ޒާނާ އާއި ނީމް: ދެ އެކުވެރިން ގެމަނަފުއްޓަށް ހިނިތުން ގެނެސްދިނީ އޯލެވެލްއިން އެއްވަނަ ހޯދައިދީގެން

މި ދެ ދަރިވަރުންގެ ކާމިޔާބާ ގުޅިފައި ވަނީ ނަމާދާއި ދުޢާ އަދި މުދައްރިސުން ކުރި އިތުބާރު

ގއ. ގެމަނަފުށީ ސްކޫލުގެ ޒާނާ އިބްރާހިމް ސާމިން އާއި އާމިނަތު ނީމް އިސްމާއިލް އެރަށުގެ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި ހިނިތުންވުން ގެނެސްދީފިއެވެ. ނިމިދިޔަ އޯލެވެލް އިމްތިޙާނުގައި އަށް މާއްދާއިން އޭ ސްޓަރ ހޯދައި، އެ ސްކޫލުގެ ތާރީޚުގައި ވެސް އޯލެވެލްއިން އެއްވަނަ ހޯދި ހަމައެކަނި ދެ ދަރިވަރުންނަކީ އެއީއެވެ.

އެ ސްކޫލުން ވެސް އެކަން ފާހަގަކުރަނީ ބޮޑު ކާމިޔާބެއް އަދި އުފަލެއްގެ ގޮތުގައެވެ.

ޒާނާ އާއި ނީމްގެ އިތުރުން ޤައުމީ ގަދަ ދިހައެއްގައި އެ ސްކޫލުގެ އިތުރު ދަރިވަރަކު ވެސް ހިމެނުނެވެ. އެއީ ދިހަވަނައިގައި ހިމެނުނު ފާތިމަތު މިޝްކާ އަލީއެވެ.

"މިއީ ސްކޫލާއި ރަށަށް ވެސް ލިބުނު ބޮޑު ކާމިޔާބެއް، ބޮޑު އުފަލެއް" ގެމަނަފުށީ ސްކޫލުން ބުންޏެވެ.

ނީމް: އުއްމީދުކުރީ ގަދަ ދޭއް ނޫނީ ތިންވަނައަށް

އޯލެވެލްގެ ނަތީޖާ ދޫކުރަން ފެށުމާއެކު ބައްޕަ (ދޮންބައްޕަ)އާ އެކު ނީމް ނަތީޖާ ހޯދަން ސްކޫލަށް ވަދެގެން ދިޔައިރު އޭނާއާ ދިމާވި ހުރިހާ މުދައްރިސުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އޭނާއަށް ވެސް އެ ވަގުތުން ފެށިގެން ކުރެވެމުން ދިޔައީ ގޮތް ނޭނގޭ އުފާވެރިކަމެއްގެ އިހުސާސެވެ. އެ އިހުސާސް ފަށްފަށްވީ އޯލެވެލްގެ ނަތީޖާ ފެނުމުންނެވެ. ނީމްއަށް އެ ނަތީޖާއިން ލިބުނީ ހައިރާންކަމެކެވެ.

"ބަރާބަރަށް ފަސްވަގުތު ނަމާދުކޮށް ދުޢާކުރިން. އެއްވަނަ ލިބޭތޯ. އެކަމަކު އުއްމީދެއް ނުކުރަން އެއްވަނަ ލިބިދާނެ ކަމަށް" އޯލެވެލްގެ ފަޚުރުވެރި ނަތީޖާއިން އުފާވެފައި ހުރި ނީމް ދަރިވަރު ނޫހަށް ކިޔައިދިނެވެ.

ނީމް ބުނި ގޮތުގައި، އޯލެވެލްއިން އެއްވަނަ ލިބުމުން، ދިމާވި ހުރިހާ މުދައްރިސުންނާއި ރަށުގެ ކުދިބޮޑު އެންމެންގެ ފަރާތުން ފެނުނީ ހިނިތުންވުމެވެ. ދުރުތާ ތިމާގެ މީހުންނާއި އާއިލާގެ ރައްޓެހިން ވެސް ގުޅާފައި މަރުޙަބާ ކިޔެވެ.

"އެންމެންގެ ފަރާތުން ލިބުނީ އުފާވެރިކަން. ހިނިތުން. ވަރަށް އުފާވި ފެނިގެންނާއި ގުޅާފައި މަރުޙަބާ ކީމާ"

ރަށު ސްކޫލުން ކިޔަވައިގެން އޯލެވެލްއިން އެއްވަނަ ލިބުމަކީ ރަށު ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަޚުރެކެވެ. އަދި ބޮޑު ކާމިޔާބެކެވެ. ނީމް އުފާވަނީ ރަށުގެ ރައްޔިތުންނަށް އެ ހިނިތުންވުން ގެނެސްދެވުނީމައެވެ.

ނީމް ބުނީ، އޭނާ އުއްމީދު ކުރީ ގަދަ ދޭއް ނޫނީ ތިންވަނަ އަށެވެ. އެއްވަނަ ލިބޭނެ ކަމަށް އުއްމީދު ނުކުރީ އޭނާ އެންމެ ކިޔަވާ ހިތްވާ އެކައުންޓިނގއިން އެންމެ ރަނގަޅަށް ސްކޯ ނުކުރެވުމުގެ ބިރު ހިތުގައި އޮންނާތީއެވެ.

"އޯލެވެލް އިމްތިޙާނުގެ ކުރިން ވަރަށް ބޮޑު އިތުރުބާރެއް އޮތް އެކައުންޓިންގ މާއްދާއަށް. އިމްތިޙާނަށްފަހު ނުތަނަވަސްކަމެއް އޮތް. އެހެންވެ އެއްވަނައަށް އުއްމީދު ނުކުރީ" ނީމް ބުންޏެވެ.

އަށް މާއްދާއިން އޭ ސޓަރ އޭނާ ހޯދީ ޓިއުޝަނެއް ނެތި ރަށު ސްކޫލުގައި ކިޔަވާދެއްވައި މުދައްރިސުން ކުރެއްވި ބުރަ މަސައްކަތުންނެވެ. އެކަން އޭނާ ބަލައިގަންނަނީ ޝުކުރުވެރިމާއެކުގައެވެ.

"ސްކޫލުގެ މުދައްރިސުންނަށް ޝުކުރު ޙައްޤު. އިތުރު ކުލާސްތައް ބާއްވައިދީ، ރަނގަޅު ނަތީޖާއަކަށް އުއްމީދު ކޮށްގެން ބުރަ މަސައްކަތްތަކެއް މުދައްރިސުން ކޮށްދެއްވީ"

ނީމް ބުނީ، އެނާ އެންމެ އުފާވަނީ އޭނާ ނުކުރާ އުއްމީދު މުދައްރިސުން އޭނާއާ މެދު ކުރެއްވީމަވެ.

"މުދައްރިސުން އަބަދުވެސް ވިދާޅުވާނެ އެމީހުންނަށް އިތުބާރު އެބައޮތޭ އެއްވަނަ ހޯދޭނެކަމުގެ. އެއްވަނަ ލިބުނީ މުދައްރިސުންގެ ކުރި އިތުބާރާއި ކުރި މަސައްކަތާއި ކޮންމެ ނަމާދަކަށް ފަހު ކުރި ދުޢާއިން" ނީމް ބުންޏެވެ.

ނީމް ބުނީ، ޓާމް ޓެސްޓްތަކަށް ގިނަ ދަރިވަރުން ސަމާލުކަން ނުދޭ ކަމަށާއި ރަނގަޅު ނަތީޖާއަކަށް އެދިގެން މަސައްކަތް ކުރާ ކުއްޖަކަށް އެއީ ވަރަށް މުހިންމު އިމްތިޙާނުތަކެއް ކަމަށެވެ. އިމްތިޙާނުތަކަކީ ރިވިޝަނަކަށް އެންމެ މުހިންމު ވަޞީލަތް ކަމަށާއި ދުރާލާ އިމްތިހާނުތަކަށް ތައްޔާރުވާން ޖެހޭ ކަމަށާއި ސިލަބަހުގެ އައިޓްލައިން ބަލައިގެން ދަސްކުރުން ވެސް ވަރަށް މުހިންމު ކަމަށް ނީމް ބުންޏެވެ.

"ސިލަބަސް ބަލާލީމާ އެނގޭނީ ކަވަރކުރަން ޖެހޭ ބައިތައް. ދެން ބަލަން ޖެހެނީ އެބައިތަކުން އެނގޭ މިންވަރު" އޯލެވެލްއަށް ތއްޔާރުވި ގޮތް ނީމް ބުންޏެވެ.

އެއްވެސް އިރެއްގައި ހޭލައި ހުރެގެން ފިލާވަޅުތައް ދަސްކުރުމަކީ ނީމް ކުރި ކަމެއްނޫނެވެ. ޓެސްޓެސް ބޯމަތިވެފައި އޮތަސް ހޭލާ ހުރުމުގެ ބަދަލުގައި އޭނާ ބަލަނީ ރަނގަޅަށް ނިދާލާފައި ފަތިހު ތެދުވެ ފިލާވަޅުދަސްކުރާށެވެ. އޭގެ ނަތީޖާ ދިޔައީ ފާއިތިވި އަހަރު ތަކުގައި އޭނާގެ ކިޔެވުމުން ފެންނަމުންނެވެ.

ފާއިތުވި އަހަރު ގެމަނަފުށީ ސްކޫލުގެ ކެޕްޓަންގެ ޒިންމާ އަދާކުރި ނީމް ދެކޭގޮތުގައި އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕަމެންގެ ދައުރު ވަރަށް ބޮޑެވެ. އެމީހުންގެ އެހީތެރިކަމާ ނުލައި އެއީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެންވެ އެމީހުން ކޮށްދިން ކަންތައްތަކަށް ނުހަނު ލޯތްބާއެކު ޝުކުރު އަދާކުރިއެވެ.

ކުރިއަށްދާނެ ދާއިރާއެއް ނިންމާފައި ނުވާ ނީމް، އޭލެވެލްއަށް ކިޔަވާނީ އަޙްމަދިއްޔާއިންނެވެ.

ޒާނާ ހުރީ އެއްވަނަ ލިބޭނެ ކަމުގެ ޔަޤީންކަމުގައި

އޯލެވެލްއިން އެއްވަނަ ލިބުނުކަން ޒާނާ ގާތުގައި ބުނީ އޭނާގެ މަންމައެވެ. އޭރު އޭނާ އޮތީ ނިދާފައެވެ.

"ނިދާފައި އޮތްވައި ގޮވާލާފައި މަންމަ ބުނީ އެއްވަނައޭ ލިބުނީ" ޒާނާއަށް އެވަގުތު ލިބުނީ ސަޕްރައިޒްއެކެވެ. އޭނާއަށް އެވަގުތުވި އުފާ ބުނަދޭން ވެސް ނޭނގުނެވެ.

" އެއްވަނަ ލިބޭނެ ކަމަށް އުއްމީދު  ކުރި ނަމަވެެސް އެ ވަގުތު ލިބުނީ ސަޕްރައިޒެއް. އުއްމީދު ކުރި ނަތީޖާ ލިބި، އާއިލާއާއި މުޅިރަށަށް ހިނިތުންވުން ގެނެސްދެވުމުން އެ އުފާ އެތައް ހާސް ގުނައެއް އިތުރުވި " ދަރިވަރު ނޫހާ ވާހަކަދައްކަމުން ޒާނާ ބުންޏެވެ.

ޒާނާއަށް މަރުޙަބާކިޔަން އެތައް ބަޔަކު ގުޅިއެވެ. އާއިލާގެ މީހުންނާއި ދަންނަ ރައްޓެހިންނާއި އާއިލާގެ ރައްޓެހިންނެވެ. ސްކޫލުގެ ޓީޗަރުންނާއި މުވައްޒަފުންނެވެ.

ޒާނާ ބުނީ، އޭނާއަކީ ކިޔެވުމަށް ވަކި ވަގުތެއް ހުސްކޮށްގެން ކިޔެވި ކުއްޖެއް ނޫން ކަމަށެވެ. ކިޔަވަން ބޭނުންވާ ކޮންމެ ވަގުތަކީ އޭނާ ކިޔަވަން އިށީންނަ ވަގުތެކެވެ. ގިނަ ވަގުތު ކިޔެވުމުގައި ހޭދަކުރުމަށްވުރެ އޭނާ ބަލަނީ ކިޔަވާ ވަގުތަކީ "ކޮލިޓީ" ވަގުތަކަށް ހަދައި އެ ވަގުތު ބޭނުން އެންމެ ފުރިހަމައަށް ހިފާށެވެ. މުދައްރިސުން ނަގައިދޭ ފިލާވަޅުތައް ދަސްކުރަން އެހާ ގިނަ ވަގުތެއް އޭނާ ނުނަގައެވެ. އަބަދުވެސް ދަނީ ރިވައިސްކުރަމުން ނޭނގޭ އެއްޗެއް އޮތްތޯ ބަލަމުންނެވެ.

"އެއްއިރެއްގައި ވެސް ކިޔަވަން ހުސްވެގެން ނުހުންނަން. މަދުވަގުތެއްގައި ފޯކަސްކޮށްގެން ކިޔަވަނީ" ޒާނާ ބުންޏެވެ.

ސައިންސް ސްޓްރިމަށް ކިޔެވި ޒާނާ ޓިއުޝަނަކަށް ނުދެއެވެ. އެކްސްޓްރާ ގަޑިތަކަށް ވެސް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ ކިޔެވީ ސްކޫލުގެ ގަޑީގައެވެ.

"ޓިއުޝަނެއް ނެތި މިފަދަ ނަތީޖާއެއް މި ނެރެވުނީ ސްކޫލުގެ ޓީޗަރުން ކޮށްދިން ބުރަ މަސައްކަތުގެ ނަތީޖާއިން. އެއީ އަޞްލު މި ނަތީޖާގެ ހައްޤުވެރިންނަކީ" ޒާނާ ބުންޏެވެ.

ޒާނާ ބުނީ، ކިޔަވާށޭ ކިޔާފައި ހޭލައި ނުހުންނަކަމަށެވެ. ބަރާބަރަށް ނިދި ހަމަކޮށް ކޮންމެ ދުވަހަކު ވެސް ސްކޫލަށް ދަނީ ވީހާވެސް "ފްރެޝް" ކޮށް ފިލާވަޅަށް ތައްޔާރުވެގެން ކަމަށެވެ.

އޯލެވެލްގެ އިމްތިޙާނު ނިމުނުއިރުވެސް ޒާނާ ހުރީ އެއްވަނަ ލިބޭނެކަމަށް ނިންމައިގެންނެވެ. އެހާ ވެސް އޭނާއަށް ޔަޤީންކަން އޮތެވެ.

"މަންމަ ކައިރީގައި ވެސް ބުނަން އެއްވަނަ ލިބޭނެއޭ. އެ ޔަޤީންކަން އޮތް އަބަދުވެސް"

ޒާނާ ބުނިގޮތުގައި، ކިޔެވުމުގައި އޮތީ ހަސަދަވެރިކަމެއް ނެތް ވާދަވެރިކަމެވެ. ގަދަ ދިހައެއްގައި ހިމެނު ގެމަނަފުށީ ސްކޫލްގެ ތިން ކުދިންނަކީ ވެސް އެއްކޮށް އުޅުނު އެންމެ ގާތް އެކުވެރިންނެވެ. އެންމެން އެކީގައި ކިޔެވުނީ އެހެންވެއެވެ. އެކަކުއަނެކަކަށް އެހީތެރިވެ އެކަކަށް ނޭނގޭ އެއްޗެއް އަނެކަކަށް ބުނެދެވުނީމައެވެ.

"ކިޔެވުމުގައި ވާދަވެރިކަން އޮންނާނެ. އެކަމަކު ނޭދެވޭ ގޮތުގައި ނޫން. އެ ވާދަވެރިކަމުގެ ސަބަބުން ކިޔެވުމަށް ލިބުނީ އެހީތެރިކަމާއި އެއްބާރުލުން"

އޯލެވެލްއިން ރަނގަޅު ނަތީޖާއެއް ހޯދަން މަސައްކަތް ކުރުމާއެކު ފަސްވަގުތު ނަމާދަށް ފަރުވާތެރިވެ ދުއާކުރުން ގިނަ ކުރިއެވެ. އަދި ޤުރުއާން ހިތުދަސްކުރަމުން ދާތީ ފިލާވަޅު ދަސްކުރަން އެކަމުގެ ސަބަބުން ފަސޭހަތަކެއްވިއެވެ.

"ޤުރްއާން ދަސްކުރުމަކީ އެއީ ހިތްއަލިކޮށްދޭ ކަމެއް. އޭގެ ސަބަބުން ފިލާވަޅު ދަސްކުރަން ވަރަށް ފަސޭހަ" ހަތް ފޮތް ހިތުން ދަސްކޮށްފައިވާ ޒާނާ ބުންޏެވެ.

ޒާނާ ހުރީ ރަށުގައި ހުރެގެން އޭލެވެލްއަށް ކިޔެވޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް ގެމަނަފުށީ ސްކޫލުގައި އޭލެވެލް މި އަހަރު ފެށޭނެ ކަމުގެ އުއްމީދެއް އަދި ނެތެވެ. ރަށުން ނުކިޔެވޭ ހާލަތެއްގައި އޭނާގެ މިސްރާބު ހުރީ ސީއެޗްއެސްއީއަށެވެ.

ޒާނާ ބުނީ، އޭނާގެ ކާމިޔާބީގައި މަންމައާއި ބައްޕައަކީ ވަރަށް މުހިންމު ބައެއް ކަމަށާއި ކިޔެވޭނެ މާހައުލެއް ޤާއިމްކޮށްދިނުމަކީ އެއީ އޭނާއަށްޓަކައި މަންމައާއި ބައްޕަ ކޮށްދިން އެންމެ މުހިންމު ކަންތައް ކަމަށެވެ. އެކަމަށްޓަކައި އެ ދެމީހުންނާއި އަދި އާއިލާ އާރި ރައްޓެހިންނަށް ވެސް އޭނާ ޝުކުރުއަދާކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *