ހުއާވޭ ކުންފުނީގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާނެ ހަތަރު ދަރިވަރުން ހޮވައިފި

އައިސީޓީ ދާއިރާގައި ޒުވާނުން ބިނާކުރުމަށް ހިންގާ ޗައިނާގެ ހުއާވޭ ކުންފުނީގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި މި ރާއްޖޭގެ ފަރާތުން ބައިވެރިވާނެ ހަތަރު ދަރިވަރުން ހޮވައި އެ ދަރިވަރުންނާ ލިޔުން ހަވާލުކޮށްފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ މަތީ ތަޢުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރުގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އޮނަރަބަލް މިސްޓަރ ކޮންގް ޒިއަންހުއެވެ. އަދި މި ރަސްމިއްޔާތުގައި ވާވޭ މޯލްޑިވްސްގެ ކަންޓްރީ ޑިރެކްޓަރ ޗޭން ކެޔަންގް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުވާވޭގެ "ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވަނީ ވިލާ ކޮލެޖްގެ ދެ ދަރިވަރުންނާއި އެމްއެންޔޫގެ ދަރިވަރަކާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖްގެ ދަރިވަރެކެވެ. މި ޕްރޮގްރާމުގައި ތަފާތު ޓްރެއިނިންގ ޕްރޮގްރާމް ތަކާއި ސަޤާފީ އެތައް ކަންތައްތަކެއް ތަޖުރިބާކޮށް ދަސްކުރާނެއެވެ.

"ސީޑްސް ފޯ ދަ ފިއުޗަރ" ޕްރޮގްރާމުގައި ރާއްޖެއިން ބައިވެރިވާ ދަރިވަރުން

  • އިޔާން އަޒީޒު ( އެމްއެންޔޫ)
  • ޒަޔާން އަބްދުﷲ ނާޒިލް (ވިލާ ކޮލެޖް)
  • ޔޫސުފު އަޔާން މުސްތާޤު (ވިލާ ކޮލެޖް)
  • އަފާ އިސްމާއިލް  (ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖް)

ސީޑްސް ފޯ ދަ ފިއުޗާ އަކީ ކޯޕަރޭޓް ލެވެލްގައި ވާވޭގެ ފްލެގްޝިޕް ސީއެސްއާރު ޕްރޮގްރާމެވެ. ކުރު މުއްދަތުގެ ތަމްރީނުތަކާއި، ބައިނަލްއަޤްވާމީ މުބާރާތްތަކާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ވަށައިގެން މިހާރު ކުރިއަށްދާ އެލުމްނައި ޙަރަކާތްތަކުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން ހުނަރުވެރިން ހޮވައިގެން، އިންޑަސްޓްރީގެ އިނޮވޭޝަން ދެނެގަތުމަށާއި، ކްރޮސް ކަލްޗަރަލް އެކްސްޗޭންޖްތައް ތަޖުރިބާކޮށް، ވިޔަފާރިވެރިކަމުގެ ރޫޙު އަށަގެންނެވުމަށް މުހިންމު ޕްލެޓްފޯމެއް ލިބިގެންދެއެވެ. މި ޕްރޮގްރާމުގެ މައިގަނޑު އަސާސްތަކުގެ ގޮތުގައި ޤައުމިއްޔަތާއި އިންކްލޫސިވިޓީގެ ތަފާތުކަން ހިމަނާފައިވާއިރު، އަންހެން ދަރިވަރުންގެ ބައިވެރިވުމުގެ ރޭޓް މަދުވެގެން ތިންބައިކުޅަ އެއްބަޔަށް އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

ސީޑްސް ފޯ ދަ ފިއުޗާގައި މިދިޔަ އަހަރު ވެސް ހަތަރު ދަރިވަރަކު ރާއްޖެއިން ބައިވެރިވެފައިވެއެވެ.

2008 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ ފައިދާ 141 ޤައުމުތަކެއްގެ 500 އަށްވުރެ ގިނަ ޔުނިވަރސިޓީތަކުގެ 18،000 ދަރިވަރުންނަށް ވަނީ ލިބިފައެވެ. ރާއްޖޭގެ ދަރިވަރުންނަށް މި ޕްރޮގްރާމުގައި ބައިވެރިވާން ފެށީ ހުސްވި އަހަރުން ފެށިގެންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *