ކެޕްޓަންކަން ނުލިބުމުން ލިބުނު މާޔޫސްކަމުން އަރައިގަނެވުނީ އޯލެވެލްއިން އެއްވަނަ ލިބުމުން

މުދައްރިސުން މަސައްކަތް ނުކޮށްދިންނަމަ މި ނަތީޖާއެއް ނުލިބުނީސް

ލ. ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލުން އޯލެވެލް ނިންމި ރިމްނާ ނަދީމް ގުރޭޑް ނުވައެއްގައި ކިޔަވަން ފެށުމާއެކު ސްކޫލުގެ ކެޕްޓަނަކަށް ވުމުގެ އަޒުމް ކަނޑައެޅިއެވެ. ގުރޭޑް 9ގެ ނަތީޖާއާއެކު އޭނާ ގުރޭޑް ދިހައަކަށް ދިޔައީ އެ އުއްމީދުގައި ކުލަޖެއްސުމުގެ ފޮނި އުއްމީދާއެކު ގައެވެ. ނަމަވެސް، ވާދަވެރިކަމާ އެކު ކުރިއަށް ދިޔަ ކެޕްޓަން ކަމުގެ ރޭހުން ކުޑަ ތަފާތަކުން ކުރި ލިބުނީ އެހެން ދަރިވަރަކަށެވެ.

ކެޕްޓަންކަން ލިބޭނެ ކަމުގެ އުއްމީދުގައި ހުއްޓައި ނުލިބުމުން ރިމްނާއަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ކިޔެވުމާ ދުރުވެ އިމްތިޙާނުގެ ނަތީޖާއަށް އޭގެ ނޭދެވޭ އަސަރު ކުރިއެވެ.

"ކެޕްޓަންކަން ލިބޭނެކަން ޔަޤީންކޮށްގެން ހުއްޓައި ނުހޮވުނީމާ ވަރަށް ދެރަވި. ގޮތް ނޭނގޭ ކަންތައްތަކެއް އިހުސާސް ކުރެވި ނަފްސާނީ ގޮތުން ބަލިކަށިވި. ނަތީޖާއަކީ ކިޔަވުމަށް ވެސް ނޭދެވޭ އަސަރުކުރުން" ރިމްނާ ކިޔައިދިނެވެ.

ރިމްނާ ބުނީ، ކިޔެވުމުގެ ތެރެއަށް އަލުން ވަދެވުނީ ވަރަށް މަސައްކަތުން ކަމަށާއި މަންމައާއި ބައްޕަ އަދި މުދައްރިސުން ދިން ހިތްވަރުން ކަމަށެވެ.

"ދަށްވިއޭ ކިޔާފައި މަސައްކަތް ނުކުރާނަމަ އިތުރު ކާމިޔާބެއް ނުލިބޭނެއޭ ބުނެ މަންމައާއި ބައްޕަ އަދި މުދައްރިސުން ދިން ހިތްވަރުން އަލުން ކިޔެވުމުގެ ތެރެއަށް ވަދެވުނީ" ރިމްނާ ފެށީ އާ ހިތްވަރެއް ލިބިގެންނެވެ.

ބިޒްނަސް ސްޓްރީމްގައި ކިޔެވި ރިމްނާއަށް އުނދަގޫ މާއްދާއަކީ ދިވެއްސެވެ. ދިވެހިން ބީ ލިބޭއިރު އެހެން ހުރިހާ މާއްދާތަކުން އޭ ސްޓަރ އަބަދުވެސް ލިބެއެވެ. މޮކް އެގްޒާމްގައި ވެސް ދިވެހި ފިޔަވައި އެހެން މާއްދާތަކުން އޭ ސްޓަރ ލިބުނެވެ. ދިވެހިން ލިބުނީ ބީ އެކެވެ.

ކިޔެވުމުގެ ތެރެއަށް ރިމްނާއަށް ވަދެވި އޯލެވެލްއަށް ތައްޔާރު ވުމުގެ މަސައްކަތް ފެށުނީ މޮކް އެގްޒާމަށްފަހުއެވެ. މޮކް އެގްޒާމުގެ ނަތީޖާއަށް ބަލައި ދިވެހި މާއްދާއިން އިތުރަށް މަސައްކަތް ކުރަން ފެށިއެވެ. ޓިއުޝަނަށް ދަމުން ބަސްކޮށާރު މުއްސަނދި ކުރުމުގެ ގޮތުން މީހުން ލިޔެފައި ހުންނަ ލިޔުންތައް ކިޔަން ފެށިއެވެ. ދިވެހި މުދައްރިސް ވެސް އޭނާއަށް އެފަދަ ލިޔުންތައް ފޯރުކޮށްދިނެވެ.

އިމްތިޙާން ނިމުނުއިރު ވެސް އޯލެވެލް އެއްވަނަ ލިބޭނެ ކަމުގެ އުއްމީދެއް ރިމްނާގެ ނެތެވެ. އެއްވަނައަށް އުއްމީދު ނުކުރީ މޮކް އެގްޒާމްގައި ވެސް ދިވެހި މާއްދާއިން އެހެން ކުދިންނަށް އޭ ލިބުނުއިރު އޭނާއަށް އޭއެއް ވެސް ލިބިފައި ނުވާތީއެވެ.

"ދިވެހި މާއްދާއަށް ޔަޤީންކަން ކުޑަވީމާ އެއްވަނައަށް އުއްމީދު ނުކުރީ. އެކަމަކު ފަހުވަގުތު ވެސް ނަތީޖާ ބަދަލުކުރަން ވަރަށް މަސައްކަތް ކުރިން" ރިމްނާ ބުންޏެވެ.

މޮކް އެގްޒާމާ ތަފާތުކޮށް އޯލެވެލްގެ ނަތީޖާ ހިނިތުންވެލީ ރިމްނާއާ ދިމާލަށެވެ. އެސްއެސްސީގައި ޙަމަދު ސްކޫލުން ދިވެހިން އޭ ސްޓަރ ލިބުނު ހަމައެކަނި ދަރިވަރުގެ ގޮތުގައި އޭނާ ހިމެނި، އޯލެވެލްގެ ޤައުމީ ގަދަ ދިހައެއްގެ އެއްވަނަ އެ ސްކޫލުން ލިބުނީ އޭނާއަށް އެކަންޏެވެ.

"ހައިރާންވި ދިވެހިން އޭ ސްޓަރ ލިބުނީމާ މިސްވެސް އެކަން ފާހަގަކުރި" އޯލެވެލްއިން ލިބުނު އެއްވަނައިން ރިމްނާގެ މާޔޫސްކަމަށް ފަރުވާއެއް ލިބުނެވެ.

ކިޔަވަން ވަކި ތާވަލެއް ނުގެންގުޅޭއިރު، ކިޔަވަން ބޭނުންވާ ކޮންމެ ވަގުތަކު ކިޔެވޭނެ އިންތިޒާމް އޭނާގެ ގޭގައި ހަމަޖައްސައިދީފައި އޮވެއެވެ. ކިޔަވަން ރިމްނާއަށް ފަސޭހައީ ހަމަހިމޭން މާހައުލެއްގައި އެކަނިމާއެކަނި އިނދެއެވެ. ރޭގަނޑު ދަންވަރު މުޅިރަށް ނިދީމާ ރިމްނާ ތެދުވެ އިންނަނީ ކިޔަވާށެވެ. ފަތިސްގަޑިއަކީ ކިޔެވަވަން އޭނާއަށް ޚާއްޞަ ވަގުތެކެވެ.

ރަނގަޅު ނަތީޖާ ހޯދަން ވީހާވެސް ގިނައިން ޕާސްޓްޕޭޕަރު ހެދުމަކީ ރިމްނާގެ އާދައެކެވެ. ބައެއް މާއްދާތަކުން ފާއިތުވި ފަސް އަހަރުގެ ޕާސްޓް ޕޭޕަރުތައް އޭނާ ހެދިއެވެ. ހަދާ ކޮންމެ ޕާސްޓް ޕޭޕަރެއް އޭނާއަށް މާކްކޮށްދެނީ ވަކިވަކި މާއްދާތައް ކިޔަވައިދެއްވާ މުދައްރިސުންނެވެ. ސްކޫލުގެ ކިޔެވުން ނިންމާފައި ވެސް މުދައްރިސުންނާއެކު އެތައް ދުވަހު އޭނާ އިންނަނީ ޕޭޕަރުތައް މާކޮށްދޭތީއެވެ. އެމީހުންގެ މުހިންމު ވަގުތުތަކާއި އުޖޫރައެއް ނުލިބޭ އެތައް ޚިދުމަތެއް އޭނާއަށްޓަކައި މުދައްރިސުން ހޭދަކުރެއްވުމަކީ މިއަދު ލިބުނު ނަތީޖާގެ އަޞްލުކަމަށް ރިމްނާ ދެކެވެ.

"ޓީޗަރުން އެ ކޮށްދިން މަސައްކަތާ ނުލައި މި ނަތީޖާއެއް ނުނެރެވުނީސް" މުދައްރިސުން ކޮށްދެއްވި މަސައްކަތަށް ރިމްނާ ތައުރީފު ކުރިއެވެ.

"ނޭނގޭއެއްޗަކާ ބެހޭ ގޮތުން ސުވާލެއް ކޮށްލިޔަސް، އިތުރު ކުލާހެއް ނަގަން ބޭނުންވިޔަސް އުފަލާއެކު ހިތުގައި ބުރަކެމެއް ނެތި އެކަމެއް ކޮށްދެއްވާ. އެއީ ހަޔާތުގައި ވެސް ހިތުން ފިލައިގެން ނުދާނެ ހަނދާންތަކެއް"

ކިޔަވާ ކުދިންގެ ފަރާތުން ފުރަތަމަ ކަމަކަށް ރިމްނާ އެދުނީ ފަސްވަގުތު ބަރާބަރަށް ނަމާދު ކުރުމަށެވެ. އެއަށްފަހު މުދައްރިސުން ފިލާވަޅު ނަގައިދޭ ގަޑީގައި ކަނުލައި އަޑުއެހުމަށެވެ. އެއާއެކު މުހިންމު ބައިތައް ނޫނީ ބަސްތައް ނޯޓް ކުރުމަށެވެ. އެއީ ދަސްކުރުމަށާއި ހަނދާނުގައި ބަހައްޓަން ވަރަށް މުހިންމު ކަމެކެވެ.

އޯލެވެލްއަށްފަހު އޭލެވެލްއަށް ދިއުމާމެދު ރިމްނާގެ ދެކަފި ޚިޔާލު ބަދަލުކޮށްލީ އޯލެވެލްގެ ނަތީޖާއެވެ. އެ ނަތީޖާ އެހެން ގޮތަކަށް ނުކުންނަމަ އޭލެވެލްއިން ނުފެނުމުގެ ފުރުޞަތު ބޮޑު ކަމަށް ރިމްނާ ބުންޏެވެ. މިހާރު ރިމްނާ ހުރީ އޯލެވެލްގައި ނެރުނު ނަތީޖާ އޭލެވެލްގައި ވެސް ހޯދަން ތައްޔާރަށެވެ. މިހާރު އޭނާގެ އުއްމީދަކީ އޭލެވެލްއަށްފަހު އެކައުންޓިންގ ދާއިރާއިން ކުރިއަށް ދިއުމެވެ.

ޙަމަދު ސްކޫލުގެ ޕްރިންސިޕަލް ޝައުކަތު ލަތީފު ވިދާޅުވީ، ރިމްނާއަކީ އިތުރު ހަރަކާތްތަކުގައި ބައިވެރިވަމުން ކިޔެވުމުގައި ބުރަކޮށް މަސައްކަތްކުރި ނަމޫނާ ދަރިވަރެއް ކަމަށެވެ. އުނގެނުމަށްޓަކައި އަދި ނަތީޖާ ހޯދުމަށްޓަކައި ވަރަށް ހިތްވަރު ކުރި ކުއްޖެއް ކަމަށެވެ.

"ޓިޔުޝަނަށް ބަރޯސާނުވެ، ސްކޫލުގެ އެހީތެރިކަމާއެކު އަމިއްލަ މަސައްކަތުން ސްކޫލާއި މުޖުތަމަޢު ފަޚުރުވެރި ކޮށްދިން ތޫނުފިލި ޚުލްގުރަނގަޅު ދަރިވަރެއްގެ ގޮތުގައި" ޝައުކަތު ވިޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *