"އޭލެވެލް ފެށޭވަރަށް ކުދިންނާއި ޓީޗަރުން ހަމަވެއްޖެ. އަޅުގަނޑުމެން މި ތިބީ ކުދިންނަށް މަރުޙާބާ ކިޔަން ތައްޔާރަށް" މެދުކެނޑުމަކަށް ފަހު އަލުން އޭލެވެލް ފެށޭތީ ހިތްހަމަޖެހިވަޑައިގެން ހުންނެވި ސ. އަތޮޅު މަދަރުސާގެ ޑެޕިއުޓީ ޕްރިންސިޕަލް ޢާއިޝަތު މިލްޒާ ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
ހުޅުދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގައި އޭލެވެލްއަށް ކިޔަވައިދޭން ފަށާއިރު މަދުގެން 14 ދަރިވަރުން ތިބޭނެއެވެ.
"މިހާރު 14 ދަރިވަރުން އެޕްލިކޭޝަން ހުށައަޅައިފި. އަދި އެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތް" މިލްޒާ ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި ވަކިން އޮތް މީހުން ދިރިއުޅޭ ހަމައެކަނި ރަށުގައި އޭލެވެލް އަލުން ފެށުމަކީ އެއީ ރަށުގެ ރައްޔިތުންނަށާއި އަދި އެ މަދަރުސާއިން ކިޔަވާ ދަރިވަރުންނަށް ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މިލްޒާ ވިދާޅުވިއެވެ.
ފާއިތުވި ދިރާސީ އަހަރު އެ މަދަރުސާއިން 52 ދަރިވަރުން އޯލެވެލް ނިންމިއެވެ.
ސ. އަތޮޅު މަދަރުސާގައި އޭލެވެލް ފެށީ 2013 ވަނަ އަހަރުއެވެ. އޭލެވެލް އިމްތިޙާނު އެ މަދަރުސާގައި އެންމެ ފަހުން ހެދީ 2021 ވަނަ އަހަރުއެވެ. 2022 ވަނަ އަހަރުވެސް އޭލެވެލްއަށް ކިޔަވައިދޭން ފެށިއެވެ. ނަމަވެސް އެ އަހަރުގެ މެދުތެރެއިން ކުދިންތައް ވަކިވާން ފެށުމުން، ކިޔެވުން ކުރިއަށް ގެންދެވޭ ގޮތް ނުވެގެން އޭލެވެލް ހުއްޓާލަން ޖެހުނީއެވެ.
މިލްޒާ ވިދާޅުވީ، އެ ސްކޫލުން މަސައްކަތް ކުރަނީ ކުރިން ދިމާވި ގޮތް މެދުވެރިނުވެ ދާއިމީ ގޮތެއްގައި އޭލެވެލްގެ ކިޔެވުން ކުރިއަށް ގެންދާށެވެ. އެކަން ކުރުމަށް އޭލެވެލްގެ ނަތީޖާ ރަނގަޅުކުރަން ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭނެނ ކަމަށް މިލްޒާ ވިދާޅުވިއެވެ.
"ރަނގަޅު ނަތީޖާއެއް ނެރެވޭނަމަ ކުދިން މަޑުކުރާނެ. އަޅުގަނޑުމެން ޖެހޭނީ އެ އިތުބާރު ޤާއިމް ކުރަން. އެ މަސައްކަތް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރާނަން"
އެނާ ވިދާޅުވީ، އޭލެވެލްއަށް ކިޔަވައިދޭން އަލުން ފެށުނީ ވެސް ރަށުގެ ރައްޔިތުންނާއި މުއައްސަސާތަކާއި ބެލެނިވެރިންނާއި ދަރިވަރުންގެ އެހީތެރިކަން ލިބިގެން ކަމަށެވެ.
ސ. އަތޮޅު މަދަރުސާގައި 600 އަށްވުރެ ގިނަ ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު