ވިލާ ކޮލެޖުން އިންތިޒާމުކޮށްގެން ބާއްވާ، ބައިނަލްއަޤްވާމީ ކޮންފަރެންސް، އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސާރޗް އެންޑް އިންނޮވޭޝަން ކޮންފަރެންސް އިއްޔެ ފަށައިފިއެވެ.
މި ކޮންފަރެންސް ކުރިއަށް ދަނީ ސެޕްޓެމްބަރ 10 އިން 11 އަށް ވިލާ ކޮލެޖުގެ ކިއު.އައި ކެމްޕަހުގައެވެ. 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މި ކޮންފަރެންސަކީ، ޤައުމީ ތަރައްޤީގެ އަމާޒުތަކާއި، އަދި އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ދިރާސާތައް ގުޅުވައިދޭ، ރާއްޖޭގެ އެންމެ ބޮޑު ރީސަރޗް ކޮންފަރެންސެވެ.
މިއަހަރުގެ ކޮންފަރެންސް ކުރިއަށް ގެންދަނ ސިނަރޖީސް އޮފް ޑިސްކަވަރީ: އިގްނައިޓިންގް ސޮލޫޝަންސް ފޯ ދަ ފިއުޗަރ މި ޝިޢާރުގެ ދަށުންނެވެ. މިއަހަރުގެ ޝިޢާރުން ރަމްޒުކޮށްދެނީ، އެކި ދާއިރާތަކާއި ޓެކްނޮލޮޖީގެ އެހީގައި ކުރެވޭ ދިރާސާތަކުން، ޚާއްޞަކޮށް ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ އިޖުތިމާޢީ ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމެވެ. މިގޮތުން، އެންމެން ޝާމިލުވާ ތަރައްޤީއާއި، ދެމެހެއްޓެނިވި ތަރައްޤީއާއި، އަދި ތިމާވެށީގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި ދިރާސާތަކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލާނެއެވެ.
ކޮންފަރެންސްގެ ބައިވެރިންނަށް މަރުޙަބާ ދެންނެވުމުގެ ވާހަކަފުޅުގައި ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރު ވިދާޅުވީ، މިއަހަރުގެ ޝިޢާރުން، ޚިޔާލުތަކާއި، އެކި ދާއިރާތަކުގެ ދިރާސާތަކާއި، އަދި ޤައުމީ އަދި ބައިނަލްއަޤްވާމީ މައްސަލަތައް ޙައްލުކުރުމުގައި އެއްބާރުލުމުގެ މުހިންމުކަން ހާމަކޮށްދޭ ކަމަށެވެ.
މި ކޮންފަރެންސް ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮސްޓްރޭލިއަން ހައި ކޮމިޝަނަރ، ހިޒް އެކްސެލެންސީ މިސްޓަރ ޑޭވިޑް ޖެސަޕް އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ކޮންފަރެންސްގެ ޝިޢާރަކީ މިވަގުތަށް ވަރަށް މުނާސަބު ޝިޢާރެއްކަން ފާހަގަކުރެއްވިއެވެ. "މިއަދުގެ ދުނިޔޭގައި އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކާއި، ޑިޖިޓަލް އިންގިލާބާއި، އަދި އިޖުތިމާޢީ ހަމަހަމަކަމަކީ ގުޅިލާމެހިފައިވާ ކަންކަމަށް ވާއިރު، މިކަންކަމަށް ބޭނުންވަނީ ޢިލްމީ ޙައްލުތަކެއް ކަމުގައި ހައި ކޮމިޝަނަރ ވިޅާޅުވިއެވެ. މިއީ، މަޢުލޫމާތު ލިބިގެން ކުރާ ދިރާސާތަކާއި ފިކުރީ ބަހުސްތައް މިހާ މުހިންމުވާ ސަބަބުކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މި ކޮންފަރެންސްގައި ބައިނަލްއަޤްވާމީ ތަޖުރިބާކާރުންގެ ޕޭޕަރ ޕްރެޒެންޓޭޝަނަސްތަކާއި، މަތީ ފެންވަރުގެ ޕެނަލް ޑިސްކަޝަންތައް ކުރިއަށްދާނެއެވެ. ކޮންފަރެންސްގެ ޗެއަރ އަދި ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ – ރިސާޗް އެންޑް އިނޮވޭޝަން، ޑރ. މުޙައްމަދު ޢާދިލް ވިދާޅުވި ގޮތުގައި، މިއަހަރު "އިމްޕެކްޓް ރޫމްސް" ގެ ނަމުގައި އައު އިސްނެގުމެއް ތަޢާރަފްކުރެވިފައިވާ ކަމަށެވެ. މީގެ ބޭނުމަކީ ދިރާސާވެރިންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، އަދި ދާއިރާގެ ތަޖުރިބާކާރުން އެއްތަންކޮށް، ޢަމަލީ ސިޔާސަތުތައް އެކުލަވާލުމަށް މަޝްވަރާކުރުމެވެ.
ކޮންފަރެންސްގައި 75 އަށް ވުރެ ގިނަ ދިރާސާ ޕޭޕަރު ހުށަހެޅުމަށް ހަމަޖެހިފައިވާއިރު، އެކަޑަމިކް، ސަރުކާރު އަދި އިންޑަސްޓްރީއިން ޖުމްލަ 166 ބައިވެރިން ވަނީ ރަޖިސްޓްރީކޮށްފައެވެ. މި ދިރާސާ ޕޭޕަރުތައް 8 ދާއިރާއަކަށް ބަހާލައިގެން ހުށަހަޅާނެއެވެ. އެއީ:
- ޓްރެކް 1: ޑިޖިޓަލް ޓްރާންސްފޮމޭޝަން އެންޑް ސްމާޓް ސޮލިއުޝަންސް
- ޓްރެކް 2: ކްލައިމެޓް އެކްޝަން އެންޑް ރެޒިލިއަންސް އިންޖިނިއަރިން
- ޓްރެކް 3: ބިޒްނަސް އެންޑް ސޯޝަލް އެންޓަރޕްރެނިއޯޝިޕް ޑްރައިވިންގ އިކުއިޓީ
- ޓްރެކް 4: ރެޒިލިއެންޓް ލާނިންގ ސިސްޓަމްސް އެންޑް ފިއުޗަރ ސްކިލްސް
- ޓްރެކް 5: ރެސްޕޮންސިވް ލޯ އެންޑް ގަވަރނަންސް
- ޓްރެކް 6: ގްލޯބަލް ހެލްތު، ބަޔޯމެޑިސިން، އެންޑް ޕްރިޕެއަރޑްނެސް
- ޓްރެކް 7: ކޮމިއުނިޓީ ވެލްބީންގ އެންޑް ސޯޝަލް ސަޕޯޓް ސިސްޓަމްސް
- ޓްރެކް 8: އާބަނައިޒޭޝަން، މޮބިލިޓީ، އެންޑް ސަސްޓެއިނަބަލް ސިޓީޒ
ކޮންފަރެންސްގެ ތެރެއިން "ބެސްޓް ޕޭޕަރ" އަދި "ބެސްޓް ޕްރެޒެންޓަރ" އެވޯޑުވެސް ދެވިގެންދާނެއެވެ. މި ކޮންފަރެންސްގައި ހުށަހެޅޭ ދިރާސާތަކުގެ ޒަރިއްޔާއިން، އިޖުތިމާޢީ އަދި ޕޮލިސީ ލެވެލްގައި ހުރި ބޭނުންތަކަށް ޙައްލު ހޯދައިދިނުމަށް މަގުފަހިވެގެންދާނެއެވެ.
މި ހަރަކާތް ކުރިއަށް ގެންދަނީ 24 ސްޕޮންސަރުންނާއި ޕާޓްނަރުން އަދި އެންޑޯސަރުންގެ އެހީތެރިކަމާއެކުގައެވެ.
މިފަދަ ކޮންފަރެންސްތަކުން، އިންޑިއަން އޯޝަން ސަރަޙައްދުގައި ދިރާސާ އާއި އީޖާދުގެ މަރުކަޒެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ދައުރު ފުޅާވެ، ދުނިޔޭގެ ގޮންޖެހުންތަކަށް ޙައްލު ހޯދުމުގައި އެހީތެރިވެދެއެވެ. ވިލާ ކޮލެޖަކީ ދިރާސާ ކުރުމަށް ބާރު އަޅާ ދިރާސާކުރުމުގެ ވެއްޓެއް ޤާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ތަޢުލީމީ މަރުކަޒެކެވެ.
advertisment
ހިޔާލު