4 އަހަރުގެ މެދުކެނޑުމަކަށްފަހު، ހއ. ހޯރަފުށީގައި ހުންނަ އެ އަތޮޅު މަދަރުސާގައި އޭލެވެލް ފެށުމުގެ ތައްޔާރީތައް ދަނީ ވަމުންނެވެ. އޯލެވެލްގެ ނަތީޖާ ދޫކުރުމާއެކު އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު މަދަރުސާއިން ހުޅުވާލިއެވެ. އެ ފުރުޞަތު ހަމަވާނީ އަންނަ ބުރާސްފައްޗަށެވެ.

2024 ވަނަ ދިރާސީ އަހަރު ހއ. އަތޮޅު މަދަރުސާއިން 40 ދަރިވަރުން އޯލެވެލް ނިންމިއެވެ. ޤައުމީ ގަދަ ދިހައެއްގައި ފަސް ދަރިވަރުން ހިމެނުނެވެ. އޯލެވެލް ނިންމި ދަރިވަރުންގެ އޭގެތެރެއިން އޭލެވެލްއަށް މަދުވެގެން 25 ދަރިވަރުން ޝަރުޠު ހަމަވެއެވެ.

އޭނާ ވިދާޅުވީ، އާބާދީއަށް ބަލާއިރު، ފާއިތުވި 4 އަހަރު ވެސް އޭލެވެލް ފަށަން ބޭނުންވާ ވަރަށް އޯލެވެލް ނިންމާ ދަރިވަރުން ފާސްވާ ކަމަށާއި ގިނަ ދަރިވަރުން މަތީ ޘާނަވީ ކިޔެވުމަށް މާލެ ބަދަލުވުމުން، އޭލެވެލް ފެށޭވަރު ނުވަނީ ކަމަށެވެ.
"ސްކޫލްގެ ޕީޓީއޭ އާއި ރަށުގެ މުވައްސަސާތަކުގެ ވެސް ފުރިހަމަ އެއްބާރުލުމާއެކު އޭލެވެލް މި ފަހަރު ފެށޭނެ ކަމަށް ވަރަށް ބޮޑު އުއްމީދެއް ކުރެވޭ" ޕްރިންސިޕަލް ހުސައިން ނައީމް ދަރިވަރު ނޫހަށް ވިދާޅުވިއެވެ.
މިހާރު 370 ދަރިވަރުން ކިޔަވަމުން އަންނަ ހއ. މަދަރުސާގައި، އޭލެވެލްއަށް ކިޔަވައިދޭން ފެށީ 2008 ވަނަ އަހަރުއެވެ. 12 އަހަރަށް ފަހު، 2020 ވަނަ އަހަރު މެދުކެނޑުނީ އޭލެވެލް ކުރިއަށް ގެންދެވޭ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުންނެވެ.

130 ދަރިވަރުން އެ ސްކޫލުން އޭލެވެލް ފުރިހަމަކޮށް ތިން ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައި ވެއެވެ. އަދި އެ ސްކޫލުން އޭލެވެލް ނިންމި ދަރިވަރުން ޑަކްޓަރުންނާއި ނަރުހުންގެ ގޮތުގައާއި ޒިންމާދާރު މަޤާމްތަކުގައި މިއަދު އެބަތިއްބެވިކަން ޕްރިންސިޕަލް ހުސައިން ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު