ޕްރޮގްރާމް އޮޑިޓް ފުރިހަމަނުކޮށް ދަރިވަރުންނަށް ސަނަދުދިން ދެ މަރުކަޒަކަށް އެމްކިޔުއޭއިން ނަސޭހަތުގެ ނޯޓިސް

ޕްރޮގްރާމް އޮޑިޓް ފުރިހަމަނުކޮށް ދަރިވަރުންނަށް ސަނަދުދިން ދެ މަރުކަޒަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ނަސޭހަތުގެ ނޯޓިސްދީފިއެވެ.

އެމްކިޔުއޭގެ ބަޔާނުގައި އޮޑިޓް ފުރިހަމަ ނުކުރާ މަރުކަޒު ތަކުގެ އަދަދެއް ހިމަނާފައިނުވެއެވެ. ނަމަވެސް އޮޑިޓް ނުކޮށް، ގުރެޖުއޭޝަންގައި ސަނަދު ދިން މައްސަލައިގައި މަތީ ތައުލީމު ފޯރުކޮށްދޭ ދެ މަރުކަޒަކަށް ނަސޭހަތުގެ ނޯޓިސްދިންކަން އެމްކިޔުއޭއިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްކިޔުއޭގެ ޕްރޮގްރާމް އޮޑިޓް ނަހަދާ ސަނަދު ދެމުންދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޕްރޮގްރާމް އޮޑިޓް ފުރިހަމަނުކޮށް ބައެއް މަރުކަޒުތަކުން ކުރިއަށް ގެންދާ ގުރެޖުއޭޝަންގައި ދަރިވަރުންނަށް ސަނަދުދެމުން އަންނަކަށް އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ހުއްދަ ނުހޯދާ މިބައިލްކޮށް އެކި ރަށްރަށުގައި ކުރިން އެޕްރޫވްކޮށްފައިވާ ޕްރޮގްރާމް ހިންގާ، އެ ޕްރޮގްރާމްގެ އޮޑިޓް ފުރިހަމަނުކޮށް ސަނަދުދެމުން އަންނަކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިފަދަ ސަނަދުތަކަކީ އެމްކިޔުއޭއިން ޤަބޫލުކުރާނެ ސަނަދުތަކެއް ނޫންކަން އަންގާ އެ ގޮތަށް އެކަން ނުކުރުމަށް އެދި އެ މަރުކަޒުތަކަށް ކުރިން ވެސް ވާނީ ނަސޭހަތްތެރިވެފައި" ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ވުމާއެކު އެކަން ތަކުރާރު ނުވާނެ ގޮތަށް ކުރިއަށް ގެންދިއުމަށާއި އަދި ކުރިއަށް އޮތް ތަނުގައި ތަކުރާރުވާނަމަ އެފަދަ މަރުކަޒުތަކަށް ފިޔަވަޅު އަޅާނެ ކަމަށާއި ފަހުން އޮޑިޓަށް ހުށައެޅި ނަމަވެސް އެ ސަނަދުތައް ބަލައިނުގަންނާނެ ކަމަށް ވެސް އެމްކިޔުއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *