ހައިރާން ކުރުވަނިވި ނަތީޖާއެއް، ޗެމްޕިއަންކަން މުޙައްމަދު ޖަމާލުއްދީން ސްކޫލަށް

ތިން އުމުރު ފުރާއެއްގައި ބައިވެރިވެ ފަސް ގެޓަގަރީއަކުން ޗެމްޕިއަންކަން ހޯދާފައިވޭ

16 ވަނަ ނެޝަނަލް ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕްގައި ހައިރާންކުރުވަނިވި ނަތިޖާއެއް ފުވައްމުލައް މުޙައްމަދު ޖަމާލުދީން ސްކޫލުން ހޯދައިފިއެވެ. މި މުބާރާތުގެ ފިރިހެން އަދި އަންހެން ޗެމްޕިއަނުންނަކީ ވެސް އެ ސްކޫލެވެ. މި މުބާރާތުގައި އެ ސްކޫލުން ބައިވެރިވި ތިން އުމުރު ފުރައިގެ ތެރެއިން ޗެމްޕިއަންކަން ގެއްލުނީ 17 އަހަރުން ދަށުގެ އަންހެން ބައިން އެކަންޏެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމްތައް:

  • 13 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް، މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • 13 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • 15 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • 15 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • 17 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓީމް މުޙައްމަދު ޖަމާލުއްދީން ސްކޫލް
  • 17 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަން
  • 20 އަހަރުން ދަށް ފިރިހެން ޗެމްޕިއަން ޓްރެކްއެންޑް ފީލްޑް އެސޯސިއޭޝަން ސްކޫލް
  • 20 އަހަރުން ދަށް އަންހެން ޗެމްޕިއަން ޓީމް ޏ. އަތޮޅު ތަޢުލީމީ މަރުކަޒު

މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް އާރިފާ އަބްދުލް މަޖީދު ވިދާޅުވީ، އެތްލެޓިކްސްއިން ރަނގަޅު ކާމިޔާބެއް ހޯދަން ދުރާލާ ތައްޔާރުވި ކަމަށާއި މި ފަހަރު ލިބުނު ކާމިޔާބަކީ އެތްލެޓިކްސްއިން އެ ސްކޫލަށް ލިބުނު އެންމެ ރަނގަޅު ކާމިޔާބީ ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކާމިޔާބީއެއް، މުޅި ސްކޫލް ކޮމިއުނިޓީއަށް ލިބުނު އުފަލެއް" ޕްރިންސިޕަލް އާރިފާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިދިޔަ އަހަރަށްވުރެ މި އަހަރު ކުރެވުނު މަސައްކަތް ރަނގަޅު ކަމަށާއި އެކަން ކުރެވުނީ އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ. އެކަމުގައި ސްޕޯޓްސް ސްޕަވައިޒަރާއި ސްޕޯޓްސް ކޮމިޓީން އިސްވެ ކުރި މަސައްކަތްތަކާއި ކޯޗް ޝާމް ކުރި މަސައްކަތް ވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.

މި މުބާރާތުން އެންމެ މޮޅު ފިރިހެން އެތްލީޓަކަށް ހޮވުނީ ވެސް މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ ހަމްދުއެވެ. އޭނާ 100 މީޓަރާއި 200 މިޓަރު އަދި ޓްރިޕަލް ޖަންޕުން ރަންމެޑަލް ހޯދިއެވެ. އަދި 100 މިޓަރާއި ޓްރިޕަލް ޖަމްޕުން މީޓް ރެކޯޑް ވެސް އޭނާ ހޯދާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *