ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީ އޮފް އާޓްސްގެ އެސޯސިއޭޓް ލެކްޗަރަރ މުޙައްމަދު ހޫދު އިބްރާހީމަށް ވޯލްޑް ޔޫތު ޑިވެލޮޕްމަންޓް ފޯރަމް 2025 ގައި ގްލޯބަލް އެކްސެލެންސް އެކްޝަންސް އެވޯޑު ލިބިއްޖެއެވެ.
އޭނާއަށް މި އެވޯޑު ލިބިވަޑައިގެންނެވީ އެކުވެރި ދައުލަތްތަކުގެ 2030 އެޖެންޑާ ފޯ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓަށް އޭނާ ކުރައްވާފައިވާ އައު އީޖާދީ މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
އެމްއެންޔޫއިން ބުނިގޮތުގައި، މި އެވޯޑުން ފާހަގަކުރެވެނީ ޒުވާނުންގެ ތަރައްޤީއަށާއި، ތަޢުލީމީ ދާއިރާގެ ތަރައްޤީއަށާއި އަދި ބައިނަލްއަޤްވާމީ ގުޅުންތައް ބަދަހިކުރުމަށް ހޫދު ކުރައްވާފައިވާ މަސައްކަތެވެ. އޭނާގެ މި ކާމިޔާބީއަކީ އޭނާގެ އަމިއްލަ ޚިދުމަތްތައް ފާހަގަކޮށްލުމުގެ އިތުރުން، ދުނިޔެ ބަދަލުކުރާނެ ފަރާތްތައް އުފެއްދުމުގައި އެމްއެންޔޫގެ އިތުރުވަމުންދާ ނުފޫޒު ދައްކުވައިދޭ ކަމެކެވެ.
ހޫދު، ބައިނަލްއަޤްވާމީ އެހެން ބައިވެރިންގެ ތެރެއިން ފާހަގަވެވަޑައިގަތީ "ޔޫތުސައިޑް" އިނީޝިއޭޓިވްގެ ތެރެއިން އޭނާ ކުރައްވާފައިވާ ދުރު ވިސްނުންތެރި މަސައްކަތްތަކެވެ. މިއީ ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތްތަކާއި ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކުރުމަށް އަމާޒުކޮށްގެން ހިންގާ އީޖާދީ ޕާޓްނަރޝިޕް ޕްރޮގްރާމެކެވެ. އޭނާގެ މަސައްކަތް ބިނާވެފައިވަނީ ގޯލް 17: ޕާޓްނަރޝިޕްސް ފޯ ދަ ގޯލްސްގެ މައްޗަށެވެ. އަދި އެ މަސައްކަތުން ބައިނަލްއަޤްވާމީ އެއްބާރުލުން ހަރުދަނާކުރުމުގައި، ޚާއްޞަކޮށް ދެކުނު އޭޝިޔާގެ ޒުވާނުންގެ ނެޓްވޯކްތަކުގެ މެދުގައި، މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ޔޫތުސައިޑްގެ ތެރެއިން ހޫދު ވަނީ ދެމެހެއްޓެނިވި، ގޮތެއްގައި ހޯދޭ އީޖާދީ ހައްލުތަކުގެ ތެރެއިން ސަރަޙައްދީ ގޮންޖެހުންތަކަށް ކުރިމަތިލުމުގައި ޒުވާނުން ބައިވެރިކުރުވަން ހަރަކާތްތެރި ޕްރޮގްރާމްތަކެއް ހިންގަވާފައެވެ.
ހޫދަށް ލިބުނު އެވޯޑަކީ އެމްއެންޔޫއަށް ވެސް ލިބުނު ވަރަށް ބޮޑު ފަޚުރެއް ކަމަށާއި އޭނާގެ ދިރާސާތަކާއި، ކިޔަވައިދިނުމަށާއި އަދި ޒުވާނުން ބާރުވެރިކުރުވުމަށް ކުރައްވާ މަސައްކަތްތަކުން ދަނީ އެހެން މުވައްފުންނަށާއި ދަރިވަރުންނަށް ނަމޫނާ ދައްކަމުން ކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި އެ ޔުނިވަރސިޓީން ބުނީ، އޭނާގެ ކާމިޔާބީ ފާހަގަކުރަނީ އެމްއެންޔޫގެ ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމްތަކުން ތަޢުލީމު ޙާޞިލުކުރައްވާފައިވާ ފާހަގަކޮށްލެވޭ ގްރެޖުއޭޓެއްގެ ގޮތުގައާއި އަދި އާޓްސް ފެކަލްޓީގެ އަގުހުރި މެންބަރެއްގެ ގޮތުގައެވެ.
ވޯލްޑް ޔޫތު ޑިވެލޮޕްމަންޓް ފޯރަމަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކް ދާއިރާގެ ބޭފުޅުންނާއި އަދި ޒުވާނުންގެ ލީޑަރުން އެއްތަނަކަށް ގެނެސް، ޒުވާނުންނަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢުތައް ކުރިއެރުވުމަށް މަސައްކަތްކުރާ ނުފޫޒު ގަދަ ބައިނަލްއަޤްވާމީ މަންސައެކެވެ. މި ޝަރަފުވެރި ފޯރަމުގައި، ހޫދަށް ލިބުނު މި ބަލައިގަތުމުން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޒުވާނުންގެ ތަރައްޤީއަށް މަގުފަހިކުރުމުގައި ދިިވެހިރާއްޖެއިން އަދާކުރާ ހަރަކާތްތެރި ދައުރެވެ.
advertisment
ހިޔާލު