ޔުނައިޓެޑް ވޯލްޑް ކޮލެޖް މޯލްޑިވްސް (ޔޫޑަބްލިއުސީ މޯލްޑިވްސް)ގެ ސްކޮލަރޝިޕް ރާއްޖޭގެ ތިން ކުދިންނަށް ދީފިއެވެ. އިންޑިޔާ އާއި ހޮންގޮންގ އަދި ކެނެޑާގައި މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ދިނީ އެ ޖަމިއްޔާއިން ހުޅުވާލުމުން ކުރިމަތިލި ދަރިވަރުންގެ ތެރެއިން ހޮވުނު ދަރިވަރުންނަށެވެ.
މި އަހަރު ހުޅުވާލި ސްކޮލަރޝިޕަށް ހޮވުނީ، ނ. ކުޑަފަރީ ސްކޫލުން އޯލެވެލް ނިންމި އިޒް ޔާލާ ބިންތު އަލީ އާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުން އޯލެވެލް ނިންމި ޔަޒާން އަބްދުﷲ ޔަޒާންގެ އިތުރުން ތާޖުއްދީން ސްކޫލުން އޯލެވެލް ނިންމި ހައްވާ އިޝާއެވެ.
މި ދަރިވަރުން ކިޔަވާނީ، އިންޑިއާގެ މަހިންދްރާ ޔުނައިޓެޑް ވޯލްޑް ކޮލެޖާއި ހޮންގކޮންގްގެ ލީޕޯޗުން ޔުނައިޓެޑް ވޯލްޑް ކޮލެޖްގެ އިތުރުން ކެނެޑާގެ ޕިއާސަން ޔުނައިޓެޑް ވޯލްޑް ކޮލެޖުން އިންޓަނޭޝަނަލް ބެކަލޯރިއޭޓް (އައިބީ) ޑިޕްލޮމާއެކެވެ.
ޔޫޑަބްލިއުސީ (ޔުނައިޓެޑް ވޯލްޑް ކޮލެޖްސް) އަކީ ސުލްހައާއި ދެމެހެއްޓެނިވި މުސްތަގުބަލެއް ހޯދުމަށް އަމިއްލަ ފަރުދުންނާއި ގައުމުތަކާއި ސަގާފަތްތައް އެއްތަނަކަށް އެއްކޮށްލުމަށް ތައުލީމު ބޭނުންކުރާ ބައިނަލްއަގުވާމީ ހަރަކާތެކެވެ. މި ހަރަކާތުގެ ގޮފި ޔޫޑަބްލިއުސީ މޯލްޑިވްސް އުފެއްދީ 2001 ވަނަ އަހަރުއެވެ. އަމާޒަކަށްވީ، ޒުވާނުން އެމީހުންގެ ދިރިއުޅުމުގައި ކޮންމެ މަގަކުން އިޚްތިޔާރު ކުރިޔަސް، ރަނގަޅު ބަދަލެއް ގެނައުމަށް ޒުވާނުންގެ ގާބިލްކަމާއި ޖޯޝާއި ބާރުގެ ބޭނުން ހިފުމަށް ހިތްވަރު ދިނުމެވެ.
ޔޫޑަބްލިއުސީ ސްކޮލަރޝިޕްގެ ދަށުން 67 ދިވެހި ދަރިވަރުން ކިޔެވުން ނިންމައި ރާއްޖެއަށް ޚިދުމަތްކޮށްދެމުން ގެންދެއެވެ. އެ ޖަމިއްޔާއިން ސްކޮލަރޝިޕް ދެނީ ގްރޭޑް 10 ނިންމާ، ނުވަތަ އުމުރުން 15-17 އަހަރުގެ ދަރިވަރުންނަށެވެ.
advertisment
ހިޔާލު