ހެނބަދޫ ސްކޫލުގެ ނޫރުލް ޤުލޫބް ޙިފްޡު ޕްރޮގްރާމުގެ ފުރަތަމަ އިމްތިޙާނުން 16 ދަރިވަރުން ފާސްވެއްޖެ

ނ. ހެނބަދޫ ސްކޫލާއި ހެނބަދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންދާ [ނޫރުލް ޤުލޫބް] ޙިފްޡު ޕްރޮގްރާމުގެ ފުރަތަމަ އިމްތިޙާނުން 16 ދަރިވަރުން ފާސްވެއްޖެއެވެ.

"ނޫރުލް ޤުލޫބް"ގެ ނަމުގައި 73 ދަރިވަރުންނާއެކު، ކީރިތި ޤުރުއާން ހިތުދަސްކުރުމުގެ މި ޕުރޮގްރާމް އެ ސުކޫލުގައި ފެށީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުގައެވެ.

ހެނބަދޫ ސުކޫލު ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށާއި، ޤުރުއާން ހިތުދަސް ގިނަ ދަރިވަރުންތަކެއް އުފެއްދުމުގެ މާތް މަޤުޞަދުގައި ފެށި މި ޕުރޮގްރާމްގެ ފުރަތަމަ އިމްތިޙާނު ނިންމައި މިއަދު ވަނީ ނަތީޖާ ފާޅުކޮށްފައެވެ. މިކަމަށް މިއަދު ބޭއްވި ޚާއްޞަ އެސެމްބްލީގައި ހެނބަދޫ ސްކޫލުގެ ޕުރިންސިޕަލް އިލްހާމް ޢަލީ ވަނީ ދަރިވަރުންނަށާއި ބެލެނިވެރިންނަށް މި ބުރަ މަސައްކަތައިގެން ކުރިއަށް ދިޔުމަށް ހިތްވަރުދެއްވާފައެވެ. އަދި ހެނބަދޫ ސުކޫލުގެ އިސްލާމް ކުލަބުގެ އިންޗާޖު އައްޝައިޚް ސާޖިދު މުޙައްމަދު ވަނީ މިދިޔަ 87 ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޕްރޮގްރާމް ކުރިއަށްދިޔަގޮތާއި އިމްތިޙާނުގައި ދަރިވަރުން ހޯދި ކާމިޔާބީގެ މައްޗަށް އެސެމްބުލީގައި ވާހަކަދައްކަވައި އަލިއަޅުވައިލައްވާފައެވެ.

މި ޕުރޮގްރާމްގައި ދަރިވަރުން އިމްތިހާންކުރުމާއި ފާސްވާ ދަރިވަރުންނަށް އިނާމުދިނުމުގެ ރަސްމިއްޔާތު ކުރިއަށްގެންދަނީ ހެނބަދޫ ސުކޫލުން ކަމަށްވާއިރު، މި ޕުރޮގްރާމް ވިލަރެސްކުރުމުގައި އެ ސުކޫލުގެ އިސްލާމް ކުލަބުންވަނީ މުހިންމު ޤަވާޢިދުތަކަކާއި އުޞޫލުތަކެއް އެކުލަވައިލައިފައެވެ. އެގޮތުން އިސްލާމްކުލަބުގެ އިރުޝާދުގެ ދަށުން ދަސްކުރުމާއި މުރާޖަޢާކުރުން، ދަރިވަރުން ގޭގައި ކުރިއަށްގެންގޮސް ރެކޯޑް ޝީޓް ފުރިހަމަކުރުމަށްފަހު، މަހަކު އެއްފަހަރު މި ޕުރޮގްރާމަށް ޚާއްސަކޮށް ހެދިފައިވާ ފައިލް ޗެކްކުރުމަށް ދަރިވަރުން ބެލެނިވެރިޔާއާއެކު ހާޒިރުވާންޖެހެއެވެ. އެއަށްފަހު، ދަރިވަރުން އިމްތިޙާނަށް ހާޒިރުވާންޖެހެނީ ކުލަބުން ކަނޑައަޅާ ދުވަސްތަކެއްގައި، ޓާމަކު އެއް ފަހަރެވެ. ކީ ސުޓޭޖު 1 ން މަތީގެ ދަރިވަރުންނަށް އިމްތިޙާނުގައި ބައިވެރިވެވޭނީ މަދުވެގެން 1 ފޮތް ދަސްކުރުމަށްފަހުގައެވެ. ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ބައި ފޮތުން ބައިވެރިވެވެއެވެ. ދަރިވަރު ބައިވެރިވާ ކޮންމެ ފޮތަކުން 5 ފޮޅުވަތުގެ 5 ސުވާލު އިމްތިޙާނުގައި ކުރެއެވެ. އިމްތިޙާނުން ދަރިވަރު ފާސްވަނީ ކުރާ 5 ސުވާލަށްވެސް ރަނގަޅަށް ޖަވާބުދީގެންނެވެ. މި އިމްތިޙާނުގައި ދަރިވަރަށް އެއްފަހަރާ ބައިވެރިވެވެނީ ގިނަ ވެގެން 5 ފޮތުންނެވެ. އިމްތިޙާންކުރެވެނީ ދުވާލަކު ފޮތަކުންނެވެ. ޤަވާޢިދުގައިވާގޮތުން ފުރަތަމަ އިމްތިޙާނަށްފަހު ދެން އަލަށް ދަސްކުރާ ކޮންމެ ފޮތެއް އިމްތިހާންކުރެވެނީ، ކުރިން ދަރިވަރު ދަސްކޮށްފައިވާ ފޮތްތަކުގެ ތެރެއިން އިސްލާމް ކުލަބުން ކަނޑައަޅާ ވަކި ފޮތަކުން 5 ފޮޅުވަތުގެ 3 ސުވާލު ކުރުމަށްފަހު އެ ސުވާލުތަކުން ފާސްވެގެންނެވެ.

ނޫރުލް ޤުލޫބްގެ ނަމުގައި ހެނބަދޫ ސުކޫލުގައި މިއަހަރު ފެށި ޙިފްޡު ޕުރޮގްރާމް ސުޕޮންސަރކޮށްދެއްވާފައި ވަނީ ހެނބަދޫ ކައުންސިލުންނެވެ. މި ޙިފްޡު ޕުރޮގްރާމްގެ ފުރަތަމަ އިމްތިހާނުގެ ނަތީޖާ ފާޅުކުރުމަށް މިއަދު ބޭއްވި ޚާއްޞަ އެސެމްބުލީގައި، ފާސްވި ދަރިވަރުންނަށް ފައިސާގެ އިނާމާއި ޓުރޮފީ އަދި ހަނދާނީލިޔުން ދީފައިވެއެވެ. އެގޮތުން ހިތުދަސްކުރި ކޮންމެ ފޮތަކަށް 250 ރުފިޔާގެ މަގުން ދަރިވަރުންނަށްވަނީ ފައިސާގެ އިނާމު ދެވިފައެވެ. އަހަރަކު މަދުވެގެން 5 ފޮތް ދަސްކޮށް، 6 އަހަރުގެ މުއްދަތުން ހާފިޒަކު އުފެއްދުމުގެ އަމާޒުގައި ފެށި މި ޕުރޮގްރާމްގެ ފުރަތަމަ އިމްތިޙާނުން ފާސްވި ދަރިވަރުންނަކީ:
އައިރާ ބިންތު އަޙްމަދު (UKG)
ޢަލްޔާ ބިންތު އަޙްމަދު (ގްރޭޑް 2)
ޒާނާ ބިންތު ބާޤިރު ސަލީމް (ގްރޭޑް 3)
ޔޫސުފް ބިން ސަޢީދު (ގްރޭޑް 3)
ޞަފާ ޢައްބާސް (ގްރޭޑް 4)
ފާޠިމަތު ޝިބާ ފަރުހާދު (ގްރޭޑް 4)
ސާލިމް ބިން ސަޢީދު (ގްރޭޑް 5)
ޢާއިޝަތު ބިންތު ސާޖިދު (ގްރޭޑް 6)
އާމިނަތު އައިލިޝް ބިންތު އަހްމަދު (ގްރޭޑް 6)
އީލާފް އަޙްމަދު (ގްރޭޑް 6)
މަރްޔަމް އަމާނީ މުޙައްމަދު (ގްރޭޑް 7)
ޢާއިޝަތު ޝިރާ ޝިފާއުﷲ (ގްރޭޑް 8)
މުޙައްމަދު ޢާލިމް ބިން ސަޢީދު (ގްރޭޑް 8)
ޢާއިޝަތު ހައިފާ ބިންތު އިބްރާހިމް ސިޔާހް (ގްރޭޑް 8)
އިބްރާހިމް ސަމާޙް ވަޙީދު (ގްރޭޑް 9)
ސަދާން މުޙައްމަދު (ގްރޭޑް 10)
މި ޕުރޮގްރާމްގެ ދެ ވަނަ އިމްތިޙާން އޮންނާނީ އަންނަ އޮކްޓޫބަރު މަހުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *