ގއ. ގެމަނަފުށީ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން މިއަދު ފަށައިފިއެވެ. އެ ސްކޫލުގައި އޭލެވެލް ފެށީ ފަސް ދަރިވަރުންނާ އެކު ގައެވެ. އެ ހުރިހާ ދަރިވަރުން ވެސް ކިޔަވަނީ ސައިންސް ސްޓްރީމަށެވެ.
ރަށުގައި ތިބެގެން ދަރިންނަށް އޭލެވެލް ކިޔަވައިދެވޭނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ގެމަނަފުށީ ރައްޔިތުންނަށް މިއަދަކީ ބޮޑު ދުވަހެކެވެ. އެރަށު އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އޭލެވެލް ފެށުމަށް ޚާއްޞަ އެސަމްބްލީއެއް އެ ސްކޫލުގައި ބޭއްވި އިރު އެ އެސަމްބްލީގައި ރަށުގެ މުއައްސަސާތަކުން ބައިވެރިވިއެވެ.

ގެމަނަފުށީ ސްކޫލާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި އެރަށު ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ މުފީދު ދަރިވަރު ނޫހަށް ވިދާޅުވީ، އެ ސްކޫލާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމުގައި ވެސް ބެލެނިވެރިން އެދުނު އެންމެ މުހިންމު ކަމަކީ އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދެވޭނެ ގޮތެއް އޮތްތޯ ބަލައި އެކަމަށް މަސައްކަތް ކޮށްދިނުމަށެވެ. މިއަދު ބޭއްވި ރަސްމިއްޔާތަށް ދައުވަތު ދިނުމުން ވެސް ތަފާތު އިހުސާސެއް ކުރުވުނު ކަމަށް ބެލެނިވެރިން ބުނެފައިވާ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

"ބެލެނިވެރިން ބޭނުންވި ގޮތަށް އޭލެވެލްއަށް ކިޔަވައިދޭން ފެށުނީ ވަރަށް މަސައްކަތުން. އެއީ މިރަށުގެ ހުރިހާ މުއައްސަސާތަކާއި އަދި ސްކޫލާ ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ" މުފީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި އަހަރު އޭލެވެލްއަށް ކިޔަވައިދެވޭނެ ކަމުގެ ޔަޤީންކަން ދުރާލާ ދެވުނު ނަމަ ކުދިން އިތުރުވީސް ކަމަށެވެ.
"އޭލެވެލް ފެށޭނެތޯ އިންތިޒާރުގައި ވެސް ތިބި. އެ ކުދިން ބައެއް ސްކޫލްތަކަށް ބަދަލުވި ފަހުން އަޅުގަނޑުމެންނަށް ފެށުނީ. އެހެން ނުވިނަމަ ކުދިން އިތުރު ވުމުގެ ފުރުޞަތު ބޮޑު" މުފީދު ވިދާޅުވިއެވެ.
ގެމަނަފުށީ ސްކޫލުން އެންމެ ފަހުން އޯލެވެލް ނިންމި ބެޗްގައި 33 ދަރިވަރުން ކިޔެވިއެވެ. އޭގެ ތެރެއިން ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނުނުއިރު ދެ ދަރިވަރުން އެއްވަނައިގައި ހިމެނުނެވެ. އެ ސްކޫލުން އެންމެ ރަނގަޅު ނަތީޖާ ނެރުނުނީ ވެސް މިދިޔަ އަހަރުއެވެ.
ގެމަނަފުށީ ސްކޫލުގައި 400 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމާއެކު ގއ. އަތޮޅުގައި އޭލެވްލްއަށް ކިޔަވައިދޭ ތިން ސްކޫލް ހުންނާނެއެވެ. އެއީ އެ ސްކޫލުގެ އިތުރުން ގއ. އޭއީސީއާއި ދާންދޫ ސްކޫލެވެ.
advertisment
ހިޔާލު