ފަސް މިލިއަން ގަސް ޕްރޮގްރާމުގައި ބައިވެރިވެ އެމްއެންޔޫގެ ކެމްޕަސްތައް ފެހިކުރަނީ

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގައި ބައިވެރިވެ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ކެމްޕަސްތަކެއް ފެހި ކުރުމުގެ މަޝްރޫއެއް މިއަދު އިފްތިތާޚްކޮށްފިއެވެ.

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަނުން އިސްނަގައިގެން ކުރިއަށް ގެންދާ މި މަޝްރޫއު އިފްތިތާޙް ކުރެއްވީ އެ ޔުނިވަރސިޓީގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާޙިމެވެ.

ގަސްއިންދުމުގެ ޕްރޮގްރާމް އިފްތިތާޚްކޮށްދެއްވައި ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ، ޒުވާނުންނާއި ދަރިވަރުން ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތުގައި އިސްދައުރެއް އަދާކުރުން ވަރަށް މުހިންމު ކަމަށެވެ. ޤައުމީ "5 މިލިއަން ގަސް" ޕްރޮގްރާމަކީ ދިގު މުއްދަތަށް ރާއްޖޭގެ ތިމާވެއްޓަށް ފައިދާކުރާނެ މަޝްރޫޢެއް ކަމަށާއި، މިފަދަ މަސައްކަތްތަކުގައި ޔުނިވަރސިޓީގެ ދަރިވަރުންގެ ބައިވެރިވުން ހުރިހާ ގޮތަކުން ވެސް ބަލައިގަންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވައިސް ޗާންސެލަރު، ޑރ. އާއިޝަތު ޝެހެނާޒު ވިދާޅުވި ގޮތުގައި މާދަމާގެ ލީޑަރުންގެ ގޮތުގައި މަސައްކަތް ކުރައްވާނެ އެ ޔުނިވަރސިޓީގެ ދަރިވަރުން އިސްނަގައިގެން ފުޅާދާއިރާއެއްގައި ގަސްތައް އިންދުމާއެކު ފެހި އަދި ދެމެހެއްޓެނެވި ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޒުމް ވަރުގަދަ ވެގެންދެއެވެ.

އޭނާ ވިދާޅުވީ ހުރިހާ ކެމްޕަސްތަކެއްގައި ގަސްއިންދުމުގެ ހަރަކާތަކީ އެއީ ހަމައެކަނި ތިމާވެއްޓަށް ކުރެވޭ ޚިދުމަތެއް ނޫން ކަމަށާއި އެއީ ތިމާވެށި ރައްކާތެރި ކުރުމުގެ އިތުރުން އެއްބައިވަންތަކަން އާލާކުރާނެ މަސައްކަތެއް ކަމަށެވެ. މިއަދު އިންދާ ކޮންމެ ގަހަކީ މާދަމާގެ ދިވެހިރާއްޖެ އާރާސްތުކުރުމަށް އެޅޭ ބިންގަލެއް ކަމަށާއި އަދި އެއީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ޅަ ދަރިންނަށް އުނގަންނައިދޭ ރަމްޒީ މަސައްކެތެއް ކަމަށް ވިދާޅުވިއެވެ. ކުރިމަގު ބިނާވެގެން ދަނީ އެފަދަ ކުދިކުދި ފިޔަވަޅުތަކުން ކަމަށާއި ކޮންމެ ފިޔަވަޅަކީ ތިމާވެށި ރައްކާތެރި ކުރުމަށް އެޅޭ ހަރުދަނާ ފިވަޅެއް ކަމަށް ވެސް ޑރ. ޝެހެނާޒު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *