20 އަހަރަށްފަހު ކަބް ސްކައުޓުންގެ ސިކްސަރސް ކޭމްޕް ކުޑަގިރީގައި މާދަމާ ފަށަނި

ކަބް ސްކައުޓުންނަށް ބާއްވާ ނެޝަނަލް ކަން ސްކައުޓް ސިކްސަރސް ކޭމްޕް ކުޑަގިރީގައި  މާދަމާ ފަށާނެއެވެ. މި ކޭމްޕް މާދަމާއިން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެއެވެ.

ކަބް ސްކައުޓުންގެ ހަރަކާތް ކުރިއަށް ގެންދަނީ 8 އަހަރާއި 11 އަހަރުގެ ކުދިންނަށް އަމާޒުކޮށެވެ.

ސްކައުޓް އެސޯސިއޭޝަނުން ބުނީ، މިއަހަރު ބާއްވާ ކޭމްޕްގައި އަތޮޅުތަކުން 33 ސްކައުޓް ގުރޫޕުން 226 ކަބް ސްކައުޓުންނާއި ލީޑަރުން ބައިވެރިވާނެ ކަމަށެވެ. މި ކުދިންނަށް އެކި ހުނަރު ދަސްކޮށްދިނުމާއި ލީޑަރޝިޕް ތަރައްޤީ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް އެ އެސޯސީއޭޝަނުން ބުނެއެވެ.

މި ކޭމްޕް މިފަހަރު ބާއްވަނީ 20 އަހަރަށްފަހުއެވެ. މީގެ ކުރިން މި ކޭމްޕް ބޭއްވީ 2000 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.

ސިކްސަރސް ކޭމްޕްގެ މި އަހަރުގެ ޝިޔާރަކީ "ދަ ފިޝާސް ޖަރނީ- ވިސްޑަމް ފްރޮމް ދަ ސީ"އެވެ. މި ޝިޔާރު ބިނާވެފައި ވަނީ ދިވެހި މަސްވެރިޔާގެ ދިރިއުޅުމުގެ މައްޗަށެވެ. މިއީ ހިތްވަރާއި ކެތްތެރިކަމާއި އިސްނެގުމާއި އަދި ޚިދުމަތް ކުރުމުގެ ރަމްޒެވެ. މަސްވެރިޔާ ދޯނި ތައްޔާރުކޮށް، ކަނޑުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލާ ފަދައިން، މި ކޭމްޕްގެ ބައިވެރިންނަށް ކޭމްޕްގެ ތެރެއިން ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އިސްނެގުމަށާއި އަދި އެހެން މީހުންނަށް ޚިދުމަތް ކުރުމުގެ މުހިންމުކަން ދަސްވެގެންދާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ.

ކޭމްޕްގެ މަޤްޞަދެއް ކަމަށް ބުނެފައި އެ އެސޯސިއޭޝަނުން ބުނެފައި ވަނީ، ދިރިއުޅުމުގެ ހުނަރުތަކާއި ޓީމް ވޯކާއި އަދި ލީޑަރޝިޕްގެ ސިފަތައް ދަސްކޮށްދީ، އެމީހުންގެ ޕެކްތަކާއި ގުރޫޕްތަކަށް މާނަހުރި ގޮތެއްގައި ޙިއްސާވުމަށް ތައްޔާރުކުރުމެވެ. އަދި މީގެ އިތުރުން ތިމާވެށި ދެމެހެއްޓެނެވި ގޮތެއްގައި ބޭނުން ކުރުމަށް ސަމާލުކަންދީ ތިމާވެއްޓަށް އަޅާލާ ޒިންމާދާރު ރައްޔިތުންގެ ގޮތުގައި އެ ކުދިންނަށް އަދާކުރެވޭނެ ދައުރު ފާހަގަކޮށްދިނުމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *