ސްޕެއިންގައި ކިޔަވާ ދަރިވަރުންގެ ތެރެއިން ޓޮޕް އަޕް ލޯނަށް ޝަރުޠު ހަމަވީ 52 ދަރިވަރުން

ސްޕެއިންގައި ކިޔަވާ ކުދިންގެ ތެރެއިން ޓޮޕް އަޕް ލޯނަށް ޝަރުޠު ހަމަވީ ލޯނަށް ހުށައެޅި 72 ދަރިވަރުންގެ ތެރެއިން 52 ދަރިވަރުން ކަމަށް މަތީ ތަޢުލީމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.

ސްޕެއިންގައި 127 ދަރިވަރުން މިހާރު ކިޔަވަމުންދާއިރު، ޓޮޕް އަޕް ލޯނަށް ޝަރުޠު ހަމަވި ކޮންމެ ދަރިވަރަކަށް 700،000 ރުފިޔާ ލޯނުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދީފައިވެއެވެ. ސްޕެއިންގައި ވިއްސަކަށް ދަރިވަރުން ޕައިލެޓްކަން ކިޔަވަމުންދާއިރު އެ ހުރިހާ ކުދިންނަށް ލޯން ހަމަޖައްސައިދީފައިވެއެވެ.

ސްޕެއިންގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން އެ ދަރިވަރުން ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށައެޅި ޕެޓިޝަނަށް ޖަވާބު ދެއްވަމުން ވަޒީރު، ޑރ އަލީ ހައިދަރު ވިދާޅުވީ، އެ ދަރިވަރުންނާއެކު އޮންލައިންކޮށް ބައްދަލުކޮށްފައިވާ ކަމަށާއި އެ ދަރިވަރުންގެ ކަންބޮޑުވުންތަކާއި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ދަރިވަރުންނާ މުއާމަލާތް ކުރުމަށް ވަޓްސްއެޕް ނަމްބަރެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

ޑރ، ހައިދަރު ވިދާޅުވީ، ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނަށް ފަސޭހައިން ވިސާ ހޯދައިދިނުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށާއި ދަރިވަރުގެ ބަޔޮމެޓްރިކް ޑޭޓާ ހުށައެޅުމަށްފަހު، ވަގުތީ ގޮތުން ރާއްޖެ އަންނަ ދަރިވަރުންނާއި ވަކި މުއްދަތެއްގެ ކުރިން ބަޔޮމެޓްރިކް ޑޭޓާ ހުށައަޅާފައިވާ ދަރިވަރުންގެ ޕާސްޕޯޓްތައް ނިއުދިއްލީގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ފޮނުވައިގެން ސްޕެއިން އެމްބަސީއަށް ވިސާއަށް އެދި ހުށައެޅުމުގެ އިންތިޒާމު އެ މިނިސްޓްރީން މެދުވެރިވެގެން މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *