ހިތަދޫ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމަށް މަރަދޫ ސްކޫލުގެ ޕްރިންސިޕަލް ޑރ ޢަބްދުއްލަޠީފް ޢަލީ މިއަދު ހަމަޖައްސައިފިއެވެ. އޭނާ އެ މަޤާމަށް ހަމަޖެއްސެވީ، ހިތަދޫ ސްކޫލުގައި ކުރިން ހުންނެވީ ޑރ. އާސިޔަތު މުޙައްމަދު ދީދީ އިސްތިއުފާ ދެއްވުމުންނެވެ.
ޑރ. ޢަބްދުއްލަޠީފު ހިތަދޫ ސްކޫލަށް ވަޑައިގެންނެވުމުން އެ ސްކޫލުގެ މެނޭޖްމަންޓުން ވަނީ މިއަދު މަރުޙަބާ ދަންނަވާފައެވެ.
އެ ސްކޫލުން ބުނީ، ޑރ . އަބްދުއްލަޠީފުގެ ތަޖުރިބާ އާއި ތަޞައްވުރާއި އިޚްލާޞްތެރިކަމުގެ ސަބަބުން، އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު ހަރުދަނާކޮށް، ދަރިވަރުންގެ ދިރިއުޅުން މުއްސަނދިކޮށް، ކޮންމެ ކުއްޖަކީވެސް އަގުހުރި އަދި ހިތްވަރު ލިބޭ މާޙައުލެއް ޤާއިމުކޮށްދެވޭނެ ކަމަށެވެ. ހިތަދޫ ސްކޫލް އައު އުސްމިންތަކަކަށް ގެންގޮސްދިނުމަށް، ހެޔޮ ބަދަލެއް ގެނެސް، އެއްބައިވަންތަކަން ދެމެހެއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމެއް އޮތް ކަމަށް ވެސް އެ ސްކޫލުން ބުންޏެވެ.

ޑރ. އަބްދުއްލަޠީފު، ޕީއެޗްޑީ ހެއްދެވީ 2023ވަނަ އަހަރު މެލޭޝިއާގައި، ޔުނިވަރސިޓީ ސައެންސް މެލޭޝިއާއިން، ތަޢުލީމީ ދާއިރާއިންނެވެ. ޑރ. އަބްދުއްލަޠީފަށް، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ލިބިވަޑައިގެންނެވިއެވެ. އެ އިނާމް އެރުވީ، ޕީ.އެޗް.ޑީ.އަށް ކުރެއްވި ދިރާސާގެ އަލީގައި ލިޔުއްވި، "ދި އިންފުލުއެންސް އޮފް ޕްރިންސިޕަލްސް ސަރވަންޓް ލީޑަރޝިޕް އެންޑް ޓީޗަރ އެންގޭޖްމަންޓް އޮން ޓީޗަރ އިންޓެންޝަން ޓު ސްޓޭ އިން ދަ ސްކޫލްސް އޮފް މޯލްޑިވްސް" އާޓިކަލް ބައިނަލްއަގުވާމީ ޖަރނަލެއްގައި ޝާއިޢުކުރައްވައި، ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރައްވާފައިވާތީއެވެ.
ޑޮކްޓަރ ޢަބްދުއްލަޠީފް ޢަލީގެ އާޓިކަލްތައް ޝާއިޢުކުރައްވައިފައިވާ ޖަރނަލްތަކުގެ ތެރޭގައި، އިންޓަރނޭޝަނަލް އެކަޑަމިކް ރިސާރޗް ޖަރނަލް އޮފް ސޯޝަލް ސައެންސް އާއި، އިންޓަރނޭޝަނަލް އެކަޑެމިކް ރިސަރޗް ޖަރނަލް އޮފް ސޯޝަލް ސައެންސް ހިމެނެއެވެ.
ޑޮކްޓަރ ޢަބްދުއްލަޠީފް ޢަލީގެ ޕީ.އެޗް.ޑީ. ޑިސަރޓޭޝަން "ދަ އިންފުލުއެންސް އޮފް ޕްރިންސިޕަލްސް ސަރވަންޓް ލީޑަރޝިޕް އެންޑް ޓީޗަރ އެންގޭޖްމެންޓް އޮން ޓީޗަރ އިންޓެންޝަން ޓު ސްޓޭ އިން ދަ ސްކޫލްސް އޮފް މޯލްޑިވްސް" ބިނާކުރައްވައިފައި ވަނީ، ޕްރިންސިޕަލްގެ ސަރވަންޓް ލީޑަރޝިޕް އަދި ޓީޗަރުން، ސްކޫލްގެ ހަރަކާތްތަކުގައި ޝާމިލުވާ މިންވަރު (ޓީޗަރ އެންގޭޖްމެންޓް) ގެ ސަބަބުން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މުދައްރިސުން، އެ ވަޒީފާ ދޫކޮށް އެހެން ފަންނުތަކުގެ ވަޒީފާތަކަށް ހިޖުރަކުރުމަށް ނިންމާ ނިންމުމަށް ނުފޫޒު ފޯރުވާ މިންވަރު ދެނެގަތުމުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ ދެކުނުގެ ހަތަރު އަތޮޅުގެ މުދައްރިސުންގެ ސަރވޭއާއި، ލީޑިންގ ޓީޗަރުންގެ އިންޓަރވިއުގެ އަލީގައި ކުރެވުނު މި ދިރާސާއިން އެނގިގެން ދިޔައީ، މުދައްރިސުން އެހެނިހެން ފަންނުތަކުގެ ވަޒީފާތަކަށް ހިޖުރަކުރުމަށް ގަސްތުކުރުމުގައި، މުދައްރިސުންނަށް ޕްރިންސިޕަލުން ސަޕޯޓް ދޭ މިންވަރާއި، ޕްރިންސިޕަލުންގެ ލީޑަރޝިޕް ދައުރާއި، ސްކޫލްގެ ކަންކަމުގައި މުދައްރިސުން ބައިވެރިވާ މިންވަރު، މަތީ ދަރަޖައަކަށް ނުފޫޒު ފޯރުވާކަމެވެ.
މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ބޮޑަށް ހިތްވަރު ލިބެނީ، ޕްރިންސިޕަލްގެ ސަރވަންޓް ލީޑަރޝިޕްގެ ކޮން ކަމަކުންތޯ ދެނެގަތުމުގެ އިތުރުން، މުދައްރިސުން ސްކޫލް ހިންގުމުގައި އެންގޭޖްވާ މިންވަރަކީ، ވަޒީފާގައި ދެމިތިބުމަށް އެކަށީގެންވާ މަތީ މިންވަރަކަށް މީޑިއޭޓް ކުރާ ކަމެއްކަން މި ދިރާސާއިން ވަނީ ހާމަވެފައެވެ. މީގެއިތުރުން، ކްރިއޭޓިވިޓީއާއި، އައު ތަހުލީލުކުރުމަށް ފުރުޞަތު ލިބުމާއި، މުދައްރިސުންނަށް އިޙްތިރާމު ލިބޭ މިންވަރަކީ، މުދައްރިސުން ވަޒީފާގައި ދެމިތިބުމަށް ހިތްވަރު ލިބޭ ކަންތައްތަކެއްކަން މި ދިރާސާއިން ފާހަގަކުރެވިފައި ވެއެވެ.


advertisment
ހިޔާލު