ނަތީޖާ އެންމެ ރަނގަޅު ނުވިޔަސް އޭލެވެލްއަށް ކިޔެވޭނެ މަގު އޮތީ ފަހިވެފައި ކަމަށާއި އެ ފުރުޞަތުގެ ބޭނުން ހިފުމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު އިލްތިމާސް ކުރައްވައިފިއެވެ.
އޯލެވެލްގެ ނަތީޖާ މިއަދު ދޫކުރާއިރު، ދަރިވަރުންނަށް ދެއްވި ނަޞޭހަތެއްގެ ގޮތުގައި އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވަނީ، މަތީ ސާނަވީ މަރުހަލާގައި ކިޔެވުމާއެކު ކުރިއަށްދިއުމުގެ ތަފާތު މަގުތަކެއް ތިޔަކުދިންނަށް މިހާރުވަނީ ފަހިވެފައިވާ ކަމަށެވެ. އެއީ އޭލެވެލްއަށް ކިޔަވާ ދަރިވަރުންގެ އަދަދު ބޮޑުތަނުން އިތުރުކޮށް ފުރުޞަތު އިތުރު ކުރުމުގެ ގޮތުން ގުރޭޑް 11 އާއި 12އަށް ވަނުމުގެ އުޞޫލަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
އެ ބަދަލާއެކު އޭލެވެލްއަށް ކިޔަވަން ބޭނުންވާ ކޮންމެ ދަރިވަރަކަށްހެން ފުރުޞަތު ވަނީ ތަނަވަސްވެފައެވެ.
އަލަށް އެކުލަވާލި އުޞޫލުގައި އޭލެވެލްއަށް ކިޔެވޭނެ ތިން މަގެއް ވަނީ ހުޅުވާލަދީފައެވެ. އެއީ، އެކަޑަމީކް ސްޓްރީމް މަގާއި، ސްކޫލްތަކުގައި ކުރިއަށް ގެންދާ (ސްކޫލް – ބޭސްޑް) ވޮކޭޝަނަލް އެޑިޔުކޭޝަން އާއި މަސައްކަތުގެ މާހައުލުގައި (ވޯކް ބޭސްޑް) ކިޔެވުމުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.
މިނިސްޓަރު ވިދާޅުވަނީ، އޯލެވެލްއިން ލިބޭ ނަތީޖާއަކީ ކިޔެވުން ހުއްޓާލަން ނިންމާ ދުވަސްކަމުގައި ނުހަދަން އިލްތިމާސްކޮށްފައެވެ. ހުރިހާ ދަރިވަރުންނަކީ އެކަޑަމިކް ނަތީޖާ އެންމެ ރަނގަޅު ދަރިވަރުންކަމުގައި ނުވެދާނެ ކަމަށާއި ނަމަވެސް ކޮންމެ ކުއްޖަކީ މިހާރު ހުޅުވާލެވިފައިމިވާ ކޮންމެވެސް އެއް ލާރނިންގ ޕާތުވޭއެއްގައި ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކުއްޖެއްކަމުގެ އުއްމީދު ކުރައްވާކަން އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"އޯލެވެލްގެ ނަތީޖާއަކީ ތިޔަ ދަރިވަރުންގެ ކިޔެވުމުގައި ސިއްކަ ޖެހޭ ދުވަސް ކަމުގައިވެފަވަނީ މާޒީގައި. މިއިންކޮންމެވެސް އެއް ލާރނިންގ ޕާތުވޭއެއް އިޚުތިޔާރުކޮށް، ﷲގެ ޙަޟްރަތުން ކާމިޔާބީއަށް އެދުމާއެކު، ދިރިއުޅުމުގެ މާހައުލަށް ފައްކާވުމަށް ތައްޔާރުވާށެވެ." ލިޔުން ނިންމާލައްވަމުން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
advertisment
ހިޔާލު