.

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމް.އެން.ޔޫ.އެސް.ޔޫ) ގެ އެހީތެރިކަމާއެކު ކުރިއަށްދިޔަ މި ހަރަކާތް ނިމިގެންދިޔައީ ދަރިވަރުންގެ މެދުގައި އުފާވެރި އަދި އެކުވެރި މާހައުލެއްގައެވެ. "ސަގާފީ ސައި" ފަދަ އިސްނެގުންތަކުގެ ސަބަބުން، ތަފާތު ސަގާފަތްތަކުގެ މެދުގައި މާނަހުރި ގުޅުންތަކެއް އުފެދި، ޔުނިވަރސިޓީގެ މުޖުތަމައުގައި އެއްބައިވަންތަކަން ވަރުގަދަވެގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *